އެމެރިކާގެ އާންމުން ވިޔަފާރިކުރާ މިންވަރު ދަށްވުމާ ގުޅިގެން، ވޯލްމާޓްގެ ހިއްސާގެ އަގު އިއްޔެ ނުވަ ޕަސެންޓަށް ވުރެ ބޮޑަށް ވެއްޓިއްޖެއެވެ.
އެ ކުންފުނިން އާންމުކުރި ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، އެމެރިކާގައި އެ ކުންފުނީގެ ފިހާރަތަކުގެ ސޭލްސް އިތުރުވެފައިވަނީ 2.6 ޕަސެންޓަށެވެ. މިއީ އެލްއެސްއީޖީގެ އެނަލިސްޓުން ލަފާކުރި 3.8 ޕަސެންޓަށް ވުރެ ދަށް އަދަދެކެވެ. އަދި މިއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި ކުއާޓަރެއްގައި ސޭލްސް އެންމެ މަދުން އިތުރުވި ފަހަރެވެ.
ވޯލްމާޓުން ބުނި ގޮތުގައި ވިޔަފާރި ދަށްވުމުގެ މައިގަނޑު ސަބަބުތަކަކީ ތެލުގެ އަގު ބޮޑުވުމާއި، ޓެރިފްގެ އަސަރުތަކުގެ އިތުރުން އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ކޮންސިއުމަރުންނަށް ކުރާ ނޭދެވޭ އަސަރެވެ.
އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޖޯން ޑޭވިޑް ރެއިނީ ވިދާޅުވި ގޮތުގައި، ތެލުގެ އަގު ބޮޑުވެ ހަތަރު ޑޮލަރަށް ވުރެ މައްޗަށް ދިއުމުން އޭގެ ނަފްސާނީ އަސަރު އާންމުންނަށް ކޮށް، ޚަރަދުކުރާ ގޮތްތަކަށް ބަދަލުތަކެއް ގެނެއެވެ.
އެމެރިކަން އޮޓޯމޮބައިލް އެސޯސިއޭޝަން (އޭއޭއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، އިއްޔެ ޕެޓްރޯލް ގޭލަނެއްގެ (3.78 ލީޓަރު) އެވްރެޖް އަގު ވަނީ 4.10 ޑޮލަރަށް އަރާފައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ފުރަތަމަ ހަމަލާދިން އިރު މި އަގު ހުރީ 2.98 ޑޮލަރުގައެވެ. މީގެ އިތުރުން، ތެލުގެ އަގާ ގުޅިގެން އިތުރު ދެ ބިލިއަން ޑޮލަރުގެ ޚަރަދެއް ހިނގާނެ ކަމަށް ވޯލްމާޓުން ލަފާކުރެއެވެ.
އެ ކުންފުނީގެ ޖުމްލަ އާމްދަނީ މި ކުއާޓަރުގައި 3.4 ޕަސެންޓް އިތުރުވި ނަމަވެސް، މިއީ 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ފަހު އާމްދަނީ އެންމެ ލަސް ދުވެއްޔެއްގައި އިތުރުވި ފަހަރެވެ. އަދި އެމެރިކާގައި ހިންގާ ފާމަސީ ވިޔަފާރީގެ ސޭލްސް ވެސް ވަނީ ދަށްވެފައެވެ.
އެމެރިކާގެ ލޭބާ ޑިޕާޓްމަންޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ކޮންސިއުމާ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް ވަނީ 3.4 ޕަސެންޓް މައްޗަށް ގޮސްފައެވެ. އޭގެ ތެރޭގައި ތާޒާ މޭވާގެ އަގު 2.2 ޕަސެންޓް، ބަޓަރުގެ އަގު 0.8 ޕަސެންޓް އަދި ތާޒާ މަހުގެ އަގު އެއް ޕަސެންޓް ވަނީ އުފުލިފައެވެ. ހަމައެއާއެކު، އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ނެރުނު ޑޭޓާއިން ދައްކާ ގޮތުގައި ޖުލައި މަހު މުޅި ރީޓެއިލް ސޭލްސް ވަނީ 0.6 ޕަސެންޓް ދަށްވެފައެވެ. މިއީ މެއި 2025 ގެ ފަހުން ރީޓެއިލް ސޭލްސް މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.
