ވޮޝިންޓަން (ސެޕްޓެމްބަރު 12): އެމެރިކާގައި ބައެއް ބާވަތުގެ އީ-ސިނގިރެޓު މަނާ ކުރާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވީ އީ-ސިނގިރެޓް ބޭނުން ކުރުން ނުވަތަ ވޭޕް ކުރުމާ ގުޅުން ހުރި ފުއްޕާމޭގެ ބައްޔައްގެ ސަބަބުން މިދިޔަ އޮގަސްޓު މަހުގެ ފަހުން އެމެރިކާގައި ހަ މީހަކު މަރުވުމާ ގުޅިގެންނެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ވޭޕް ކުރުމަކީ ހާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އާއްމު ކަމެއް ކަމުން، އެކަމާ ގުޅުން ހުރި ސިއްހީ މައްސަލަތަކަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.
"މިއީ މުޅި ގައުމުގައި ފެތުރިފައިވާ މައްސަލައެއްގެ އިތުރުން ހާއްސަކޮށް ކުޑަކުދިންނާ ގުޅުން ހުރި މައްސަލައެއް. ވީމާ މިކަމާ ގުޅިގެން ވަރަށް، ވަރަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އަދި އެމެރިކާގެ ހެލްތް ސެކްރެޓަރީ އެލެކްސް އަޒަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުގެ ފަސް މިލިއަން ކުޑަކުދިން ކޮންމެވެސް ބާވަތެއްގެ އީ-ސިނގިރެޓު ބޭނުން ކުރެ އެވެ. އެހެންކަމުން ދުންފަތް ނޫން އެހެން ފްލޭވާތަކުގެ އީ-ސިނގިރެޓު މަނާ ކުރާ ޕްލޭނެއް އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ވަރަށް އަވަހަށް ނެރޭނެ އެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، އީ-ސިނގިރެޓު އުފައްދާ ކުންފުނިތަކުން އޭގައި އަނބާއި ކޮޓަން ކޭންޑީ އާއި އެހެނިހެން ފްލޭވާތައް ބޭނުން ކުރަނީ އެއަށް ކުޑަކުދިން ޝައުގުވެރި ކުރުވުމަށްޓަކަ އެވެ. އަދި އޭގައި އާއްމު ގޮތެއްގައި ނިކޮޓިން އެކުލެވޭ ކަމުން ކުދިން އީ-ސިނގިރެޓަށް ދެވި ހިފަނީ އެވެ.
މީގެ ކުރިން އެފްޑީއޭއިން ވަނީ ވޭޕް ކުރުމާ ގުޅުން ހުރި ބަލީގެ 450 މައްސަލައެއް މިހާތަނަށް އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެފްޑީއޭ އާއި ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ދަނީ ބަލި ދިރާސާ ކުރަމުން ކަމަށް ބުނެފަ އެވެ. ނަމަވެސް އެބަލި ޖެހެނީ ކޮން ބާވަތެއްގެ އީ ސިނގިރެޓުން ކަމެއް ނުވަތަ އޭގައި އެކުލެވޭ ކޮން ކެމިކަލްއަކުން ކަމެއް އަދި ނޭނގެ އެވެ.
އެބަލީގެ އަލާމާތްތަކުގެ ތެރޭގައި ނިއުމޯނިއާ ޖެހުމާއި ނޭވާ ކުރުވުމާއި ކެއްސުމާއި ހުން އައުމާއި ވަރުބަލިވުމާއި ހޮޑުލެވުމާއި ބޮލުގައި ރިއްސުމާއި ބޯ އެނބުރުން ހިމެނެ އެވެ. އަދި ސީޑީސީން ވަނީ ވޭޕް ކުރާ މީހުން އެބަލީގެ އަލާމާތްތައް ހުރިތޯ ބެލުމަށާއި، ވޭޕް ކުރުން ހުއްޓާލުމަށް އެދިފަ އެވެ.
އަދި އެމެރިކަން މެޑިކަލް އެސޯސިއޭޝަންއިންވެސް ވަނީ ބަލި ޖެހޭ ސަބަބު ހޯދެން ދެން، އެއްވެސް ބާވަތެއްގެ އީ-ސިނގިރެޓު ބޭނުން ނުކުރުމަށް އެދިފަ އެވެ.
އީ-ސިނގިރެޓު އުފައްދާ ކުންފުނިތަކުން އެމީހުންގެ ވިޔަފާރި ދިފާއުކޮށް ބުނާ ގޮތުގައި ވޭޕްއާ ގުޅުން ހުރި ބަލި ޖެހެނީ ކަޅު ބާޒާރުގައި އުފައްދާ އީ-ސިނގިރެޓުތަކުގެ ސަބަބުންނެވެ. އަދި އީ-ސިނގިރެޓު މީހުން ބޭނުން ކުރަނީ އާދައިގެ ސިނގިރެޓުގެ ބަދަލުގައި ކަމަށާއި، އީ-ސިނގިރެޓު ވިއްކުމަށް ހުރަސް އެޅުމުން އެމީހުން އަނެއްކާވެސް އާދައިގެ ސިނގިރެޓު ބޭނުން ކުރާނެ ކަމަށް ބުނެފަ އެވެ.