ދިވެހި ފޮޓޯގްރާފަރަކަށް ބައިނަލްއަގުވާމީ ޝަރަފުވެރި އެވޯޑެއް

ފޮޓޯގްރާފަރު އިސްމާއިލް ނިޔާޒް މުހައްމަދު ---

ދިވެހި ފްރީލާންސް ފޮޓޯގްރާފަރު އިސްމާއިލް ނިޔާޒު މުހައްމަދަށް ފޮޓޯގްރަފީގެ ދާއިރާއިން ބައިނަލްއަގުވާމީ ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ.

ނިޔާޒު ފްރީލާންސް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ 16 އަހަރު ވެއްޖެއެވެ. މިވީ ދިގު މުއްދަތުގެ ތެރޭގައި އޭނާއަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އިޓަލީވިލާތުގެ އޭ ޑިޒައިން އެވޯޑް ފޮޓޯގްރަފީގެ ދާއިރާއިން ލިބުމެވެ.

ފޮޓޯގްރަފީ އެންޑް ފޮޓޯ މެނިޕިއުލޭޝަން ޑިޒައިން ކެޓަގަރީ އިން ނިޔާޒަށް އެވޯޑު ލިބުނީ މިދިޔަ އޭޕްރީލް މަހުއެވެ. މުބާރާތަށް އޭނާ ފޮނުވި ފޮޓޯއަކީ ލިވަބޯޑް މެގަޒިންއަށް ނަގައިދިން ކަވާ ފޮޓޯ އެކެވެ.

ނިޔާޒުގެ އެވޯޑް ވިނިން ފޮޓޯ-- ފޮޓޯ ނިޔާޒް

"އެމީހުން [އެވޯޑް ދޭ ފަރާތުން] ދިން ދައުވަތެއް ފޮޓޯ ފޮނުވަން. ބުނީ ވިންވުމުގެ ފުރުސަތު ބޮޑޭ. އެހެންވެ އެ ފޮޓޯ ފޮނުވީ،" ނިޔާޒުގެ ޕޯޓްފޯލިއޯ ފެނި މި ޝަރަފުވެރި އެވޯޑުދޭ ފަރާތުން ދިން ދައުވަތާ ގުޅޭގޮތުން އެނާ ކިޔައިދިނެވެ.

"އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން މީތި ވިން ވެދާނެއެކޭ،"

ނިޔާޒު ވަނީ މި ޝަރަފުވެރި އެވޯޑާ ހަވާލުވުމަށް އިޓަލީގެ މިލާނަށް ގޮސްފައެވެ.

އޭ ޑިޒައިން އިން ދޭ އެވޯޑާ ނިޔާޒު ހަވާލުވުން -- ފޮޓޯ: ނިޔާޒް

"ވަރަށް އުފާވި މިހާ ޝަރަފުވެރި އެވޯޑެއް ލިބުނީމާ. ވަރަށް ބޮޑު ޝަރަފެއް މިއީ،" އޭނާ ބުންޏެވެ.

ނިޔާޒަށް ލިބުނު އެވޯޑާއެކު ވޯލްޑް ޑިޒައިން ރޭންކިންގްސް ފުރަތަމަ ފަހަރަށް ރާއްޖެ ވަނީ ހިމެނިފައެވެ.

ނިޔާޒަކީ ވެޑިން ފޮޓޯގްރަފީގެ އިތުރުން ފުޑް ފޮޓޯގްރަފީ އަދި ރިއަލް އެސްޓޭޓް ފޮޓޯގްރަފީގައިވެސް ފާހަގަކޮށްލެވޭ ނަމެކެވެ.

comment ކޮމެންޓް