ވިޔަފާރި ރަނގަޅުކުރުމުގެ ގޮތުން ވޯލްމާޓުން ވަނީ 11،000 ބާވަތެއްގެ މުދަލުގެ އަގު ހެޔޮކޮށްފައެވެ. މިކަން ކުރުމަށް މަގުފަހިވީ ޓެރިފް ރީފަންޑްގެ ގޮތުގައި އެ ކުންފުންޏަށް ލިބުނު 2.9 ބިލިއަން ޑޮލަރުންނެވެ. ނަމަވެސް ރެއިނީ ވިދާޅުވި ގޮތުގައި، އަގުތަކަށް ގެނައި ބަދަލުގެ ފައިދާ ވަގުތުން ފެންނާނެ ކަމަށް އުއްމީދުކުރުން ގޯހެވެ. ފިހާރަތަކަށް ގޮސް ވިޔަފާރިކުރި މީހުންގެ ނިސްބަތް މި ކުއާޓަރުގައި 1.5 ޕަސެންޓް އިތުރުވި ނަމަވެސް، މިއީ އޭގެ ކުރީ ކުއާޓަރުގައި އިތުރުވި ތިން ޕަސެންޓާ އަޅައިބަލާއިރު ދަށް އަދަދެކެވެ. އެހެންނަމަވެސް، އީ-ކޮމާސް މެދުވެރިކޮށް އެމެރިކާގައި ކުރި ވިޔަފާރި ވަނީ 24 ޕަސެންޓް އިތުރުވެފައެވެ. މިކަމާ ގުޅިގެން ވޯލްމާޓުން ވަނީ ނެޓް ސޭލްސް އިތުރުވާނެ ކަމަށް ލަފާކުރާ މިންވަރު ހަތަރު ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދަށް މަތިކޮށްފައެވެ.
މީލިއަސް ރިސާޗްގެ އެނަލިސްޓް ޖޭކަބް އައިކެން-ފިލިޕްސް ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، ވޯލްމާޓްގެ މައިގަނޑު ވިޔަފާރިއަކީ އަދިވެސް ފިހާރަތަކަށް ގޮސް މީހުން ކުރާ ވިޔަފާރިއެވެ. ވޯލްމާޓްގެ ވާދަވެރި އެހެން ކުންފުނިތަކުގެ ވިޔަފާރިއަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.
ޓީޖޭއެކްސްގެ ސޭލްސް ކުރިއެރި މިންވަރު އެއް ޕަސެންޓަށް ދަށްވެފައިވާއިރު، ޓާގެޓްގެ ނެޓް ސޭލްސް ވަނީ 5.3 ޕަސެންޓް އިތުރުވެ 26.5 ބިލިއަން ޑޮލަރަށް އަރާފައެވެ. ޓާގެޓުން ވެސް ވަނީ 10،000 އަށް ވުރެ ގިނަ ބާވަތުގެ އަގު ހެޔޮކޮށް، ޓެރިފް ރީފަންޑްގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ހޯދާފައެވެ. މާލީ ރިޕޯޓުތައް އާންމުކުރުމާ ގުޅިގެން ވޯލްމާޓްގެ ހިއްސާގެ އަގު 9.6 ޕަސެންޓް ދަށްވެފައިވާއިރު، ޓީޖޭއެކްސްގެ ހިއްސާ 1.7 ޕަސެންޓް އަދި ޓާގެޓްގެ ހިއްސާ 0.1 ޕަސެންޓް ވަނީ ދަށްވެފައެވެ.