"އެމްއައިޓީޑީސީ އުފެއްދީ ވައްކަން ކުރަން، އުވާލަންޖެހޭ"

ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީއިން އެމްއައިޓީޑީއާ ބައްދަލު ކުރެއްވުން --- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް އިންޓެގްރޭޓެޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުފައްދާފައިވަނީ ކުރީގެ ސަރުކާރުން ވައްކަން ކުރަން ކަމަށާއި އެއީ މިހާރު އުވާލަން ޖެހޭ ކުންފުންޏެއް ކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

އެމްއައިޓީޑީސީގެ ނަމުގައި ކުންފުންޏެއް ސަރުކާރުން އުފައްދާފައި ވަނީ 2016 ވަނަ އަހަރު އެވެ. އެ ކޯޕަރޭޝަނުގެ މެމްބަރުން އިއްޔެ ވަނީ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އަނދުން ހުސައިން ވިދާޅުވީ އެމްއައިޓީޑީސީއަކީ އެމްއެމްޕީއާރުސީއިން ގާނޫނާ ހިލާފަށް ކުރި ވަރަށް ގިނަ ކަންކަން ކުރުމަށް ހަދާފައި އޮތް ކުންފުންޏެއް ގޮތުގައި ފާހަގަވި ކަމަށެވެ. އެކަން އޮތީ އެގޮތަށް ކަމަށް އެމްއައިޓީޑީސީގެ މެމްބަރުން ގަބޫލު ކުރަންތޯ އަނދުން ހުސައިން އެއްސެވި އެވެ.

އޭނާ ވިދާޅުވި ގޮތުން އެމްއައިޓީޑީސީން މިހާރު ގެންގުޅޭ ސިޔާސަތަކީ އެމްޑީޕީގެ ލޯކަލް ޓުއަރިޒަމް ސިޔާސަތާއި ދިމާ އިދިކޮޅު ސިޔާސަތެއް ކަމަށެވެ. އެމްޑީޕީގެ ސިޔާސަތަކީ ރަށުޖީބަށް ޑޮލަރު ވަނުން ކަމަށް ވިދާޅުވި އެވެ.

"[އެމްޑީޕީގެ ލޯކަލް ޓިއަރިޒަމް] ވިޔަފާރި ހަލާކުވެގެން ދާނެ ކަމެއް އަސްލުގައި ބަރެސްދޫގައި 10،000 އަކަފޫޓުގެ ބިމެއް 33،000 ޑޮލަރަށް ކުއްޔަށް ދީގެން ހިންގާ ހިންގުމަކީ. ލޯކަލް ޓުއަރިޒަމް ރަށު ތަރައްގީއަށް މި ކުރެވޭ ޓުއަރިޒަމް ހަލާކުވާނެ ކަމެއް." މެމްބަރު ހުސައިން ޝަހީމް ވިދާޅުވި އެވެ.

އަނދުން ހުސައިން ވިދާޅުވި ގޮތުން އެމްއައިޓީޑީސީއަކީ "އެއްގޮތަކަށްވެސް ވުޖޫދުގައި ބާއްވަންޖެހޭ ކުންފުންޏެއް"ނޫނެވެ.

"އެއީ ވާގޮތަކީ ފުރަތަމަ ހަވާ އަރުވާ މެޝިނާ ތިބޭފުޅުންނާ ހުރީ ކޮންގުޅުމެއްތޯ. ކުންފުނީގެ މެންޑޭޓްގައި ޔަގީން ހަވާއެރުވުމެއް ނީންނާނެ. ދެން ނިއުއިޔާ ފާހަގަކުރުމެއް ތިބޭފުޅުންގެ މެންޑޭޓްގައި ނީންނާނެ." މެމްބަރު ހުސައިން ޝަހީމް ވިދާޅުވި އެވެ.

އަނދުން ހުސައިން ވިދާޅުވި ގޮތުން އެމްއައިޓީޑީސީ އުފެއްދީ ސީދާ ވައްކަން ކުރާށެވެ.

