ރިލްވާންގެ މަރާ ގުޅޭ ބޮޑު އޮޕަރޭޝަން: ވިޔަފާރިތައްވެސް ބަލަނީ

ފުލުހުން މިހާރު މާލޭގައި ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން ---

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގައި މަރު ކޮމިޝަންގެ ތަހުގީގު ރިޕޯޓާ ގުޅިގެން ފުލުހުން މިހާރު ހިންގަމުންދާ ބޮޑު އޮޕަރޭޝަންގައި ބައެއް ވިޔަފާރިތައް ބަލަން ފަށައިފި އެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި، މިހާރު ފުލުހުން ބަލަމުން ދަނީ ރިލްވާންގެ މަރުގެ ރިޕޯޓުގައި ބުނެފައިވާ ވިޔަފާރިތައް ކަމަށް ބެލެވެ އެވެ. ނަމަވެސް މިހާރު އާންމުންނަށް އާންމުކޮށްފައިވާ އެ ރިޕޯޓުގައި އެ ނަންތައް ހިމަނާފައި ނުވެ އެވެ.

އެގޮތުން ފުލުހުން މިއަދު ވަނީ ޗާންދަނީ މަގު، ބިގްމޭން ރެސްޓޯރެންޓް ބަލާ ފާސް ކޮށްފަ އެވެެ. ފުލުހުން ވަނީ އެތަނުން އެއްޗިހިތަކެއް ވެސް ގެންގޮސްފަ އެވެ.

މައުލޫމަތު ލިބޭ ގޮތުގައި މިއަދު ފުލުހުން އިތުރު ވިޔަފާރިތައްވެސް ބަލާ ފާސް ކުރާނެ ކަމަށް ބެލެވެ އެވެ.

ބިގްމޭންއަކީ ޓެރަރިޒަމަށް ފައިނޭންސް ކުރާ ކަމަށް ރިޕޯޓްގައި ތުހުމަތު ކުރާ، ހ. ވާލީވިލާ އަލީ ޝިޔާމް ހިއްސާ އޮންނަ ވިޔަފާރިއެއް ކަމަށް ރިޕޯޓްގައި ފާހަގަ ކުރެ އެވެ.

މާލޭގައި ހުންނަ ބިގްމޭން ރެސްޓޯރެންޓް ފުލުހުން މިއަދު ބަލާ ފާސްކުރިއިރު، ރޭ އައްޑޫގައި ވެސް ވަނީ ރިލްވާންގެ މައްސަލައިގައި ރިޕޯޓުގައި ތުހުމަތު ކުރެވޭ އަހުމަދު އަގްލީލް (ކިޑޫ)އާ ގުޅުންހުރި ވިޔަފާރިތައްވެސް ބަލާ ފާސްކޮށްފަ އެވެ. އެގޮތުން އޭނާ ހިންގާ، "ފޮތި ގަރާޖު" ކިޔާ ފޮތި ފިހާރައެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.

ރިޔާސީ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ރިލްވާން މަރާލުމަށް ފަހު، ވަނީ ކަނޑު ފައްތާފަ އެވެ. އަދި އޭނާ މަރާލާފައިވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ އަލްގައިދާ ރާއްޖެ ގޮފިން ކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނެފައިވާ ގޮތުގައި އައިސްސްއާއެކު ހަރުކަށި ދެ ޖަމާއަތް ރާއްޖޭގައި އޮންނަ އިރު، އެ ދެ ޖަމާއަތަށް ފަންޑު ކުރުމަށް ވިޔަފާރިތައް އަންނަނީ ހިންގަމުންނެވެ.

އޭގެ ތެރޭގައި ރެސްޓޯރެންޓް ތަކާއި ތަރުކާރީ ފިހާރުތަކާއި ފޮތި ފިހަރަތަކާއި ކަންނެލި އޮޑިތައްވެސް ހިމެނޭ ކަމަށް ކޮމިޝަނުން ބުނެއެވެ. ތަހުގީގު ރިޕޯޓުގައި ވަނީ އެ ވިޔަފާރިތަކުގެ ނަންތައް ހިމަނާފައެވެ. ނަމަވެސް މިހާރު އާންމުންނަށް އާންމުކޮށްފައިވާ ރިޕޯޓުގައި އެ ނަންތަކެއް ނެތެވެ.

ފުލުހުން އިއްޔެ ވަނީ މާލެ ސިޓީއާއި އައްޑޫ އިން ޖުމްލަ ނުވަ ތަނެއް ބަލާ ފާސްކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް