އެމްޑީޕީ މެމްބަރުން ޖާބިރު "ކާލައިފި"

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

އުމުރުން ދުވަސްވީ މީހުނަށް މަހަކު 10،000 ރުފިޔާ ދޭގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހަށް ނުރުހުން ފާޅުކޮށް، އެ އިސްލާހަކީ އެއްވެސް ތާކުންތާކު ނުޖެހޭ އިސްލާހެއް ކަމަށް ބުނެ އެމްޑީޕީގެ މެންބަރުންގެ ހިފެހެއްޓުމެއް ނެތް ފާޑުކިޔުން ޖާބިރަށް ރަައްދުކޮށްފި އެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ޖާބިރު އިސްލާހު ހުށަހެޅުއްވީ އެއްވެސް ވަރަކަށް ދިރާސާ ނުކޮށް، ދައުލަތުގެ މާލީ ހާލަތަށް ވެސް ބެލުމެއް ނެތި ކަމަށެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ވިދާޅުވީ މި އިސްލާހަކީ ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ މަގްސަދާ މުޅިން ހިލާފު އިސްލާހެއް ކަމަށެވެ. އަދި މި އިސްލާހު ފާސްވެއްޖެނަމަ ޕެންޝަނާ ބެހޭ ގާނޫނެއް ހެދުމުގެ މަގުސަދު މުޅިން ގެއްލިގެން ދާނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

"މި އިސްލާހުގެ ސަބަބުން އުފެދިގެން އަންނަ ނަތީޖާ އަކީ ދައުލަތަށް އުފުއްލައިނުގަނެވޭ ވަރުގެ ބޮޑު މާލީ ބުރައެއް ދައުލަތުގެ ބޮލުގައި މި މަޖިލީހުން އެޅުވުން، މިއީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން،" އީސާ ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ

އީސާ ވިދާޅުވީ އިސްލާހު ފާސްވެއްޖެ ނަމަ، މަހެއްގެ މައްޗަށް 20 މިލިއަން ރުފިޔާ އާއި 30 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރަން ޖެހޭނެ ކަމަށެވެ. އަދި މިހާރު ވެސް ދިވެހި ދައުލަތުން ޕެންޝަނާ ބެހޭ އޮފީހަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާއިން ދަރާފައި ވާކަމަށެވެ.

އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތި ސިޔާސީ މަގުސަދަކަށްޓަކައި ހިތަށް އެރި ގޮތަކަށް ހިތަށް އެރި ވަގުތެއްގައި ގާނޫނަށް ބަދަލު ގެންނަ ނަމަ ދައުލަތް ބަދަލުވެގެން ދާނީ ވެލްފެއާ ސްޓޭޓަކަށް ކަމަށާއި އެއީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކުން ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫން ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

"ޕެންޝަނާ ބެހޭ ތަޖުރިބާކާރުން މަލާމާތް ކުރޭ، ދިވެހީންނަކީ ރިސޯޓު ފާލަން ދަށުގައި އޮންނަ ކިރުޅިޔަ މަސް ބައިގަނޑަކަށް ވެއްޖެ އޭ. އެބޭފުޅުން ވިދާޅުވަނީ ޗުއްޓީއަށް އައިސް އުޅޭ މީހާ ރެސްޓޯރަންޓުން ކައިގެން ބާކީ ވާ ބަނަސް ހިފައިގެން ފާލަން ކޮޅަށް ގޮސް މޫދަށް އަޅަންދެން އޭގެ އިންތިޒާރުގައި ފެނުން މައްޗަށް ތުން ނަގައިގެން ތިބޭ ކިރުޅިޔަ މަސްތަކެކޭ ދިވެހިންނެކޭ އެއްވެސް ތަފާތެއް ނެތޭ،" މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހާއި ދައުލަތުގެ ޒިންމާދާރުކަން ކުޑަ ކަމުން، ޒިންމާދާރު ކަމާއެކު އަމިއްލަ ފައިމައްޗަށް ތެދުވެ ޝަރަފުވެރި ދިރިއުޅުމެއް އުޅުމުގެ ވިސްނުން ރައްޔިތުންގެ ކިބައިން ނެތިގެން ދިއުމަކީ އޭގެ ޒިންމާ މަޖިލީހުން ނަގަން ޖެހޭނެ ކަމެއް ކަމަށެވެ.

"އެވަރުގެ ނާގާބިލް މަޖިލީހަކަށް މި މަޖިލިސް ވެގެންދާތަން ބަލަން އަޅުގަނޑު ބޭނުމެއް ނޫން،" މެމްބަރު ވިދާޅުވި އެވެ.

ޒިންމާދާރު ދައުލަތެއްގެ ޒިންމާއަކީ ޝަރަފުވެރިކަމާއެކު އަމިއްލަ ފައިމައްޗަށް ތެދުވެ ޝަރަފުވެރި ދިރިއުޅުމެއް އުޅެވޭނެ މާހައުލު ގާނޫނުތަކާ ގަވާއިދުތަކުން ފަހިކޮށްދިނުން ކަމަށާއި، ފަހަށް ރައްކާތެރިކުރުމުގެ ރީތި އާދަ ހަރުދަނާ ވިސްނުން ރައްޔިތުންނަށް ގެނެސްދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް މެމްބަރު އީސާ ވިދާޅުވި އެވެ.

"ބޮޑު ރޯނުން ފެން ލައި ބަނަސްވެސް މިވަރުގެ އިސްލާހަކަށް އާޅުގަނދޫގެ އިނގިލި ގާތްކުރުން ވެސް އެއީ ކުރެވޭނެ ކަމެއް ނޫން. މި އިސްލާހު ބޭރު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" އީސާ ވިދާޅުވިއެވެ.

ބިލަށް ބަހުސް ކުރުމަކީ ބޭކާރު ކަމެއް ކަމަށާއި، ބިލް ވަގުތުން ބޭރުކޮށްލަން ޖެހޭ ކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ޖީޑީޕީ އާއި އިންފްލޭޝަން ހުރި މިންވަރު ވެސް ނުބަލައި، މެންބަރުންގެ ސިކުނޑިއަށް އަންނަ ކޮންމެ އަދަދެއް ގަނޑެއްގައި ޖަހައިގެން މަޖިލީހަށް ހުށަހެޅުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

"ލޯ މަރާލާފައި ހަމަ އަދަދެއް ޖަހައިގެން ގެނައުމަކީ ދައުލަތުގެ މާލިއްޔާ ފުނޑާލުން ކަހަލަ ކަމެއް،" އިލްޔާސް ވިދާޅުވިއެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވަނީ ޖާބިރުގެ ކުންފުނި ޔޮޓް ޓުއާޒްގެ މުވައްޒަފުންނަށް ޕެންޝަން ފައިސާ ނުދޭ ކަމަށާއި ދައުލަތަށް ދައްކަންޖެހޭ ފައިސާ ވެސް ޖާބިރު ނުދައްކަވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން ޖާބިރު ވަނީ ނިޒާމީ މައްސަލައެއް ވެސް ނަންގަވައިފައެވެ. ޖާބިރު ވިދާޅުވީ މަޖިލީހުގައި ތެދު ބަހުން ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ދެކޮޅު ނުޖެހޭ ވާހަކަ ދެއްކުމަކީ ދެއްކުމަކީ "ހަޑި" ކަމެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް

ޝަހީމްގެ އިތުރުން ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން ވެސް ވަނީ ޖާބިރު ދައުލަތަށް ދަރާފައިވާ ކަމަށް އިޝާރާތް ކުރައްވާފައެވެ. އަދި ދައުލަތަށް ދަރާފައި ތިބި މީހުން ދަރަނި އަދާކުރުމުން، ބޭނުންވާ 10،000 ރުފިޔާ ވެސް ދެވޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ޖާބިރު ވިދާޅުވީ އެ ބިލް ހުށަހެޅުއްވީ ރައްޔިތުންނަށް ބޭނުންތެރި ބިލަކަށް ވާނެތީ އާއި އެ އިސްލާހުގެ ސަބަބުން ގިނަ ރައްޔިތުންނަށް ފައިދާ ވާނެތީ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ އެއްވެސް މެމްބަރަކު ސީދާ މައުޟޫއަށް ވާހަކަ ދެއްކުމުގައި ބަދަލުގައި ޒާތީ ގޮތުން ޖައްސާލައިގެން ވާހަކަ ދައްކަވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"އެމްޑީޕީއަށް ސަރުކާރު ލިބި މަޖިލީހުގެ މެޖޯރިޓީ ލިބުނީމާ އެމްޑީޕީ އަށް ސަރުކާރު ހިންގަން ނޭނގި ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ފައިސާ ޖެނެރޭޓް ކުރާނެ ގޮތެއް ނޭނގިގެން އުޅުމަކީ އަޅުގަނޑާ ބެހޭ މައްސަލައެއް ނޫން،" ޖާބިރު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

އަދި އެމްޑީޕީ އިން މަސައްކަތް ކުރަމުން ދަނީ ވަރަށް މަކަރުވެރި އަދި ހީލަތްތެރި ގޮތަކަށް މަޖިލިސް ބޭނުން ކުރަން ކަމަށާއި އިޚްލާސްތެރި މަސައްކަތެއް ކުރާ ތަން ނުފެންނަ ކަމަށެވެ.

"މީ މާބޮޑު ލާރި އެއް ނޫން. ރާއްޖޭގެ ހަރަދުތައް ވަރަށް ބޮޑެތި. ހަމައެކަނި ރައީސް ދުއްވަން ހުރި ބޯޓުތައް ވިއްކާލިޔަސް ކީއްތޯ ވާނީ. ކިތައް ބޯޓު އެބައޮތް؟ މަލޭ ބަނދަރަށް އެއޮތީ އަޅާ ފުރާލާފައި. ރައްޔިތުން އެެ އުޅެނީ ކައިރި ނުކުރެވިގެން. އެންމެ ބޯޓަކުން ވާނެތާ. ކީއްކުރަންތޯ އަޅުގަނޑުމެންގެ ކޯސްޓް އޮފް އޮޕަރޭޝަންސް އެހާ މަތިވެގެން މި އުޅެނީ. 13 ވަޒީރުން އެބަތިބޭ. ކޮން ކަމެއްތޯކުރަނީ. އެއްވެސް ޕްރޮޖެކްޓެއް ހިނގާ ތަނެއް ނުފެނޭ. ޗައިނާ އާ ގުޅުން ކަނޑާލައިފި" ޖާބިރު ވިދާޅުވިއެވެ.

އިހުލާސްތެރިކަމެއް ނެތި ދެއްކުންތެރިކަމާ އެކު މަސައްކަތް ކުރާނަމަ ރައްޔިތުންނަށް އެކަން ފެންނާނެ ކަމަށާއި އެގޮތަށް ކަންކަން ދާނަމަ ދެން އޮތް އިންތިޚާބުތަކުގައި އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީ މެމްބަރުން ވިދާޅުވީ ޖާބިރު ހުށަހެޅުއްވި ބިލުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށާއި، ބޭނުމަކީ ނޫސްތަކުގެ ސުރުހީ އަށް އެރުން ކަމަށެވެ.

comment ކޮމެންޓް