މަސްތުގެ ހާލުގައި ވެއްޓިފައި އޮތް ބިދޭސީއަކު ހޮސްޕިޓަލަށް ގެންދިއުމުން 'ފިލައިފި'

އައްޑޫ ސިޓީ ހިތަދޫ ޓްރެކް ސަރަހައްދައް ވެއްޓިފައި ވަނިކޮށް ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީ މީހާ ----

އައްޑޫ ސިޓީ ހިތަދޫ ޓްރެކް ސަރަހައްދައް ވެއްޓިފައި އޮތް ބިދޭސީއަކު ހޮސްޕިޓަލަށް ގެންދިއުމުން ފަރުވާ ފުރިހަމަ ނުވަނީސް ހޮސްޕިޓަލް ދޫކޮށް 'ފިލައިފި' އެވެ.

ސޯސަލް މީޑިއާގައި ދައުރުވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ހިތަދޫ ޓްރެކް ސަރަހައްދުގައި އިން ބެންޗެއްގައި ބޯ ވިއްދައިގެން އީށިންދެ އިން އިރު އޭނާގެ އެއްވެސް ހަރަކާތެއް ނުހުރެ އެވެ. އަދި ކައިރީގައި ހުރި ބިދޭސީ އަންހެނަކު އެ ފިރިހެން މީހާގެ ގައިގަ އަތް އުނގުޅައި ރޮމުން ގޮވުމުން ވެސް އެއްވެސް ހަރަކާތެއް ނުކުރެ އެވެ.

ރޭ އިރު އޮއްސުނު ހިނގި އެ ހާދިސާއާ ގުޅިގެން ހިތަދޫ ޓްރެކް ސަރަހައްދައް ވެއްޓިފައި އޮތް އެ މީހާ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ހިތަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ހޭ ނެތިފައި އޮތް އިންޑިއާ ރައްޔިތަކު އިއްޔެ އިރު އޮއްސި 6:30 ހާއިރު އެ ހޮސްޕިޓަލަށް ގެނައިސްފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ހާނިއްކައެއް ފެންނަން ނެތް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ބިދޭސީ މިހާ ބެލި ޑޮކްޓަރާއި ހަވާލާދީ ހިތަދޫ ހޮސްޕިޓަލްގެ އޮފިޝަލު ވިދާޅުވީ، އެ މީހާ އޮތީ މަސްތުވާއެއްޗެއް ބޮއިގެން އަމަލު ވެފައި ކަމަށާއި އެ ހޮސްޕިޓަލުން ފަރުވާ ދެމުންދަނިކޮށް ހޭ އަރައި މިއަދު ހެނދުނު ވީއިރު ހަމައަކަށް އެޅިފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޭނާގެ ފަރުވާ އެއްކޮށް ފުރިހަމަ ނުވަނީސް ބިދޭސީ މީހާ އަމިއްލައަށް ހޮސްޕިޓަލް ދޫކޮށް ގެސްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ފުލުހުން ވެސް ހޮސްޕިޓަލަށް އެޓެންޑް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ބައެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް