ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު މަޖިލީހުގައި ތާށިވެފައި އޮތުމަކީ ހަގީގަތް ފޮރުވަން ބާރުގަދަ ބަޔަކު އުޅޭ ކަމުގެ ހެއްކެއް ކަމަށް ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި މާރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިން ބުނެފި އެވެ.
ޔާމީންގެ މަރުގެ މައްސަލައާއި ރިލްވާން ގެއްލުވާލި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންދާ މައްސަލައެކެވެ. އެހެންނަމަވެސް، އެ ކޮމިޝަނަށް ބާރުދޭން އެކުލަވާލި ބިލު މަޖިލީހުން ފާސްވެފައި ނުވާތީ އެ ކޮމިޝަނަށް ވަނީ ފުރިހަމައަށް ތަހުގީގު ކުރަން ބޭނުންވާ ބާރުތައް ނުލިބިފަ އެވެ.
ޔާމީން އާއި ރިލްވާންގެ ހަނދާނުގައި ޖަމިއްޔާއެއް އުފައްދަން ނިންމާފައިވާކަން އިއުލާނު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެމީހުންގެ އާއިލާގެ ފަރާތުން ވާހަކަ ދައްކަމުން ޔާމީންގެ ރަޝީދުގެ މަންމަ ބުނީ ދެ ކޮމިޝަނަށް ބާރުދޭ ބިލު ތާށިވެފައި އޮތުމަކީ ހަގީގަތް ފޮރުވަން އުޅޭ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ނުފޫޒުގަދަ ސިޔާސީ މީހުންނާއި ގޭންގުތަކުން، ދައުލަތުގެ މުއައްސަސާތަކާއި ކޯޓުތަކުގެ ތެރެއިން ހަގީގަތް ފޮރުވަން މަސައްކަތް ކުރާތަން ފެންނަ ކަމަށެވެ.
"ނުފޫޒުގަދަ ސިޔާސީންނާއި ގޭންގުތަކުން ދައުލަތުގެ މުއައްސަސާތަކާއި ކޯޓުތަކުގެ ތެރެއިން މިކަމުގެ ހަގީގަތް ވަންހަނާ ކުރަން މަސައްކަތް ކުރާތަން ފެނޭ. ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުމާ ބެހޭ ބިލު މަޖިލީހުގައި ތިން ފަހަރު އެޖެންޑާކޮށްގެންވެސް ފާސްކޮށްނުދިނުމަކީ މަރުތަކުގެ ހަގީގަތް ފޮރުވުމަށް ނުފޫޒުގަދަ ބަޔަކު ފައިނަގައިގެން ތިބިކަމުގެ ސާފު ދަލީލެއް،" އޭނާ ބުންޏެވެ.
އެ ދެމީހުންގެ އާއިލާގެ ފަރާތުން އެކަމާ ގުޅޭ ގޮތުން މިއަދު އިތުރަށް ވާހަކަ ދައްކާފައި ނުވެ އެވެ.
ޔާމީން އާއި ރިލްވާންގެ ހަނދާނުގައި އުފައްދަން ހަމަޖެހިފައިވާ ޖަމިއްޔާގެ ނަމަކީ "ރިލްވާން އެންޑް ޔާމީން ފައުންޑޭޝަން" އެވެ. އެ ދެ މީހުންގެ އާއިލާއިން ބުނި ގޮތުގައި އެ ޖަމިއްޔާގެ މަގުސަދަކަށް ވާނީ އެ ދެ މީހުންގެ ހިޔާލާއި، ރޫހާއި، ހިތްވަރު އައުކުރުމާއި، އަދި އެ ދެ މީހުން ވަކާލާތު ކުރާ ހައްގުތަކާއި ހަމަތައް ކުރިއެރުވުމެވެ. އަދި ކޮންމެ މީހަކަށް ލިބިދޭ އިންސާނީ ހައްގުތަކާއި، ޑިމޮކްރެސީ އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ތަފާތު ފިކުރަށް އިހުތިރާމު ކުރުމާއި، އިންސާފާއި، ގަދަރުވެރި ދިރިއުޅުމެއްގެ ހައްގު ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.
ރިލްވާން އާއި ޔާމީންގެ ހަނދާނުގައި ޖަމިއްޔާއެއް އުފައްދަން ނިންމާފައިވާކަން އިއުލާނުކޮށްފައިވާއިރު މިއަދަކީ ޔާމީންގެ 31 ވަނަ އުފަންދުވަސްކަން ފާހަގަކޮށްލެވެ އެވެ.
ޔާމީން މަރާލާފައި އޮއްވާ ފެނުނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅުނު ގޭގެ ތެރެއިންނެވެ. ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން ވަނީ ހަ މީހަކަށް ދައުވާ ކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.
ރިލްވާން ގެއްލުވާލީ 2014 ވަނަ އަހަރު އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ރެ އެވެ. ރިލްވާން ގަދަކަމުން ކާރަކަށް އެރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ހ. ހިލްޓަން އާލިފް ރައޫފާއި ގދ.ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެފައެއް ނުވެ އެވެ.