ދެ ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
ސްރީލަންކާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ކޮހޮނަ ވަލައްވެ ނިމަލް ދަރްމަކީރްތި ކަރުނަރަތުނަގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ލަންކާ އާއި ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކޮށް އެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މީގެއިތުރުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި އާސަފީރު ކެރަން ރޮސްލާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ވެސް މިއަދު ވަނީ ބާއްވައިފައެވެ.
މި ރަސްމިއްޔާތުގައި އާ ސަފީރާ ބައްދަލު ކުރައްވާ ރައީސް ސޯލިހު ވަނީ އެކި ދާއިރާތަކުން ރާއްޖެއަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އިނގިރޭސިވިލާތުން ކުރާ މަސައްކަތް ފާހަގަ ކުރައްވައިފައެވެ.
މިއީ ރާއްޖެއަށް ރެޒިޑެންޝަލް ސަފީރެއް އިނގިރޭސިވިލާތުން ކަނޑައެޅި ފުރަތަމަ ފަހަރެވެ. ރެޒިޑެންޝަލް ސަފީރެއް ކަނޑައެޅުމަކީ އެކަމުގެ ސަބަބުން ދިވެހިންނަށް ފައިދާ ކުރާނެ ކަމަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.