މަ ލޯތްބެއް ދެން ނުވާނަމޭ... - (ފުރަތަމަ ބައި)

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

ދި ގްރޭންޑް ހޮސްޕިޓަލްގެ ވީ.އައި.ޕީ ރޫމް ދިހައެއްގެ އެތެރޭން އިވެމުން ދިޔަ މެޝިން ތަކުގެ ބީޕް އަޑު މެދު ނުކެނޑެއެވެ. ތަފާތު އެކި ވައްތަރުގެ ހޮޅިތައް ގުޅާފައި އޮތް މެދު އުމުރުގެ މީހާ, ކައިރި ގޮނޑީގައި އިން މީހާ ގާތު ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރަމުން ދިޔައެވެ. އެކަން އެނގިގެން ކަންނޭގެއެވެ. ގާތުގައި އިން ފިރިހެން މީހާ ކުޑަކޮށް ގޮނޑިން ތެދުވެލާ އެނދުގައި އޮތް މީހާއާއި ގާތްވެލިއެވެ.

"އާމިރު.... އަހަރެންގެ ދަރިފުޅު.... ބަލާދެއްޗޭ.... އަހަރެން ނެތް ދުނިޔެއެއްގަ.... އެ ދަރިފުޅު... މުޅިން އެކަނި ވާނެ... ތި އާއިލާގެ ކުއްޖެއްގެ ގޮތުގައި އެ ދަރިފުޅު ގެންގުޅެއްޗޭ... އަހަންނަކަށް ދެން މާ ގިނަ ދުވަހަކު މިހެން ނޯވެވޭނެ... އަހަރެންގެ ވަގުތު ޖެހެނީ ހެން ހީވަނީ... އަހަރެން ވަސިއްޔަތް ކުރަން... އާމިރު... އަހަރެން އިއްޔެވެސް ބުނި ގޮތަށް އަހަރެންގެ ކެބިންގައި ހުންނާނެ ހުރިހާ ލިޔެ ކިޔުމެއް... އެއިން އެއްވެސް އެއްޗެއް... އިތުރު މީހަކަށް ނުދައްކައްޗޭ... އެ ހުރިހާ އެއްޗެއް ކެބިންއިން ނަގައްޗޭ! އެއިން އެއްވެސް އެއްޗެއް އަހަރެންގެ ދަރިފުޅަށް ފެންނާކަށް ބޭނުމެއް ނޫން... އަހަރެން ބޭނުންވަނީ އެ ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވަން..." އާމިރުގެ ލޮލުގައި ވެސް ކަރުނައިގެ އަސަރު ވެއެވެ. އޭނާގެ ދުވަސްވީ އެކުވެރިޔާ ޖަލީލުއަށްޓަކާ އޭނާވެސް ދެރަވެއެވެ.

"އަހަރެންބޭނުން އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ދަރިފުޅު ދެކިލަން" އާމިރުއަށް ބަލާލާ ދެވަނަ ފަހަރުވެސް ޖަލީލު ވާހަކަ ދެއްކިއެވެ. އާމިރު ބޯ ޖަހާލީ އެ އެދުން ފުއްދަ ދޭނަމޭ ބުނާ ފަދައަކުންނެވެ.

"އަހަރެން ޑޮކްޓަރާ ވަހަކަ ދައްކާނަން... ޖަލީލު ގެ ތި އެދުން އަހަރެން ފުއްދަ ދޭނަން... އެ ހަޤީގަތް އަހަރެން ފޮރުވަދޭނަން..." އާމިރު ބުނެލިއެވެ. އެކުވެރިޔާގެ ހުރިހާ އެދުމެއް ފުއްދައިދޭން އާމިރު ވައުދުވިއެވެ.

*****

ހަތަރު ދުވަސް ފަސް

އާމިރު މަޑުކޮށްލައިގެން ހުރީ ހޮސްޕިޓަލްގެ އައި.ސީ.ޔޫގައެވެ. އިއްޔެ އޭނާގެ އެކުވެރިޔާގެ މަރަށްފަހު އަދިވެސް މޮޅިވެރިކަން އޭނާގެ ހިތުން ނުފިލައެވެ. އައި.ސީ.ޔޫ ގައި މި ވަގުތު ވެސް ފަރުވާ ދެމުންދާ އޭނާގެ އެކުވެރިޔާގެ ދަރިފުޅު އައިރީން އޮތީ ނާޒުކް ފައްތަރެއްގައެވެ. ހޭނާރާ އޮންނަތާ ހަތަރުދުވަސްވީއެވެ. ބައްޕަ ނިޔާވިއިރު މޫނު ބަލާލުމުގެފަހު ފުރުސަތުވެސް އެ ފަކީރަށް ނުލިބުނީއެވެ. ހޭއެރުމަށްފަހު ދެން ދުވަހަކުވެސް ބައްޕަ ނުފެންނާނެކަން އެނގުމުން އައިރީންއަށް ވާނީ ކިހިނެތް ހެއްޔެވެ؟ އައިރީންގެ ހުރިހާ ވެސް މީހަކީ ބައްޕައެވެ. މަންމަ ނިޔާވުމަށްފަހު އައިރީންގެ ހުރިހާ ކަމެއް ކޮށްދެމުން ދިޔައީ ޖަލީލުއެވެ. އެ ހިތާމަ އައިރީންއަށް ބަރުދާސްތު ކުރެވޭނެ ހެއްޔެވެ؟ އައިރީންގެ އެފަދަ ހިތްވަރެއް ހުންނާނެހެއްޔެވެ؟ ފަހު ފަހަރަށް އެ ބައްޕަގެ މޫނު ބަލާލުމުގެ ފުރުސަތު ނުލިބުމުން އެ ހިތް ފަޅައިގެން ގޮސްފާނެއެވެ.

އެތަނުގައި މަޑުކޮށްލައިގެން ހުއްޓާ ޑޮކްޓަރު ނުކުމެ ދިން ހަބަރުން އޭނާއަށް ﷲއަށް ހަމްދުކޮށް މޫނުގައި އަތް އަޅާލެވުނެވެ. އައިރީން ހޭއެރީއެވެ. އަވަސް އަވަހަށް އައި.ސީ.ޔޫ ތެރެއަށް ވަތް އާމިރު އައިރީންއަށް ބަލާލިއެވެ. ދެލޯ ހުޅުވާލައިގެން އޮތް އިރު އައިރީންގެ ކަޅި ދެ ފަރާތަށް ހިންގަމުން ދިޔަތަން އާމިރުގެ ލޮލުގައި އަޅައިގަތެވެ. އާމިރުއަށް ހިންދިރުވާލެވުނެވެ. އައިރީން އެ ހޯދަނީ ކާކުކަން އޭނާއަށް އެނގޭ ފަދައެވެ. މިވަގުތު އިތުރު އެއްޗެއް ބުނާނެ ހިތްވަރެއް އޭނާގެ ނެތެވެ.

މަޑުމަޑުން އައިރީން ކައިރިއަށް ހުއްޓިލާ އޭނާ އައިރީންގެ ބޮލުގައި ފިރުމާލިއެވެ. އައިރީން އޭނާގެ ދެލޮލުން ބަލަން އޮތް ގޮތުން ހުދު އާމިރުގެ ހިތަށް ވެސް ތަދުވިއެވެ.

އައިރީން ހޯދަމުން ދިޔައީ އޭނާގެ ބައްޕައެވެ. ލޯ ހުޅުވާލުމާއެކު އެދެވުނީ އެ ބައްޕަ ދުށުމަށެވެ. އެ ބައްޕަގެ ހާލު ބަލާލުމަށެވެ. އެ ދުވަހުގެ އެކްސިޑެންޓްގެ މަންޒަރުތައް އަދިވެސް އައިރީންގެ ލޯމަތިން ސިފަވަމުން ދާ ފަދައެވެ. އޭނާ އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ.

"ބައްޕަ...." އުނދަގުލުން އައިރީން ބުނެލިއެވެ. އާމިރުއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

"އައިރީން... ބައްޕަ... އެޑްމިޓް ކޮށްފަ އޮތީމަ ނާދެވުނީ... ބައްޕަގެ ހާލު ރަނގަޅު..." އާމިރު ބުނެލިއެވެ. އާމިރުގެ ވާހަކައިން އައިރީންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިންހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އިރުކޮޅަކު އައިރީން ގާތު ހުރެފައި އާމިރު ނުކުމެލިއެވެ. އޭނާގެ ބޭނުމަކަށް ވީ އައިރީންއަށް އަރާމުކޮށްލަން ފުރުސަތެއް ދިނުމެވެ.

ޑޮކްޓަރު ނުކުތުމާއެކު އާމިރު ވާހަކަ ދެއްކިއެވެ.

"ޑޮކްޓަރ... މިހާރު އައިރީންގެ ހާލަތު ރަނގަޅުތޯ؟" އާމިރު އަހާލިއެވެ.

"އަލްޙަމްދުލިއްﷲ... ވަރަށް ރަނގަޅު... މިއަދު ރޫމަކަށް ބަދަލުކުރާނަން" ޑޮކްޓަރު ބުނެލިއެވެ. އެދުވަހުގެ ހަވީރުގެ ވަގުތެއްގައި އައިރީން ރޫމަކަށް ބަދަލުކުރެވުނެވެ. އޭރު އާމިރުއާއި އޭނާގެ އަންހެނުން ފަލަކް ވެސް ހުއްޓެވެ.

"އައިރީން ފަކީރަށް ވާނީ ކިހިނެތް... އެ ފަކީރުގެ ހިތް ހަލާކުވާނެ އެއްނު ހަޤީގަތް އެނގުނީމަ..." ފަލަކް އާމިރު އާ ވާހަކަ ދެއްކީ ރޫމް ބޭރުގައި މަޑުކޮށްލައިގެން ހުރެއެވެ.

"އެކަމަކު ހުރިހާ ވާހަކައެއް ކިޔައިދެވޭނީވެސް އައިރީން ކުޑަކޮށް ހަމައަކަށް އެޅިލީމައެއްނު" އާމިރު ފަލަކްއަށް ބަލާލިއެވެ. އައިރީންއާ މެދު ކަންބޮޑުވެފައި ހުރި ވަރު އެ ދެ މަފިރިންގެ މޫނުމަތިން ހަމަ ރަނގަޅަށްވެސް ހާމަވަމުން ދިޔައެވެ.

ހަފްތާއެއް ފަސް...

ކާރު ރޯޒް ގާރޑެން ގޭގެ ގޭޓުން ވަތް އިރުވެސް އައިރީން އިނީ ގަބުވެފައެވެ. އެސްފިޔަތަކުގައި ހުރި ތެތްކަން ރަމްޒުކޮށްދެމުން ދިޔައީ އައިރީން ރޮއިފައި ވާކަމެވެ. މޫނުމަތި ފޮއްސިވެފައި ހުރިއިރު ދެލޯ ކައިރި ކޮންމެވެސް ވަރަކަށް ކަޅުވެ ދުޅަވެފައި ހުއްޓެވެ. އެހެންނަމަވެސް އައިރީންގެ މޫނުގެ ރީތިކަމަށް ބަދަލެއް ނާދެއެވެ.

ޤުދުރަތީ ގޮތުން އައިރީންއަށް ލިބިފައިވަނީ ވަރަށް ރީތި ސިފަތަކެކެވެ. ކަޅުކަން ގަދަ ކަޅިއަކާއި ބޮޑު ލޮލެކެވެ. މަޑު ފިޔާތޮށިކުލައަކަށްދާ ތުންފަތަކެވެ. އޮމާން ހަންގަނޑެކެވެ. މަޑު ފިޔާތޮށި ކުލައަކަށްދާ ޝޯލް އަކުން އިސްތަށިގަނޑު ނިވާކޮށްލާފައި ވާއިރު އެ ކުލަ އައިރީންއާއި ނުހަނު ގުޅެއެވެ.

ބައްޕައާއެކު ހޭދަވީ ކޮންމެ ދުވަހެއްގެ ހަނދާން ވަކި ވަކިން އައިރީންގެ ސިކުނޑީގައި ކުރެހި ބިންވަޅު ނެގެމުން ދިޔައެވެ. އެހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވަނީ އެ ހިތުގައި ޖަލީލުއަށް ދެވިފައިވި ލޯތްބެއްގެ ބޮޑުކަމުންނެވެ. ހިތްވަރު ކުރަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް އައިރީންގެ ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތީ އޭނާގެ އެއްވެސް އިޒުނައަކާ ނުލައެވެ.

"އައިރީން" ޚިޔާލުގެ ވާފަށް ކަނޑައިގެން ދިޔައީ ފަލަކްގެ އަޑު އިވުމާއެކުގައެވެ. ސިހިފައި ދެލޯ ފުހެލަމުން އޭނާ އިސް އުފުލާލިއެވެ. އޭރު ފަލަކް އިނީ ސީދާ އޭނާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އައިރީންގެ އަތުގައި ހިފާ އެ އަތަށް ފިއްތާލަމުން އޭނާ ބޯ ޖަހާލީ އައިރީންއަށް ހިތްވަރު ދޭ ފަދައަކުންނެވެ. ފަލަކްގެ ފަހަތުން ކަހަލަ ގޮތަކަށް އައިރީން ކާރުން ފައިބާ ވަށައިގެން އެ ގެއަށް ބަލާލިއެވެ.

ހައިބަތު ހުރި ބޮޑު ގެއެކެވެ. މީގެ ކުރިން ވެސް އެއްފަހަރަކު ބައްޕައާ އެކު އޭނާ އެގެއަށް އައި ހަނދާނެއް ވެއެވެ. އެކަމަކު މިއަދު އެގެއަށް އަންނަން ޖެހުމުން އޭނާ ނުތަނަވަސް ވާ ގޮތް ވިއެވެ. މިއަދު އޭނާ އެގޭގެ އޮޅިގަނޑު ގިރާ އެކުރަނީ މެހެމާނެއްގެ ހައިސިއްޔަތަކުން ނޫނެވެ. އެހެންނަމަވެސް އެގޭގައި އޭނާގެ ދިރިއުޅުމުގެބާކީބައި ހޭދަ ކުރުމަށެވެ. ބައްޕަގެ އެދުމާ އެކީގާވެސް މެއެވެ. ފަލަކް އަކީ ހިންހެޔޮ އޯގާތެރި މީހެއްކަން އެނގެއެވެ. އާމިރު އަކީ ހިތްތިރި މަޑު މައިތިރި މީހެއްކަންވެސް އެނގެއެވެ. އެހެންނަމަވެސް އޭނަ ޖެހިލުންވަނީއެވެ. ފިނިވެ ހާސްވަނީއެވެ. އޭނާގެ ބައްޕަ އޭނާ ގޮތް ނޭނގޭ ބައެއްގެ އަތް މައްޗަށް ދޫކޮށްނުލާނޭކަން ވެސް އެނގެއެވެ. އެހެންނަމަވެސް އެހިތުގައި ކުޑަ ބިރުވެރިކަމެއް ވެސް ވެއެވެ.

