ތިން ގައުމަކުން ރާއްޖެއަށް އައްޔަނުކުރި ސަފީރުންގެ ފަތްކޮޅު ރައީސަށް އަރުވައިފި

މެލޭޝިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުން--- ފޮޓޯ/ ރައީސް އޮފީސް

މެލޭޝިޔާ، ހަންގޭރީ އަދި ޗެކް ރިޕަބްލިކުން ދިވެހިރާއްޖެއަށް އައްޔަން ކުރި ސަފީރުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް މިއަދު އަރުވައިފިއެވެ.

މިކަމަށްޓަކައި ރައީސް އޮފީހުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކުގައި ފަތްކޮޅު އެރުވި ސަފީރުންނާ ރައީސް ބައްދަލުކުރައްވާ، އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އެގޮތުން މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ބަދްލީ ހިޝާމް ބިން އާދަމްއާ ބައްދަލުކުރެއްވިއިރު، މި އަހަރަކީ ދިވެހިރާއްޖެއާ މެލޭޝިޔާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރު ކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ބަދަހިގުޅުމުގެ މައްޗަށް ވެސް ރައީސް އަލިއަޅުއްވައިލެއްވިއެވެ. އަދި ދެ ގައުމުގެ މެދުގައި އިގްތިޞާދީ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައި، މިހާރު ސޮއި ކުރުމަށް ތައްޔާރުވަމުންދާ ޑަބަލްޓެކްސް އެވޮއިޑެންސް އެގްރީމެންޓް ފާހަގަ ކުރެއްވިއެވެ.

ހަމައެހެންމެ ރައީސް ވަނީ ދެ ގައުމުން ތަންފީޒުކުރަން ފަށާފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބަލައިގަތުމާއި ގުޅޭ އެއްބަސްވުމުގެ ސަބަބުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށް ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މެލޭޝިޔާ ޓެކްނިކަލް ކޯޕަރޭޝަންގެ ތެރެއިން، މެލޭޝިޔާ ސަރުކާރުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު ވެސް އަދާކުރައްވާފައެވެ. އަދި މެލޭޝިޔާއިން ރާއްޖެއަށް އިތުރު ފަތުރުވެރިން ގެންނަން، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ފްލައިޓް ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ބަދްލީ ހިޝާމް ބިން އާދަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުން--- ފޮޓޯ/ ރައީސް އޮފީސް

ޗެކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑރ. އެލިސްކާ ޒިގޯވާއާ އެކީ ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ރާއްޖެއިން ފޮރިން އިންވެސްޓްމެންޓްތަކަށް އެކި ދާއިރާތަކުން ފުރުސަތުތައް ހުރިކަން ފާހަގަކުރައްވަމުން ޗެކްރިޕަބްލިކްގެ އިންވެސްޓަރުންނަށް ވެސް އެ ފުރުސަތު އޮތް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި، ސިއްހީ ދާއިރާ އަދި ތިމާވެއްޓާއި، މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ޗެކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑރ. އެލިސްކާ ޒިގޯވާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވަނީ--- ފޮޓޯ/ ރައީސް އޮފީސް

ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އިސްޓްވާން ސްޒާބޯއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައި ދެ ގައުމުގެ 48 އަހަރުވީ ގުޅުން، ފާއިތުވި ދެ އަހަރު ދެ ގައުމުގެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތްތަކުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މަތީ ތަޢުލީމުގެ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ވިޔަފާރި އާއި އިގްތިޞާދުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެެއްވުމަަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައެވެ.

ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އިސްޓްވާން ސްޒާބޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވަނީ--- ފޮޓޯ/ ރައީސް އޮފީސް

comment ކޮމެންޓް