ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން ހާޝުގްޖީގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ އަޅުގަނޑު: ވަލީއަހުދު

ހާޝުގްޖީގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ވަލީއަހުދު ކަމަށް އޭނާ ވަނީ ވިދާޅުވެފައި -- ފޮޓޯ: ރޮއިޓާސް

ރިޔާޒު (ސެޕްޓެމްބަރު 26): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ޙާޝުގްޖީ މަރާލީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގައުމުގެ ކަންތައްތައް ބަލަހައްޓަވަމުން ދަަނިކޮށް ކަމުން، އެމަރުގެ ޒިންމާ ނަންގަވަން ޖެހޭނީ ވަލީއަހުދު ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މިދިޔަ އަހަރު މަރާލި ހާޝުގްޖީއާ ބެހޭ ގޮތުން މީގެ ކުރިން ވާހަކަ ދައްކަވާފައި ނުވާ ވަލީއަހުދު އެފަދައިން ވިދާޅުވީ އެމެރިކާގެ ފްރޮންޓްލައިން ކިޔާ ޕްރޮގްރާމަކުން އަންނަ ހަފްތާގައި ދައްކަން އޮތް ޑޮކިއުމެންޓްރީއެއްގަ އެވެ.

"އެކަންތައް ހިނގީ އަޅުގަނޑުގެ ބެލުމުގެ ދަށުގައި. އެހެންކަމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އަޅުގަނޑު،" ޕީބީއެސް ޑޮކިއުމެންޓްރީގެ ޓްރެއިލާގައި ބިން ސަލްމާން ވިދާޅުވި ކަމަށް ނޫސްވެރިޔަކު ބުނެ އެވެ.

ނަމަވެސް ހާޝުގްޖީގެ މަރާލަން އުޅޭ ކަމުގެ މައުލޫމާތު ކުރިން ނުލިބޭ ކަމަށް ވެސް ވަލީއަހުދު ވިދާޅުވި އެވެ. އަދި އެހެން ވާނީ ކިހިނެއްތޯ ސުވާލު ކުރުމުން ވަލީ އަހުދު ވަނީ ސައުދީގައި "20 މިލިއަން މީހުންނާއި ތިން މިލިއަން ސަރުކާރުގެ މުވައްޒަފުން ތިބޭ"ކަން ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ހާޝުގްޖީ މަރާލަން ދިޔަ މީހުން ސަރުކާރުގެ ޕްރައިވެޓް ޖެޓުތައް ގެންދިޔަތޯ ސުވާލު ކުރުމުން ވަލީއަހުދު ވަނީ އޭނާގެ އޮފިޝަލުންނާއި މިނިސްޓަރުން ތިއްބަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕްރައިވެޓް ޖެޓުތައް ބޭނުން ކުރުމުގެ ބާރު އެމީހުންނަށް ލިބިގެންވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސައުދީ ޝާހީ އާއިލާއަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ހާޝުގްޖީ ކޮންސިއުލޭޓު ތެރޭގައި މަރާލި ކަމަށް ފުރަތަމަ ހަބަރު ފެތުރުމުން ސައުދީން އެކަން ދޮގު ކުރި އެވެ. ނަމަވެސް ފަހުން އެގައުމުން ވަނީ ހާޝުގްޖީ މަރާލީ ވެރިންގެ އަމުރަކާ ނުލައި، އަމިއްލައަށް މަސައްކަތް ކުރި ބަޔެއް ކަމަށް ބުނެފަ އެވެ.

އަދި އެއީ ސައުދީގެ ޖާސޫސީ އިދާރާގެ އޭރުގެ ވެރިޔާ، އަހުމަދު އަސީރީގެ އަމުރަށް ހާޝުގްޖީ ސައުދީ ގެންދަން މަސައްކަތް ކުރަނިކޮށް، ހިނގި ހާދިސާއެއް ކަމަށް ބުނެފަ އެވެ. އެމައްސަލާގައި އަސީރީ ވަނީ ފަހުން މަގާމުން ދުރުކޮށްފަ އެވެ.

ހާޝުގްޖީގެ މަރުގެ މައްސަލާގައި ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. ނަމަވެސް އެއީ ކޮންބަޔެއްކަން އެގައުމުން ހާމައެއް ނުކުރެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވޮޝިންޓަން ޕޯސްޓުން ވަނީ ހާޝުގްޖީ މަރާލަން އެންގެވީ ސައުދީ ވަލީއަހުދު ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ސައުދީން ވަނީ އެރިޕޯޓު ދޮގުކޮށްފަ އެވެ.

ހާޝުގްޖީގެ ހަށިގަނޑަށްވީ ގޮތެއް އަދިވެސް ހޯދިފައި ނުވެ އެވެ.

comment ކޮމެންޓް