ސިޔާސީ މެނިފެސްޓޯތަކުގައި ހިމެނުން މުހިންމު ކަންކަން މޭޑޭ ހިނގާލުމުގައި މަޝްވަރާކުރި: ޓްރޭޑް ޔޫނިއަން

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން އިންތިޒާމް ކުރި ހިނގާލުމުގައި ސިޔާސީ ފަރާތްތަކުގެ މެނިފެސްޓޯގައި ހިމެނުން މުހިންމު ކަންތައްތަކެއް މަޝްވަރާ ކުރި ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން ބުނެފިއެވެ.

މި ހިނގާލުން ކުރިއަށް ދިޔަގޮތާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތުދެއްވަމުން ޓްރޭޑް ޔޫނިއަންގެ ރައީސް މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ ހިނގާލުމަށް އާންމުންގެ ގިނަ ބަޔަކާއި މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ.

"މިފަދަ ރެލީއެއްގަ ބައިވެރިވާނެ ވަރަށް ހަމަ މީހުން ބައިވެރިވި. އާންމުންގެ ފަރާތުން ވެސް ވަރަށް ތަރުހީބު ބޮޑު މި ރެލީއަށް،" މައުރޫފް ވިދާޅުވިއެވެ.

މި ހިނގާލުމުގައި މުހިންމު ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ބަދަލުތައް ގެންނަން ގޮވާލި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން، ރިސޯޓު މުވައްޒަފުންނަށް ހަފުތާއަކު ދެ ދުވަހު އޮފް ދިނުމާއި، ރިސޯޓު މުވައްޒަފުންގެ ތުނބުޅި ބެހެއްޓުން ހުއްދަކުރުމާއި، ނޫސްވެރިންގެ ފެށޭ މުސާރަ 15،000އަށް ކަނޑައެޅުމާއި، އެމްޕީއެލް ފްލެޓުތަކުގެ އަގު ކުޑަކުރަށް ގޮވާލުން ހިމެނެއެވެ.

"ކުރިއަށް ރިޔާސީ އިންތިޚާބު އޮތުމާއެކު އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ހިއްސާކުރެވުމަކީ އެމީހުންގެ މެނިސްފެސްޓޯތައް ތައްޔާރުކުރާ އިރު ވެސް ކޮންސިޑާކުރުން ވަރަށް މުހިންމު ކަމެއްތާ،" އޭނާ ވިދާޅުވިއެވެ.

އިއްޔެ ހަވީރު 04:00ގައި ރަސްފަންނުން ފެށި އެ ހިނގާލުން ނިންމާލީ، އާޓީފިޝަލް ބީޗަށެވެ. އެ ހިނގާލުމުގައި މަސައްކަތްތެރިންގެ ހަ އެސޯސިއެޝަނަކުން ބައިވެރިވިއެވެ.

އެއީ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް)، ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސްް ޔޫނިއަން، މޯލްޑިވްސް ޕޯޓްސް ވޯކާޒް ޔޫނިއަން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް