އާ ސަރުކާރުން އާވަޒީފާތައް އުފައްދަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތް: ޕީއެންސީ

އޭޕްރީލް 28، 2019: ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފުރަތަމަ ކޮންގްރެސް ނިންމާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން އައިފަހުން އާ ވަޒީފާއެއް އުފައްދަން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީއެންސީ އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އާބާދީ އިތުރުވަމުންދާ އިރު އާ ވަޒީފާތައް އިތުރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ސަރުކާރުން ވެފައިވާ ވައުދާއެއްގޮތަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މިވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ." ޕީއެންސީގެ ބަޔާނުގައި ވެއެވެ.

ޕީއެންސީން ބުނީ ވަޒީފާނެތް މީހުން އިތުރުވުމުގެ ސަބަބުން ރައްތިތުންގެ ދިރިއުޅުމުގެ ހާލަތު ބިކަވެ މުޖުތަމައުގެ މައްސަލަތައް އިތުރުވެ ރައްތިތުންނަށް އޭގެ ނުތަނަވަސްކަމާއި ހިތްދަތިކަމާ ކުރިމަތިލާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރިއަށް މަޖިލީހުން އެ މައްސަލަ ވީހާ ވެސް އަވަހަަށް ހައްލުކުރުމަށް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.

އާ ސަރުކާރުން ބައެއް ފަރާތްތަކުން ވަޒީފާއިން ވަކިކުރާ މައްސަލައިގައި ވެސް ޕީއެންސީއިން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

ޕީއެންސީ އިން ބުނީ އާ ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމުގެ ގޮތުން އެތައް ބަޔަކު ވަޒީފާ އިން ވަކިކުރާނެ ކަަމަށް ބުނެ ބިރު ދައްކަމުންދާ ކަމަށެވެ. އެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށް، ވަޒީފާއަދާ ކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް އިންސާފާއެކު ހުރިހާ ފަރާތްތަކާ މެދު ގާނޫނާ ގަވައިދުން އަމަލުކުރުމަށް ޕީއެންސީން ވަނީ ގޮވައިލައިފަ އެވެ.

comment ކޮމެންޓް