ނައުޝަމްގެ ލެންސުން، ޝަހީދު ހުސައިން އާދަމްގެ "ފަހުރުވެރި" މައިންބަފައިން!

ޝަހީދު ހުސައިން އާދަމްގެ މައިންބަފައިން އޭނާގެ ފޮޓޯއެއް ހިފައިގެން -- ފޮޓޯ/ ނައުޝަމް ވަހީދު

އެއީ 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރެޔެވެ. މެންދަމުގެ ހަމަހިމޭންކަމާއެކު ނިދާފައި އޮތް މާލޭގެ އަމާންކަން ނަގާލީ ބޭރުގެ ކުލީ ސިފައިންތަކެއް އެ ރޭ 3:30ގައި މާލެ އެރުމުންނެވެ.

ހަނގުރާމަވެރިން މާލެ އެރިގޮތަށް ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، އޭރުގެ އެއަރ މޯލްޑިވްސް ކަންމަަތީގައި ތިބެ ސިފައިންގޭގެ މައިދޮރާ ދިމާލަށް ބަޑި ޖަހަން ފެށިއެވެ. އެއީ ފުރަތަމަ ހަމަލާއެވެ. އެ ހަމަލާއަށް، ސިފައިންގޭގެ މައި ދޮރާށީގައި ފާރައަށް ހުރި ސިފައިންގެ މީހާ ދިފާއުގައި ބަޑި ޖަހަން ފެށިއެވެ.

އެންމެ ފުރަތަމަ ދިފާއީ ހަމަލާއެއް ތަމަޅައިންނާ ދެކޮޅަށް ދިނީ މިއަދު މިއަދު އެ ބޭކަލަކަށް މުޅި ގައުމު ފަޚުރުވެރިވާ ޝަހީދު ހުސައިން އާދަމެވެ. އޭރު ލާންސް ކޯޕްރަލެއްގެ މަގާމުގައި ހުރި ހުސައިން އާދަމް ޝަހީދުވީ އަތުގައި ހުރި ވަޒަން ހުސްވެ ،ހަމަލާ ހުއްޓާލަން ޖެހުނު ވަގުތު ،ތަމަޅައިން ދިން ހަމަލާގައެވެ.

އެ ދުވަހު ޝަހީދު ހުސައިން އާދަމް ދިފާއުގައި ބަޑި ނުޖެއްސެވިނަމަ، ސިފައިންގެ ތެރެއަށް ވަދެގަތުމުގެ ފުރުސަތު ތަމަޅައިންނަށް ލިބުނީހެވެ. އެހެންކަމުން، އެ ދުވަހުގެ ބަތަލަކީ ޝަހީދު ހުސައިން އާދަމެވެ.

އެ ދުވަހަށް މިއަދު 33 އަހަރު ފުރުނީއެވެ. ޒުވާން ފޮޓޯގްރަފަރު ނައުޝަމް ވަހީދު މިއަދު ދޫކޮށްލީ ތާރީހަށްޓަކައި އެތައް ވާހަކައެއް ކިޔައިދޭނެ ފޮޓޯއެކެވެ.

އަބަދުވެސް އެކި މުނާސަބަތުތަކަށް އެކި ކޮންސެޕްޓްތަކަށް ފޮޓޯ ނަގާ ނައުޝަމް މި ފަަހަރު ކުލަކޮށްލަދިނީ ޝަހީދު ހުސައިން އާދަމްގެ "ފަހުރުވެރި" މައިންބަފައިންނެވެ. އެ ފޮޓޯގައި ފެންނަނީ ހުސައިން އާދަމްގެ މައިންބަފައިން އޭނާގެ ފޮޓޯއެއް ހިފައިގެން ތިބޭ މަންޒަރެވެ. އެ ދެމަފިރިންގެ މޫނުމަތީގައި ވަނީ އުޖާލާ ހިނިތުންވުމެކެވެ.

މި ފޮޓޯއާ ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދައްކަމުން ނައުޝަމް ބުނީ މި ފޮޓޯ ނަގަން ވިސްނުނީ މި އަހަރު ކުރީކޮޅު ކުޅުދުއްފުއްޓަށް ކުރި ދަތުރެއްގައި ކަމަށެވެ. އަދި ނަސްރުގެ ދުވަހަށް ހުސައިން އާދަމްގެ މައިންބަފައިން ފްރޭމަށް ލައިގެން ފޮޓޯއެއް ނަގަން ވިސްނުނީ ކަމުގައި އޭނާ ކިޔައިދިނެވެ.

"އަސްލު އެ ފޮޓޯއިން ބުނެދޭން ބޭނުން ވަނީ އެ ދެމަފިރިން ހުސައިން އާދަމަށް ޓަކައި ފަހުރުވެރިވާ މިންވަރު. މޫނުގެ ކުލަވަރުން ވެސް ބުނެދެނީ ހަމަ އެވާހަކަ،" ނައުޝަމް ބުންޏެވެ.

އެ ހާދިސާއަށް މިހާ ގިނަ ދުވަސްވީ ފަހުން ވެސް އެ ދެމަފިރިންގެ ފޮޓޯއެއް ނައުޝަމްގެ ކެމެރާގައި ރައްކާކޮށްލަން ލިބުމުން އޭނާ ހުރީ ނުހަނު އުފާވެފައެވެ. އޭނާ ދެކޭ ގޮތުގައި މިއީ މިހާތަނަށް އޭނާ ނެގި އެންމެ ތާރީހީ އެއް ފޮޓޯއެެވެ.

ހުސައިން އާދަމްގެ މަންމަ އާއިޝަތު ހަސަން އާއި ބައްޕަ އާދަމް މުހައްމަދުގެ އުމުރުން މިހާރު ވަނީ ވަރަށް ދުވަސްވެފައެވެ. އެ ދެމަފިރިން މިހާރު ގުނަމުން އަންނަނީ އަށްޑިހައިގެ އަހަރުތަކެވެ.

ހުސައިން އާދަމްގެ މައިންބަފައިން ވަނީ ނައުޝަމްއަށް ހާއްސަ އިންޓަވިއުއެއް ދީފައެވެ.

ޝަހީދު ހުސައިން އާދަމަކީ ކުޑައިރުއްސުރެ ވެސް ވަރަށް މަޑުމައިތިރި ކުއްޖެއް ކަމަށް އޭނާގެ މަންމަ ކިޔައިދިނެވެ. އަދި ކުޑައިރު ވެސް ހުސައިން އާދަމް "ހެވިކަން" ކޮށް އުޅޭ ކަމަށް ވެސް ކިޔައިދިނެވެ.

"އަހަރެން ވިހެއިން އޭނައާއެކު ތޭރަ ކުދިން. މިހާރު ދުނިޔޭގައި ތިބީ ހަ ކުދިން،" ހުސައިން އާދަމްގެ މަންމަ ބުންޏެވެ.

އޭރު ހުސައިން އާދަމްގެ ބައްޕަ މަސައްކަތް ކުރަނީ ކުޅުދުއްފުށީ ވިޔަފާރި ގޭގައެވެ. އެ ދުވަހު އެތަނުގައި އިނުމަށްފަހު، އޭނާ ކުއްލިއަކަށް ގެއަށް އައެވެ. އޭރު ކާ އެއްޗެއް ނުލިބިގެން އެ ރަށުގައި މީހުން ދުވަން ވެސް ފަށައިފިއެވެ. އެހެން ނަމަވެސް ވެގެން އުޅޭ ގޮތެއް އޭރު ނޭނގޭ ކަމުގައި ހުސައިން އާދަމްގެ މަންމަ ކިޔައިދިނެވެ.

"އޭރު ދެން ބީބީސީ ހަބަރު އަންނާނެ. ދެ މީހުން ތިބޭނީ އޭގެ ދޮށުގައި. އޭގެ އަނެއް ދުވަހު [ހުކުރު ދުވަހު] ވެސް ސާފެއް ނުވި. ދެން ހޮނިހިރު ދުވަހު ބުނިން ސާފު ކޮށްގެންނޭ މިއަދު އަންނަން ވާނީ،" އޭނާ ކިޔައިދިނެވެ.

ހޮނިހިރު ދުވަހު އެކެއް ޖަހާލާއިރު ހަބަރު ހިފައިގެން އައިސްފިއެވެ. ރަށުގެ ގިނަ ބަޔަކު އެ ގޭ ދޮށަށް ޖަމާވިއެެވެ. އޭރު ހުސައިން އާދަމްގެ މަންމަ އިނީ ކުޑަކުއްޖަކު ގޮވައިގެން ހަނޑޫ ހޮވާށެވެ.

"އައީމަ މަ އެހިން ކިހިނެއްހޭ ވީ. އެހީމަ ބުނީ އަހަރެމެން ދަރިފުޅު ޝަހީދު ވެއްޖޭ. ދެން މަށަކަށް ނޭނގުނު ވީނުވީއެއް. 10 ދުވަސްވީއިރު ވެސް މަށެއް ހޭވެރިކަމެއް ނުވޭ،" އޭނާ ކިޔައިދިނެވެ.

ޝަހީދު ހުސައިން އާދަމްގެ މޫނު ދެކުމަށް މާލެ އައުމުގެ ނަސީބެއް އެ ދެމަފިރިންނަކަށް ނުލިބުނެވެ. މާލޭގެ ފަސްގަނޑަށް އެ ދެމަފިިރިން އައީ ހުސައިން އާދަމް ޝަހީދުވިތާ 13 އަހަރު ފަހުންނެވެ.

މިއަދުގެ ޒުވާން ޖީލަށް، ނަސްރުގެ ދުވަހުގެ ވާހަކަތައް ކިޔައިދޭން އެބަ ޖެހެއެވެ. ޔަގީނުން ވެސް، ނައުޝަމް މި ދޫކޮށްލި ފޮޓޯއިން އެތައް ވާހަކައެއް އެބަ ބުނެދެއެވެ. އެ ދުވަހުގެ ހަނދާންތައް އެބަ އާ ކޮށްދެއެވެ.

comment ކޮމެންޓް