ކުންފުނި އުވާލުމާއި ރާއިދު ދެކޮޅު

ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީއިން އެމްއައިޓީޑީއާ ބައްދަލު ކުރެއްވުން --- ފޮޓޯ/ މަޖިލިސް

އެމްއައިޓީޑީސީ އުވާލުމާ މެދު އެ ކުންފުނީގެ މެމްބަރުން ދެކެނީ ކިހިނެތްތޯ މިއަދު ކޮމިޓީގައި ސުވާލު ކުރުމުން ކުންފުނީގެ އެމްޑީ މުހައްމަދު ރާއިދު ވިދާޅުވީ އެމްއައިޓީޑީސީއަކީ އެމްއެމްޕީއާރުސުސީގެ ކަންކަން ފޮރުވުމަށް ހަދާފައި އޮތް ކުންފުންޏެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"އެއަށްވުރެ މާބޮޑަށްވެސް އުޖާލާ ކުންފުންޏެއް މި ކުންފުންޏަކީ. ބަޔަކު ކަމެއް ކޮށްފައި އޮތުމަކީ އަޅުގަނޑުމެން އެ ކުންފުނީގެ ހިތްމަރާލައި އެކަން އެގޮތަށް ގެންދަންޖެހޭ ސަބަބެއްވެސް ނޫން." ރާއިދު ވިދާޅުވި އެވެ.

ރާއިދު ވިދާޅުވާ ގޮތުން އެ ކުންފުނި ނަގާ ކޮޅަށް ޖަހާލަން އެމީހުންގެ ޕްލޭނެއްވެސް އެބައޮތެވެ. ވިދާޅުވީ އެމްއައިޓީޑީސީއަކީ އަބަދު ބްލީޑްވާނެ ކުންފުންޏެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ހަވާލުވެފައި އަޅުގަނޑުމެން ކުންފުނި ޕޮޒިޝަން މިކުރި ގޮތަކީ އެމްޑީޕީގެ ލޯކަލް ޓުއަރިޒަމްގެ ޕްލޭނާ އެއްގޮތަށް ކުންފުނި ބައްޓަން މިކުރީ. ރާއްޖޭގެ ރަށްރަށުގައި ހަމަ ގިނައިން ބެޑްތައް މި އިތުރުކުރަނީ. ކޮންމެ މީހަކުވެސް އަޅަނީ ބެޑް. އަޅުގަނޑުމެން އެބަޖެހޭ އޮގްޒިލަރީ ސާވިސްތައް އެރަށްރަށުގައި ގާއިމް ކުރަން." ރާއިދު ވިދާޅުވި އެވެ.

ރާއިދު ވިދާޅުވީ އެހިސާބުން އެމްއައިޓީޑީސީއިން އިންޓެގްރޭޓެޑް ޓުއަރިޒަމް ފެސިލިޓީއެއް އެ ރަށްރަށުގައި ގާއިމްކޮށްދޭން ޕްލޭންގައި އޮތް ކަމަށެވެ.

ބަރެސްދޫ ޕްރޮޖެކްޓްތަކަށް ޖައުސާ ކޮންސްޓްރަކްޝަނަށް 15 މިލިއަން

އެމްއައިޓީޑީސީއަށް ލީސްއަށް ދޫކޮށްފައިއޮތް ބަރެސްދޫގައި ޓުއަރިޒަމް ޑިވެލޮޕްމެންޓަށް ހަދާ ޕްރޮޖެކްޓްތައް ހަދަން ޖައުސާ ކޮންސްޓްރަކްޝަނަށް 15 މިލިއަން ރުފިޔާ ދީފައިވާއިރު މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ކުންފުނީގެ އެމްޑީ ރާއިދު ވިދާޅުވި އެވެ. އެހެންނަމަވެސް އެ ޕްރޮޖެކްޓްތައް ހިނގާފައި ނުވަނީ ޖައުސާ ކޮންސްޓްރަކްޝަންގެ މައްސަލައަކުން ނޫން ކަމަށް ރާއިދު ވަނީ އިއްޔެ ކޮމިޓީގައި ވިދާޅުވެފަ އެވެ.

