އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ގާނޫނު އިސްލާހު ކުރަނީ

ނޭޝަނަލް ޝޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މިހާރު އޮންނަ ގޮތުން އެންސްޕާ ބަލަހައްޓަމުން އަންނަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން، މަނަދޫ ދާއިރުގެ މެންބަރު އަހްމަދު ހާރޫނެވެ.

އޭނާ އިސްލާހު ހުށަހެޅުއްވި މަގްސަތުގައި ބުނެފައިވަނީ، އެންސްޕާގެ ކަން ކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތް މިނިްސްޓްރީއާ ހަވާޅުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާ އިޖްތިމާއީ މަސްއޫލިއްތަރު ހަވާލުކޯށްފައިވާި ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލު ކުރުން ކަމަށެވެ.

އެގޮތުން އޭނާ ވަނީ އެ ގާނޫނުގެ 42 މާއްދާގެ (ހ) ގައި ހިމެނޭ "މިނިސްޓަރު" މި ލަފްޒު އިޖްތިމާއީ ހިދުމަތްތައް ފޯރުކޮއްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސައުކާރުގެ ވުޒާރާގެ ވަޒީރު ކަމަށެވެ.

މި އިސްލާހަށް އަމަލު ކުރަން ފަށާނީ އިސްލާހު ފާސްވެ، ތަސްދީގްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ހާރޫން ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ.

އިޖްތިމާއީ ހިދުމަތްތައް ފޯރުކޮއްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ޖެންޑާ މިނިސްޓްރީއަށެވެ.

މި އިސްލާޙުގެ ފުރަތަމަ ކިޔުން އިއްވުން މިއަދުގެ ޖަލްސާގެ އެޖެންޑާ އަށް ވަނީ ތާވަލް ކޮށްފަ އެވެ.

comment ކޮމެންޓް