ކުރީގެ މެމްބަރުންނަށް އިތުރު އިނާޔަތްދޭ ބިލާ ދެކޮޅަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އަދި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިބްރާހިމް ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ މަޖިލިސް މެމްބަރުންނަށް އިތުރު އިނާޔަތްތަކެއް ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ދެކޮޅަށް ސަރުކާރު ހިންގާ އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފިއެވެ.

ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރުޒޫގު ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށް ދެއްވާފައެވެ.

މަޖިލިސް މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ދިނުމަށް އަބްދުއްލަތީފްގެ އިތުރުން ތިމަރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު މުސްތަފާ ވެސް އިމްތިޔާޒު ގާނޫނަށް އިސްލާހު ހުށަހެޅުއްވިއެވެ. ނަމަވެސް އެ އިސްލާހު އޭނާ ވަނީ މިހާރު އަނބުރާ ގެނެސްފައެވެ.

މަޖިލީހުގެ މެންބަރުކަން އެއް ދައުރު ކޮށްފައިވާ ފަރާތްތަކަށް މުސާރައިގެ 30 ޕަސެންޓް އަދި ދެ ދައުރަށް ވުރެން ގިނަ ދައުރު އަދާކޮށްފައިވާ މީހުނަށް މުސާރައިގެ 40 ޕަސެންޓް ދިނުމަށް، ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ވެސް މިއަދު ވަނީ އިމްތިޔާޒު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައެވެ.

މެންބަރުންނަށް އިތުރު އިނާޔާތް ދިނުމަށް ހުށަހަޅާފައިވާ ހުރިހާ ބިލަކަށް ވެސް ތާއިދު ނުކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިއްތިފާގުން ވަނީ ތްރީ ލައިން ވިޕެއް ނެރެފަ އެވެ.

އަބްދުއްލަތީފު އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރާށެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބޭނީ ހަމައެކަނި މެމްބަރުކަން ކުރި މީހަކަށެވެ. އާއިލާގެ މީހަކަށް ނުލިބޭނެ އެވެ.

އޭގެ އިތުރުން މެމްބަރުކަން ކުރި މީހުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް މެމްބަރުކަން ކުރި މީހާއަށާއި އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެންނަން އަބްދުއްލަތީފް ވަނީ ހުށަހަޅުއްވާފަ އެވެ.

މަޖިލީހުގެ މެމްބަރު ކަމުގައި ތިބެ ވަކިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ލިބޭނެ ގޮތަށް އިމްތިޔާޒު ގާނޫނަށް ހުށަހެޅި އެ އިސްލާހާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް އިތުރު އިމްތިޔާޒްތަކެއް ހޯއްދެވުމަށް ހުށަހަޅަމުން ދަނީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުން ނާކާމިޔާބުވެ ގޮނޑި ދިފާއު ނުކުރެވުނު މެމްބަރުންނެވެ.

comment ކޮމެންޓް