ސިއްހީ ހާލަތު ބެލުމަށް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ އަމުރަކަށް އޭނާ އިސްލާމްއާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ގެންދިޔައީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވި ގޮތުގައި، ލޮލުގެ ޚާއްސަ ޑޮކްޓަރަކާއި ހިތުގެ ޚާއްސަ ޑޮކްޓަރެއް ހިމެނޭ ގޮތަށް އެކުލަވާލި ޓީމަކުން އިމްރާން ޚާން ބެލުމަށް ފަހު، އޭނާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ވަނީ ނިންމާފައެވެ. އަދި ވަގުތުން ފަރުވާ ދޭން ޖެހޭ ފަދަ މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މި ޓެސްޓުތައް ހެދިއިރު އިމްރާން ޚާންގެ ކޮއްކޮ އަޒްމާ ޚާން ހޮސްޕިޓަލުގައި ހުންނެވި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އުމުރުން 73 އަހަރުގެ އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އޭނާގެ އާއިލާއާއި ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އޭނާގެ ލޮލުގެ ފެނުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އާއިލާއިން ބުނެފައިވީ ނަމަވެސް، ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.
އަމިއްލަ ހޮސްޕިޓަލަކުން ފަރުވާ ހޯދުމުގެ ފުރުސަތު ދިނުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު މުރާޖައާކޮށްދިނުމަށް އެދި ސަރުކާރުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. ސަރުކާރުން ބުނެފައިވަނީ ގައިދީންނަށް ފަރުވާ ދޭން ޖެހޭނީ ސަރުކާރުގެ ހޮސްޕިޓަލުތަކުން ކަމަށެވެ.
އޭޕްރީލް 2022 ގައި މަގާމުން ދުރުކުރި އިމްރާން ޚާން، އެކި މައްސަލަތަކުގައި ކުށް ސާބިތުވެ، އޮގަސްޓް 2023 އިން ފެށިގެން ހުންނެވީ ރާވަލްޕިންޑީގެ އަޑިއާލާ ޖަލުގައެވެ. ހޮސްޕިޓަލުގައި ހެދި ޓެސްޓުތަކަށް ފަހު، ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައި ވަނިކޮށް، ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާ އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް ޕީޓީއައި އިން ވަނީ ބުނެފައެވެ.