ޖަމިއްޔަތުލް ސަލަފަކީ ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމިއްޔާއެއް ކަމުގައި ކަނޑައަޅައި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅިގެންނާއި، ހައްދުފަހަނައަޅާފައިވާ ފިކުރުގެ ހަރަކާތްތަކަށް އެ ޖަމިއްޔާއިން ފަންޑު ކުރިތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު ދިރާސާކޮށް، މަޖިލީހުގެ ސަލަމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ، ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާރާއްޖޭގައި ހައްދުފަނައަޅާފައިވާ ފިކުރުގެ ޖަމިއްޔާ ޖަމާއަތްތަކެއްގެ ލިސްޓެއް އާންމުކޮށްފައެވެ. އެ ލިސްޓުގައި ހިމެނޭ ހަތަރު ޖަމިއްޔާ ޖަމާއަތަކީ:
- ޖަމިއްޔަތުލް ސަލަފު
- ރާއްޖޭގައި ހިންގާ އަލްގައިދާގެ ޖަމާއަތް
- އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފި ޖަމާއަތް
- ސީރިއާއާއި އިރާގުގައި ހރަކާތްތެރިވާ ޖަބްހަތުއްނުސްރާއަށް ވާގިވެރިވާ އަލްގައިދާގެ ޖަމާއަތް
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކޮމިޝަނުގެ ރިޕޯޓު ދިރާސާކުރުމަށްފަހު އެކުލަވާލި ރިޕޯޓުގައި ރިކޮމެންޑޭޝަންތަކެއް ހުށަހަޅާފައިވާ އިރު، އޭގެ ތެރޭގައި ޖަމިއްޔަތުލް ސަލަފުގެ މާލީ ހިސާބުތައް ހޯދުން ހިމެނެއެވެ.
އެގޮތުން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ އިތުރުން ހައްދުފަހަނައަޅާފައިވާ ފިކުރުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ބަދަލުކުރެވިފައިވާ ގޮތް ނުވަތަ ފައިނޭންޝަލް ޓްރާންސެކްޝަންތައް ހިންގާފައިވާ ގޮތާއި، ބަދަލުކުރެވިފައިވާ ފައިސާގެ މިންވަރު ދެނެގަތުމަށްޓަކައި ޖަމިއްޔަތުލް ސަލަފުގެ 2012 އިން 2018 އަށް ހަރަދުތައް ހިނގާފައިވާ ގޮތުގެ ތަފްސީލާއި އަހަރީ ހިސާބުތައް އެނގޭނެ ރިޕޯޓެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާއިން ހޯދުމަށް ކޮމިޓީ ރިޕޯޓުގައި ޖަހާފައިވެއެވެ.
މީގެ އިތުރުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމިއްޔާ ޖަމާއަތްތައް ކަމަށް ލިސްޓުކޮށްފައިވާ ހަތަރު ޖަމާއަތަށް ލަސްނުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްވެސް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވެއެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ގޮތްނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ނެރނު ރިޕޯޓުގައި، ޑރ. އަފްރާޝީމްގެ ފަހަތުގައި ނަމާދުނުކުރުމަށް އެދި ޖަމިއްޔަތުލް ސަލަފުން ނެރުނު ގަރާރެއްގެ ވާހަކަތައް ލިޔެފައިވެއެވެ. އަދި އެ ރިޕޯޓު އެކުލެވިގެން ވަނީ ސަލަފުގެ އަމަލުތަކުން ހަރުކަށި ފިކުރުގެ މީހުންނަށް ޑރ. އަފްރާޝީމް މަރާލަން ހިތްވަރު ލިބުނުކަމަށް ދޭހަވާ ގޮތަކަށެވެ.
މިއާއެކު މި ހަފްތާ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުންތަކެއް ޖަމިއްޔަތުލް ސަލަފު އުވާލުމަށް ވަނީ ގޮވާލާފައެވެ.
ސަލަފް ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ މީހުން އެކި ފަހަރު މަތިން ޑރ. އަފަރާޝީމަށް ކުރިމަތިކުރުވަމުން ދިޔަ ނުރައްކަލުން ނަޒަރު އެއްކިބާކޮށް، ހަމައެކަނި ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކުން ޑރ. އަފްރާޝީމްއަށް ދީފައިވާ ރައްދުތައް އޭނާގެ މަރާ ގުޅުވުމަކީ މާނައެއް ނެތް ކަމެއް ކަމަށާއި އެއީ ނުބައި އެޖެންޑާއެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ.
އަދި ރިޕޯޓު އެކުލަވާލާފައި ވަނީ ހަގީގަތުގައި ޖަމިއްޔަތުލް ސަލަފު ނޭނގި ތިބެ، ޖަމިއްޔަތުލް ސަލަފާއި އަދާވާތްތެރި ވަކި ބައެއްގެ އެންގުމުގެ މައްޗަށް ކަމަށާއި އެހެންކަމުން މަރު ކޮމިޝަނުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭކަމަށް ސަލަފުން ބުންޏެވެ.
ހައްދުފަނައަޅާފައިވާ މީހުންނަކީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ލަފާގެ ދަށުން މަސައްކަތްކުރާ ބައެއް ނޫންކަމަށްވެސް ސަލަފުން ބުންޏެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި ހައްދުފަނައަޅާފައިވާ މީހުން ރާއްޖޭގެ ދީނީ އިލްމުވެރިން ދެއްވާ ދަތުރުތަކާ މެދު ހިތްހަމަނުޖެހިގެން ފާޅުކުރާ ހިޔާލުތަކުން، އެނގެނީ އެ މީހުން ދެކޭ ގޮތުގައި ރާއްޖޭގެ ދީނީ އިލްމުވެރިންނަކީ އެކި ސަބަބުތަކާ ހުރެ ދީނުން ބޭރުވެފައިވާ ބައެއްކަން ކަމަށެވެ.
ސަލަފަށް ފިޔަވަޅު އެޅުމަކީ، ރާއްޖޭގައި ސެކިއުލާ ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވަން ކުރި ކަމެއް ކަމަށްވެސް އެ ޖަމިއްޔާއިން ތުހުމަތު ކުރިއެވެ. އަދި ސެކިއުލާ ފިކުރާއި ދީނީ ހައްދުފަނައެޅުން ހުއްޓުވުމަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އެ ޖަމިއްޔާއިން އިލްތިމާސް ކުރިއެވެ