ދެ ބުރިއަށް ނަގާފައިވާ އެ ގެ އައިރީންއަށް ސިފަ ކުރެވުނީ ރާއްޖޭން ބޭރު ގެއެއްގެ ގޮތަށެވެ. ކާރު ޕާރކުކުރީ ގޭގެ ކުރިމައްޗަށް ވާގޮތަށް ކާރު ޕާރކުކުރަން ހަދާފައިވާ ޖާގައިގައެވެ. އެ ތަން ވަކި ކޮށްލާފައި ވަނީ އެއްވަރަށް ކޮށާފައިވާ ގަސްތަކުގެ ބެޑެއް ދެފަރާތުގައި ހައްދައިގެންނެވެ. ކާރުތައް ބާއްވާ ޖާގައިގެ އެއްފަރާތުގައި މާ ބަގީޗާއެއް ހައްދާފައި ވާއިރު އިށީނދެވޭނޭ ފަދަ ގޮތަކަށް ވަށްމޭޒެއްގެ ވަށައިގެން ގޮނޑި ޖަހާފައި ހުއްޓެވެ. އޭގެ އިތުރުން އުނދޯއްޔެއްވެސް ބެހެއްޓިފައިވެއެވެ. އެހިސާބުގައި އޮތީ ރީތި ގަދަ ފެހި ކުލައިގެ ވިނަގަނޑެއް ހައްދާފައެވެ. ކާރުތައް ބަހައްޓާ ޖާގައިގައި އަޅި ކުލައިގެ ގާ ޖަހާފައިވާއިރު އަނެއްފަރާތުގައި ޖަހާފައިވާ ރަތްކުލައިގެ ގާ ތަކުން ހިނގަން އޮތްބައި ވަކި ކޮށްލާފައި އޮތެވެ. ކަނާތް ފަރާތުގައި އޮތް ވޯކްވޭއިން ލާފައި ސީދާ ދެވޭނީ ގޭގެ މައި ދޮރުކުރިމައްޗަށެވެ. ގޭތެރެއަށް ވަދެވެނީ ދެ ސިޑީގެ ހަރުފަތެއް ގިރާކުރުމަށްފަހުއެވެ. އައިރީން ފަލަކް އާއެކު މަޑުމަޑުން ގޮސް ގޭތެރެއަށް ވަނެވެ. ގޭތެރެއަށް ވަނުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ތަނަވަސް ބޮޑުކޮޓަރިއެކެވެ.. މަޑު ނޫކުލައަކަށް ދާ ސޯފާ ތަކެއް ބެހެއްޓިފިފައިވާއިރު ސޯފާތަކުގެ ކުރިމަތީގައި ކަޅު ކުލައިގެ ބިއްލޫރި ވަށް މޭޒެއްހުއްޓެވެ އޭގެ މަތީގައި ހުރި ވާޒްގައި ތަފާތު ރީތި ވައްތަރުގެ މާތައް ޖަހާފައި ވެއެވެ. ފާރުގައި ޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. ޓީވީއާއި ދިމާ ތިރީގައި އެއްޗެހި ބެހެއްޓޭ ގޮތަށް ކަބަޑެއް ހުއްޓެވެ. އޭގެ އެއްފަރާތުގައި ފޮޓޯ ފްރޭމްއެއް ހަރުކޮށްލާފައި ވުމުން ހިތްގައިމުކަމަށް ދައްކައެވެ. ބޭރު ފާރާ ވީ ދިމާލުގައި ވަނީ ބިއްލޫރި ޖަހާފައެވެ. އެހެން ހުންނަ އިރު ބޭރު ރީތިކޮށް ފެނެއެވެ. އަޅުވާފައި ހުރި އަޅިކުލައިގެ ދޮރު ފޮތިތައް ހުރީ މެދަށް ކަހާލާ ގޮތަށެވެ. ބޭނުން ވެއްޖެނަމަ ދެފަރާތަށް ދަމާލާ ބޭރު ފޮރުވައިލެވޭނެއެވެ. .

ފަލަކްގެ ފަހަތުން އެތެރެއަށް ވަތް އައިރީން ދެއަތް ދެއަތާ މޮޑެން ފެށިއެވެ.

"އައިރީން... މީގެ ފަހުން މީ އައިރީންގެ ވެސް ގެޔޭ... ތިހާ ބީރައްޓެހި ވެފަ ނުހުންނައްޗޭ" ފަލަކް އައިރީންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އޭނާ ހިންހެޔޮ ހިނިތުންވުމެއް ދިނެވެ. ބަދަލުގައި އައިރީންވެސް ހީލިއެވެ.

"އެމިލީ... އެމިލީ" ފަލަކް ގޮވާލިއެވެ. އެއާއެކު ޒުވާން އަންހެން ކުއްޖަކު އެ ދިމާލަށް އައެވެ.

"ލައްބަ" އެމިލީ އައިރީންއަށް ބަލާލާފައި ހިނިތުންވެލިއެވެ. ހީވީ އޭނާއަށް މިއަދު އައިރީން އަންނަކަން މާކުރިން އެނގިފައި އޮތް ހެންނެވެ.

"ދައްތަ ބުނިގޮތަށް ކޮޓަރި ސާފުކޮށްފަ އެއްޗެހި ބަދަލުކުރިންދޯ" ފަލަކް އަހާލިއެވެ. އެމިލީ ބޯ ޖަހާލިއެވެ.

ފަލަކް ހިނިތުންވެލުމަށްފަހު އައިރީން ގޮވައިގެން އަދިވެސް ބޮޑަށް އެތެރެއަށް ވަނެވެ. ޓީވީ އިން ފާރާ ދިމާ ކުޑަކޮށް އެތެރެއަށް ވާ ގޮތަށް މައްޗަށް އަރާ ސިޑި އިނެވެ. ސިޑީގެ ކުރިމައްޗާ ދިމާ އަނެއްފަރާތަށްވެސް އަވަސް ނަޒަރެއް އައިރީން ދިނެވެ. ބިއްލޫރި ޖަހާފައި އެބައި ވަކިކޮށްލާފައި ވުމުން އެތެރެ ރީތިކޮށް ފެނެއެވެ. ބޮޑަށް ވައްތަރީ އެގޭގެ ކައްކާ އަދި ކާ ބަޔާއެވެ. ސިޑީގެ ވާތް ފަރާތުގައި ވެސް އެތެރެއަށް ވަދެވޭ ގޮތަށް ހުއްޓެވެ. ކޮންމެއަކަސް ފަލަކްއާ އެކު އައިރީން މައްޗަށް އެރިއެވެ. މަތީގައިވެސް ކުޑަ ސިޓިން ރޫމެއް އިނެވެ. ސިޑިން އަރާއިރު ކުރިމަތީގައި ސޯފާބެހެއްޓިފައިވާއިރު ޓީވީ ރެކް މަތީގައި ޓީވީ ވެސް ހުއްޓެވެ. ޓީވީ ގެ އެއްފަރާތުގައި ބުކްޝެލްފެއް ހުއްޓެވެ. ހުރެވުނީ މެދާ ދިމާލުގައެވެ. ސޯފާތަކުގެ ފަހަތަށްވާގޮތަށް ވާތްފަރާތާ ދިމާލުގައި ތިން ކޮޓަރި ހުއްޓެވެ. ކަނާއަތް ފަރާތަށް ދާން ބޮޑު ދޮރެއް އިނެވެ. ފަލަކްގެ ފަހަތުން އައިރީން ދިޔައީ ތިންވަނަ ކޮޓަރިއާ ދިމާލަށެވެ. އެ ކޮޓަރީގެ އެއްފަރާތަށް ވާގޮތަކަށް އައިރީންއާއި ދިމާކުރިމަތީ އެތެރެއަށް ވަދެވޭ ގޮތަށް ކަހާލެވޭ ބޮޑު ބިއްލޫރި ދޮރެއް ހުއްޓެވެ. ދޮރުފޮތިގަނޑުހުރީ އެއްފަރާތަކަށް ކަހާލާފައި ކަމުން ބޭރު ފެނެއެވެ. ފަލަކްގެ ފަހަތުން ދިޔަ އައިރީން އެއްވެސް އެއްޗެއް ނުބުނެއެވެ. ކޮޓަރިއަށް އައިރީން ވައްދާފައި ފަލަކް ތިރިއަށް ދިޔައީ ފޮށިތައް ފޮނުވާލާނަމޭ ކިޔާފައެވެ.

އައިރީން ކޮޓަރިއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. ބޭރާ ދިމާލަށް ވާގޮތަށް އިން ދޮރުފޮތިގަނޑު ކަހާލިއިރު އެ ދިމާލުގައި ވަނީ ކަހާލެވޭ ފަދަ ދޮރެކެވެ. އެއާއެކު ކުއްލިއަކަށް ލޮލަށް އެޅުނު އައްޔާއެކު އައިރީންއަށް އަތް މޫނާ ދިމާ ހުރަސްކޮށްލެވުނެވެ. އިރުކޮޅަކު އެހެން ހުރެލާފައި ދޮރު ކަހާލަމުން އޭނާ ނުކުތެވެ. އެއީ ބެލްކަންޏެކެވެ. ބޮޑުތަނަވަސް ބެލްކަންޏެކެވެ. އޭނާ އަށް ހީވީ ހަމަ ރަނގަޅަކަށެވެ. މަތީގެ އެބައިގެ ސިޓިންރޫމުން ނުކުމެވޭ އެ ބެލްކަންޏަށް އޭނާގެ ކޮޓަރީގެ އެތެރޭންވެސް ނުކުމެވޭނެއެވެ.

އިށީނދެވޭފަދަ ގޮތަކަށް ގޮނޑިތަކަކާއި ވަށްމޭޒެއްވެސް ބެހެއްޓިފައި ހުއްޓެވެ. ރެއިލިންގައި އަތް އަޅުވާލުމަށްފަހު އައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ. ގޭތެރޭގެ ކޮންމެ ދިމާލަކަށް ބަލާލި ކަމުގައި ވިނަމަވެސް ޝާހީ ކަމާއި މުއްސަނދި ކަމާއި ހައިބަތު ފެންނަމުން ދިޔައެވެ.

އިރުކޮޅަކު އެހެން ހުރެފައި އޭނާ ކޮޓަރިއަށް ވަނެވެ. ފަނަރަ ވަރަކަށް މިނިޓްފަހުން ފޮށިތައް ހިފައިގެން ކޮންމެވެސް މީހަކު އައެވެ. އެމީހާ ފޮށިތައް ވައްދާފައި ދިޔަ ތަނާ ފަލަކް އައެވެ. ފަލަކް އެދުނީ ފެންވަރާ ތާޒާ ވެލައިގެން ތިރިއަށް އައުމަށެވެ. އައިރީން ވެސް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ގޭގެ ބޮޑުކޮޓަރީގައި ފަލަކްއާއެކު ވާހަކަދައްކާލަން އިނުމަށްފަހު އައިރީން މައްޗަށް އެރީއޭނާގެ ހަށިގަނޑަށް ވަރުބަލިކަން އިޙްސާސްކުރެވެމުން ދިޔައީތީއެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ބެލްކަނީގައި ހުރެލާފައި އައިރީން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާ ފޮތިގަނޑުވެސް ކަހާލިއެވެ. އެއާއެކު އަނެއްކާވެސް ބައްޕަގެ ޚިޔާލުތައް އޭނާގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. ދެލޮލަށް ކަރުނަތައް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ވަންނަ ދޮރުގެ ކަނާއަތް ފަރާތުގައި ބަހައްޓާލެވިފައިވާ އެނދުގައި އިށީންނަމުން އައިރީން އޭނާގެ މޫނު ދެ އަތުގެ ތެރޭގައި ފޮރުވާލިއެވެ. މަޑުމަޑުން އޭނާގެ ރުއިން އިތުރުވެ ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ. ފަހަރަކަށް ވުރެ ފަހަރެއް އެ ގިސްލުމުގެ އަޑު ގަދަވެގެން ދާން ފެށިއެވެ.

ބޭރުގައި އުޅެފައި ގެއަށް ވަތް އިޔާން ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ދެފަރާތަށް ބޯ ހޫރާލަމުން ބޮލުގައި ހަރުލާފައި ހުރި ފެންތައް ފޮޅާލިއެވެ. ތުމުން ފުމެމުން ސިޑިން އަރައިގެން މައްޗަށް ދާން ފެށީ އެއްވެސް ޚިޔާލެއް ފިކުރެއްނެތިއެވެ. އޭރު ރޭގަނޑު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. މައްޗަށް އެރިއިރު މަތީގެ ހުރިހާ ލައިޓެއްވެސް ހުރީ ދިއްލާފައެވެ. މަޑުމަޑުން އޭނާގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. އޭނާ ގޮސް ބެލްކަންޏަށް ނުކުމެލީ އޭނާގެ ކޮޓަރިއަށް ދެވެނީ އެ ބެލްކަނި ހުރަސްކޮށްފައި ކަމަށް ވާތީއެވެ. އޭރު އެތަނުގައި ފަނޑު އަލިކަމެއް ރަސްކަން ކުރަމުން ދެއެވެ. ފިޔަވަޅުތައް މަޑުޖައްސާލަން މަޖުބޫރުވީ އޭނާގެ ކަންފަތުގައި ޖެހުނު ވޭނީ މަޑު ގިސްލުމުގެ އަޑާއެކުއެވެ. ބޭއިޚްތިޔާރުގައި ބެލްކަންޏާ ދިމާލަށްއިން ކޮޓަރީގެ ދޮރާ އޭނާއަށް ކައިރިވެވުނެވެ. އޭރުވެސް އޭނާއަށް އެ އަޑު ކެނޑި ނޭޅި އިވެމުންދިޔައެވެ. އެ އަޑު އިވި އޭނާގެ ހިތަށް ހަމަ ގައިމުވެސް އާދަޔާ ހިލާފް ގޮތްތަކެއް ވެގެން ހިނގައްޖެއެވެ. މި ގަޑީގައި އެ ކޮޓަރީގައި އެ އުޅެނީ ކާކުބާއޭ ހިތަށް އެރިއެވެ. އަދި އެވެސް އަންހެން ކުއްޖެކެވެ. މިއީ އަނެއްކާ އޭނާއަށް ހީވާ ހީވުމެއް ހެއްޔެވެ؟

(ނުނިމޭ...)

comment ކޮމެންޓް