ދަނޑުގައި ހިންގި މާރާމާރީއާ ގުޅިގެން އަލީފް ރައުފް ހައްޔަރުކޮށްފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިދިޔަ ބުދަ ދުވަހު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން، ކުށުގެ ރެކޯޑް އޮންނަ އިބްރާހީމް އަލީފް ރައޫފް ހައްޔަރުކޮށްފިއެވެ.

އަލީފް ހައްޔަރުކޮށް، މިއަދު ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކޮށްފައިވަނީ މާރާމާރީ ހިންގައި، ބިރު ދައްކައި، އިންޒާރުދީ، އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދުގެ އަމުރުގައިވާ ގޮތުން، އެ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ފުޓެޖުން އޭނާ ދަނޑުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު ވަނީ ބުނެފައެވެ.

އަލީފް ދަނޑު މައްޗަށް އަރާފައި ވަނީ އެފްއޭއެމްގެ ހުއްދަ ލިބިގެން ކަމަށް ދިފާއީ ވަކީލު ވިދާޅުވި ނަމަވެސް އެކަން ސާބިތުކުރެވޭ ލިޔުމެއް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށް އަމުރުގައިވެއެވެ. އަދި އޭނާ އެއްވެސް ފަރާތެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައި ނުވާނެ ކަމަށާއި އޭނާއަކީ ޓީމްގެ އޮފިޝަލެއް ކަމަށް ދިފާއީ ވަކީލް ވިދާޅުވި ކަމަށް ވެސް އަމުރުގައިއެވެ.

އެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

އެ މައްސަލައިގައި 21 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށް، އޭނާގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިފައެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނި މެޗުގައި ހަމަނުޖެހުން ހިންގީ މެޗު ނިމެން އުޅެނިކޮށެވެ. އޭރު ވިކްޓަރީ އޮތީ 3-1ގެ ނަތީޖާއަކުން ކުރީގައެވެ.

ހަމަނުޖެހުން ހިންގާފައިވަނީ ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ އަނަޓޮލީ ވްލަސިޗޭވްއަށް ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިފްއަތު ކުރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން އެނަޓޮލީ ވަނީ ގަސްތުގައި ހާޒިމްގެ ގައިގައި ޖަހައިފައެވެ. އެ މައްސަލަ ހޫނުވީ އެނަޓޮލީއަށް ރަތް ކާޑު ދެއްކުމުގެ ބަދަލުގައި ރެފްރީ ރީނދޫ ކާޑެއް ދެއްކި ހިސާބުންނެވެ.

އެ ހަމަނުޖެހުމުގައި ކުޑަހެންވޭރުގެ ސަޕޯޓަރުން ދަނޑަށް އަރައި، ވިކްޓަރީގެ ބެންޗު ކައިރިއަށް ގޮސް، އޮފިޝަލުންނާއި ކުޅުންތެރިންނާ ކުރިމަތިލައިފައެވެ. ހަމަނުޖެހުމުގެ ތެރެއިން ވިކްޓަރީގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)އަށް ވެސް ހަމަލާދިން އިރު، ފުލުހުން ހަމަނުޖެހުން ކޮންޓްރޯލުކުރުމަށް މަސައްކަތްކުރިއެވެ.

އަލީފްއަކީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ ބޭބެ މޫސާ ރިލްވާނަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި 2016ގައި ހައްޔަރުކުރި މީހެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު، އެމެރިކާއިން ޓެރަރިޒަމްގެ ތުހުމަތުގައި ދަތިކުރުމުގެ ފިޔަވަޅު އެޅި ދިވެހިންގެ ތެރޭގައި ވެސް އޭނާ ހިމެނެއެވެ. އެގައުމުން ފިޔަވަޅު އެޅީ، އަލް ގައިދާ އަދި އައިސިސް ޖަމާއަތާ އެކި ގޮތްގޮތުން ގުޅުން ހުރި ކަމުގެ ތުހުމަތު އޮތް 18 މީހަކާއި، އެ މީހުންނާ ގުޅުންހުރި 29 ކުންފުންޏަކަށެވެ.

އޭގެ ތެރޭގައި އައިސިސް ޖަމާއަތާ ގުޅުން ހުރިކަމަށް އެމެރިކާއިން ތުހުމަތުކުރާ ގޭންގު ލީޑަރުންގެ ގޮތުގައި، ހ. ހިލްޓަންއަށް ނިސްބަތްވާ ތިންބެއިން ހިމެނިއެވެ. އެއީ އަލީފްގެ އިތުރުން އަހްމަދު އާލިފް ރައޫފާއި މުހައްމަދު އިންތިފް ރައޫފެވެ.

https://sun.mv/180233

އެމެރިކާއިން ތުހުމަތުކުރަނީ އެމީހުން ނިސްބަތްވާ "ކުޑަ ހެންވޭރު ގޭންގު"ން އައިސިސްގެ ރާއްޖޭގެ ގޮފިތަކަށް ފަންޑު ހޯދުމަށް ބޮޑެތި ވައްކަންކުރުން ފަދަ ކުށްތައް ކުރާ ކަމަށެވެ.

comment ކޮމެންޓް