ހަމައެކަނި މުސާރަ ބޮޑުކުރުމަކީ ހައްލެއް ނޫން، މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ބޭނުންވޭ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ސަން ފޮޓޯ: މުޙައްމަދު ހަމްޒާ

ގައުމުގެ އިޤްތިޞާދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލެއް ނޫން ކަމަށާއި މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު އަބަދުމެ ދެމުން ގެންދަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ދެއްވި ޚިޠާބެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ އެކި ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން މިހާރު ފަށާފައި ވާކަމަށެވެ. އަދި ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ މަސައްކަތްތެރީންނަށް ވެސް ބޯހިޔާވަހިކަމުގެ ޚާއްސަ ސްކީމްތައް ތައާރަފްކުރުން މުހިންމުކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސައްކަތުގެ މާޙައުލަށް އަލިއަޅުވާލާ ރައީސް ވިދާޅުވީ، މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމު ކަމަށެވެ. އަދި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމު ކަމަށާއި މި ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފައި ކަމަށް އެ މަނިކުފާން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސްކަމަކީ، މަސައްކަތްތެރި އެތައް ކުންފުންޏަކަށާއި ފަރުދުންނަށް، ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ އޮތުން ކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ 9000 މިލިއަނަށްވުރެ ގިނަ މަސައްކަތު ބިލުތަކުގެ ދަރަންޏާއި، އެކި ވުޒާރާތަކާ އޮފީސްތަކުން ދައްކަން ޖެހޭ ވެސް މިފަދަ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި ހުރިކަމަށާއި މިކަމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ޤައުމުގެ އިޤްތިޞާދު އޭރު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން މިދަނީ، ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިޔުމަށް. މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްދީ، ޤައުމުގެ އިޤްތިޞާދީ ލޭނާރު ޙިމާޔަތް ކުރުމަށް،" ރައީސް ވިދާޅުވިއެވެ.

ސިވިލް ސާވިސް އަދި ސިއްހީ ޚިދުމަތްފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުއްވުމަށްފަހު، މަސައްކަތާ ފެޔަށްޖެހިވަޑައިގެންފައިވާ އެތައް ޚިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެމުން ދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭނޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުން ހަވާސާވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުޞަތު މިހާރު މިދަނީ ހޯދައިދެމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް އާ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ. އެއާއެކު ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް ފަހިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އީ-ވޮލެޓާއެކު ބައިނަލްއަޤްވާމީ މާލީ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވުމުގެ އުންމީދު ރައީސް މިއަދު ވެސް އާކުރެއްވިއެވެ.

ސަރުކާރުގެ މި އުންމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ އަދި ޢަޒުމަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާއެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭގައި ހޯދައިދިނުން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް