މިނިވަން ދުވަހާ ގުޅިގެން ފޮޓޯ ނެގުމުގެ މުބާރާތެއް

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ހޯމް މިނިސްޓްރީ އަދި ޔުނައިޓެޑް ފޮޓޯގްރާފާސް އެސޯސިއޭޝަން އިން ފޮޓޯ ނެގުމުގެ މުބާރަތެއް ބާއްވަން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މިއީ ދިވެހިންގެ ހިތްތަކުގައި ގައުމީ ރޫހު އާލާކޮށް ގައުމިއްޔަތަށް އޮންނަ ލޯތްބާއި ޝައުގު އިތުރު ކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. އަދި، މި މުބާރާތުގެ އަލީގައި މިނިވަން ކަމުގެ މުހިންމު ކަމާއި، ގައުމީ ގޮތުން ފާހަގަ ކުރެވޭ މުހިންމު ހާދިސާތަކުގެ ޒިކުރާ އާލާކޮށް، ދިރުވުމަށް އުއްމީދު ކުރާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ބައިވެރި ވެވޭނެއެވެ. މުބާރާތުގެ ތީމްއަކީ "މިނިވަން އުފާ" އެވެ. މި ތީމްއާ ގުޅިވައި މައިގަނޑު ހަތަރު ދާއިރާއަކުން ފޮޓޯ ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެއީ، ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި، ރާއްޖޭގެ ތާރީޚާއި، ދިވެހިންގެ އާދަކާދަ އާއި ސަގާފަތުގެ އިތުރުން ދިވެހި މުޖުތަމައުގެ މިނިވަންކަމާއި އުފާ ފާގަތިކަން މިއެވެ.

މި ދާއިރާތަކުން ރާއްޖޭގެ ތަފާތު ކަންކަމާއި ރީތިކަން ދައްކުވައިދޭ ފޮޓޯތައް ހުށަހެޅޭނެއެވެ. ބައިވެރިވާ ކޮންމެ ފަރާތަކަށް ގިނަވެގެން ހުށަހެޅޭނީ ތިން ފޮޓޯ އެވެ. ފޮޓޯ ހުށަހެޅުމުގެ ސުން ގަޑި އަކީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ. ފޮޓޯ ހުށަހަޅާނީ އެކަމަށް މިނިސްޓްރީން ހާއްސަ ކޮށްފައިވާ ލިންކް upamv.org/competitions/ މެދުވެރިކޮށެވެ.

މުބާރާތުން އެއްވަނައަށް ދާ ފޮޓޯއެއް ހުށަހަޅާ މީހަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ އަށް ދާ މީހަކަށް 7،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ މީހަކަށް ތިން ހާސް ރުފިޔާ ލިބޭނެއެވެ.

މުބާރާތައް ބައިވެރިން ހުށަހަޅާ ފޮޓޯތަކަށް އިންސާފުކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ތީމް އާ ގުޅުން ހުރި މިންވަރާއި، އެކުލަވައިލުން، ފަންނުވެރިކަމާއި ފުރިހަމަކަން، ފޮޓޯ ކޮލެޓީއާއި ޓެކްނިކަލް ފަންނުވެރިކަން އަދި އުފެއްދުންތެރިކަން ހިމެނެއެވެ.

މުބާރާތުގައި ފަނޑިޔާރުކަން ކުރުމަށް ހަމަޖެހިފައިވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

comment ކޮމެންޓް