"އެ ކޮންޓްރެކްޓަރަށް އަޅުގަނޑުމެން އަނގާފައި އޮންނާނީ އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލެއް ފޮނުވަން. އަދި ލިބިފައެއް ނުވޭ. އެތަނުގައި ހަމައެކަނި ކޮށްފައި ހުރި މަސައްކަތަކީ އެމްޑަބުލިއުއެސްސީގެ ފަރާތުން އެތާގައި އެތާގައި ފެންޕްލާންޓެއް ބެހެއްޓުން." އެމްއައިޓީޑީސީގެ އެމްޑީ ރާއިދު ވިދާޅުވި އެވެ.

ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީއިން އެމްއައިޓީޑީއާ ބައްދަލު ކުރެއްވުން --- ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއައިޓީޑީސީއިން ކޮށްފައިވާ ވައްކަމާއި ހިޔާނާތުގެ ބޮޑެތި ޖަރީމާތަކުގެ ވާހަކަ އިއްޔެގެ ކޮމިޓީގައި ކުންފުނީގެ އެމްޑީ ރާއިދު ހިއްސާ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެމްއައިޓީޑީސީ ވެފައި އޮތީ ޓުއަރިޒަމް މިނިސްޓްރީއިން މަނީ ލޯންޑަ ކުރަން ބޭނުން ކުރި ކުންފުންޏެއް ގޮތުގަ އެވެ.

ސީއެސްއާރުގެ ގޮތުގައި 14 ރިސޯޓަކުން ޖުމްލަ 2.36 މިލިއަން ޑޮލަރު ޓުއަރިޒަމް މިނިސްޓްރީއަށް ލިބިފައިވާއިރު އެފައިސާ އެމްއައިޓީޑީސީގެ ތެރެއަށް ވެއްދިގޮތް ރާއީދު ކިޔައިދިނެވެ. އެފައިސާއަކީ އެމްއައިޓީޑީސީއަށް ލިބިފައިވާ ފައިސާއެއް ނޫން ކަމަށް ވިދާޅުވި އެވެ. އެއީ ރިސޯޓުތަކުން ސީއެސްއާރުގެ ގޮތުގައި ޓުއަރިޒަމް މިނިސްޓްރީއަށް ދިން ފައިސާ ކަމަށްވެސް ވިދާޅުވި އެވެ.

"އެފައިސާ އޭރު ޓުއަރިޒަމް މިނިސްޓްރީއިން ޚަރަދު ކުރެވެން ނެތީތީ. އެމީހުންގެ ނަމުގައި ފްރެޑްލޯ ކޮމްޕެނީސްތަކެއް އެބަހުރޭ. އޭގެތެރޭގައި ފްރެންޑްލީ ކުންފުންޏެއް އެމްއައިޓީޑީސީ އަކީ. އެހެންވީމަ އެމްއައިޓީޑީސީގެ ބަޖެޓެއްވެސް ނޫން. އަދި އެމްއައިޓީޑީސީއިން ނަގާފަ ހުރި ލާރިއެއްވެސް ނޫން. ރިސޯޓުތަކުން ސީއެސްއާރުގެ ނަމުގައި ޓުއަރިޒަމް މިނިސްޓްރީއަށް ލާރި ނަގާފައި އެލާރި މި ވައްދަނީ އެމްއައިޓީޑީސީގެ އެކައުންޓަށް،" އެމްއައިޓީޑީސީގެ އެމްޑީ ރާއިދު ވިދާޅުވި އެވެ.

ރާއިދު ވިދާޅުވީ އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށެވެ. އެ މައްސަލަތައް މިހާރު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ރާއިދު ވިދާޅުވި އެވެ.

ސީއެސްއާރުގެ ގޮތުގައި 2.36 މިލިއަން ރުފިޔާ ލިބިފައިވާއިރު 21 މަސައްކަތަކަށް އެފައިސާ ހަރަދުކޮށްފައިވާ ކަމަށް ރާއީދު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް