ރައީސް މުއިއްޒުގެ އިތުރުން މެލޭޝިއާގެ ބޮޑުވަޒީރު ވެސް އަންނަ މަހު ބަންގްލަދޭޝަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް އަންނަ މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ޒިޔާރަތްކުރައްވާނެ ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުން ބުނެފިއެވެ.

އޮފިޝަލުންނާ ހަވާލާދީ ދަ ޑެއިލީ ސްޓާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝުން ދަނީ މަތީ ފެންވަރުގެ ބައްދަލުވުންތައް މެދުވެރިކޮށް ދިވެހިރާއްޖެއާއި މެލޭޝިއާއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި މި ދެ ލީޑަރުންނަށް މަރުހަބާ ދެންނެވުމަށް އެ ގައުމުން އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.

https://www.sun.mv/230812

އިސް އޮފިޝަލަކާ ހަވާލާދީ ޔޫއެންބީން ބުނި ގޮތުގައި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބަންގްލަދޭޝަށް ޒިޔާރަތްކުރައްވާނެ ކަމަށް ބެލެވެނީ އަންނަ ޑިސެންބަރު ހަތަކުން އަށަކަވެ. އަދި ރައީސް މުއިއްޒު ޑާކާއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އަންނަ ޑިސެންބަރު 13 ވަނަ ދުވަހު ކަމަށާއި، އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނީ ޑިސެންބަރު 16 ގައި ކަމަށް އެ އޮފިޝަލް ބުންޏެވެ.

މި ދެ ދަތުރުފުޅުގެ އިންތިޒާމުތައް ފައިނަލްކުރުމުގެ މަސައްކަތް ބަންގްލަދޭޝާއި މެލޭޝިއާ އަދި ދިވެހިރާއްޖޭގެ އޮފިޝަލުން ދަނީ ކުރަމުންނެވެ.

އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނި ގޮތުގައި، ބަންގްލަދޭޝުން މި ދެ ގައުމާ އެކު ޑިޕްލޮމެޓިކް ގުޅުންތައް އިތުރުކޮށްފައިވަނީ އިގުތިސާދީ އެއްބާރުލުން ފުޅާކުރުމަށާއި، ބިދޭސީ މަސައްކަތްތެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ސަރަހައްދީ ގުޅުންތައް ވަރުގަދަކޮށް ބައިނަލްއަގުވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމަށެވެ. މެލޭޝިއާއަކީ ބަންގްލަދޭޝްގެ މަސައްކަތްތެރިން ގިނަ އަދަދަކަށް ދާ އަދި އިންވެސްޓްމަންޓް ލިބޭ މުހިންމު ގައުމެއް ކަމަށް ވާއިރު، ދިވެހިރާއްޖެއިން ވިޔަފާރިއާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ސިއްހީ ދާއިރާއާއި، ތައުލީމު އަދި އިންސާނީ ވަސީލަތްތަކާއި ހުނަރު ތަރައްގީކުރުމުގެ ދާއިރާއިން ފުރުސަތުތައް އޮތް ކަމަށް ވެސް ބުންޏެވެ.

ބޮޑުވަޒީރު އަންވަރު މި ފަހުން ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ދެ ލީޑަރުން ވަނީ މެލޭޝިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ.

މީގެ އިތުރުން، އަންވަރު އިބްރާހީމްގެ ދައުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހްމާން ވަނީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މެލޭޝިއާއަށް ވަޑައިގެންފައެވެ. އަދި ފެބްރުއަރީ 17 ގައި ޑާކާގެ ގައުމީ ޕާލިމެންޓުގައި ބޭއްވި ބޮޑުވަޒީރު ތާރިގު ރަހްމާނާއި ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް