އަލަށް ވޯޓުލާ ޒުވާނުން އުންމީދުން ފުރިފައި!

މަޖިލިސް އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނީ --- ސަންފޮޓޯ/ ޝަޔާހު

މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 264،442 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން އަލަށް ވޯޓު ލާނީ 3،059 މީހުންނެވެ.

އިންތިހާބުގައި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު އޭގެ ތެރޭގައި އަލަށް ވޯޓުލާ ޒުވާނުންވެސް ހިމެނެ އެވެ. އެ ޒުވާނުން އާ މަޖިލީހާ މެދު ބޮޑު އުންމީދުތަކެއް ކުރެ އެވެ.

ފުރަތަމަ ފަހަރަށް ވޯޓުލުމުގެ ހައްގު ބޭނުން ކުރާ މުއައްލިމް އިބްރާހިމް، 18، ވަނީ ހެނދުނު ހެނދުނާ ނުކުމެ ވޯޓުލާފަ އެވެ. އޭނާ ސްރީލަންކާގައި ހުރެގެން "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ލަންކާގައި ވޯޓުލުމުގެ ކަންތައްތައް ދިޔައީ ރަނގަޅަށް ކަމަށެވެ.

މުއައްލިމް 19 ވަނަ ރައްޔިތުންގެ މަޖިލީހާ މެދު ކުރާ އުންމީދު ބޮޑެވެ.

"ފަސްޓް ޓައިމް ވޯޓާއެއްގެ ހައިސިއްޔަތުން ބުނާނީ މި މަޖިލީހަކީ ވަރަށް އުންމީދީ މަޖިލީހަކަށް ވާނެ ކަމަށް އުންމީދު ކުރަމޭ،" އޭނާ ބުންޏެވެ.

"ވަރަށް އުންމީދު ކުރަން ޒުވާނުންނާއި އަންހެނުންނާ ގުޅުންހުރި، އިޖްތިމާއީ، އިގްތިސާދީ، ސަގާފީ މިކަހަލަ އެކި ދާއިރާތަކުން ރަނގަޅު ބިލުތަކެއް ފާސް ކުރާނެ ކަމަށް،"

ވޯޓުލުމުގެ ހައްގު ފުރަތަމަ ފަހަރަށް ބޭނުން ކުރަން ފުރުސަތު ލިބުމުން، ގއ. ދާންދޫގައި ހުރި އުމްނާ އިސްމާއިލް، 18، ވެސް ހުރީ އުފާވެފަ އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނީ --- ސަންފޮޓޯ/ ޝަޔާހު

"އަސްލު ވަރަށް އުފާވޭ ބޮޑު އިމްޕެކްޓެއް އަންނަ ކަމެއް ކުރެވޭތީ. އެންމެ ވޯޓަކުންވެސް މީހަކު ހޮވިދާނެ. ހޮވޭ މީހާ އަކީ އަހަރެން ވޯޓު އަޅައިގެން ހޮވުނު މީހެކޭ ބުނަން ވަރަށް އުފާވޭ. އޭނަގެ ދައުރުގައި އޭނަ އެ ދާއިރާއަށް ކޮށްދޭ ކަންތައްތަކަކީ އެ ވޯޓުގެ ސަބަބުންވާ ކަންތައްތަކަަކަށް ވާނީ. އެހެންވީމަ ވަރަށް އުފާވޭ،"

އުމްނާ ބުނީ ބޮޑެތި ކަންތައްތަކެއް ކުރަން ފަސް އަަހަރު މަދު ކަމަށާއި ނަަމަވެސް، އެ މުއްދަތުގެ ތެރޭގައި ދާއިރާތަކަށް ހޮވޭ މީހުން މުހިންމު މަސައްކަތްތަކެއް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ފަސް އަހަރަކީ މާ ގިނަ ދުވަހެއް ނޫން ބޮޑެތި ކަންތައްތައް ކުރާކަށް. އެކަމަކުވެސް ކުރެވެން އޮތް ވަރަކަށް، ސްމާޓްކޮށް ކަންތައްތައް، މަނީ ވައިސް [ފައިސާގެ ގޮތުން] ވިޔަސް އެންވަޔަރަމެންޓް ވައިސް [ތިމާވެށީގެގޮތުން] ވިޔަސް އޭނާގެ ދާއިރާގެ ރައްޔިތުންނަށް ސްމާޓްކޮށް ކަންތައްތައް ކުރާނެ ކަމަށް އުންމީދަކީ. މާލޭގައި އުޅެންޏާ އޭނަ ނުފެނިދާނެ އެކަމަކު ދާއިރާގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންތައް ކުރަންޏާ ހަމަ ސަޅިވާނެ،" އޭނާ ބުންޏެވެ.

މާލޭގައި ހުންނަ ހެންވޭރު ޔޫތް ސެންޓަރަށް ވޯޓު ލާން ދިޔަ އައިމިނަތު ފައުޒާ، 18، އަކީ ވެސް ފުރަތަމަ ފަހަރަށް ވޯޓުލާ ޒުވާނެކެވެ. އޭނާ ވެސް އުންމީދު ކުރަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ފައިދާ ކުރަނިވި މަސައްކަތްތަކެއް ކުރާނެ މަޖިލީހަކަށް ވާނެ ކަމަށެވެ.

"މަޖިލީހުން މުހިންމު ބިލުތަކެއް ފާސްކޮށް، ގައުމު ހަލަބޮލި ނުވާނެހެން، ރަނގަޅު މަގަކުން ދާނެ ފަދަ މަސައްކަތްތަކެއް ކުރާނެ ކަމަށް އުންމީދުކޮށްގެން މިއަދު މި ވޯޓު ލަނީ،" އޭނާ ބުންޏެވެ.

ފައުޒާ ގަބޫލު ކުރަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ރަނގަޅު މިސާލުތަކެއް ދައްކާފައި ނުވާ ކަމަށެވެ.

"ނިމިގެން މިދާ މަޖިލީހުން ފެނިގެން ދިޔައީ އެހާ ރަނގަޅު މިސާލުތަކެއް ނޫން. އަޅުގަނޑުގެ އުންމީދަނީ އެ މަޖިލީހުން ފެނިގެން ދިޔަ ނުރަނގަޅު ކަންތައްތައް މިފަހަރު ތަކުރާރު ނުވާނެ ކަމަށް،" ފައުޒާ ބުންޏެވެ.

މިފަހަރުގެ އިންތިހާބުގައި އަލަށް ވޯޓުލާ މީހުން އެންމެ ގިނައީ ހިތަދޫ ދެކުނު ދާއިރާއަށެވެ. އެ ދާއިރާއަށް 59 މީހުން އަލަށް ވޯޓުލާނެ އެވެ. މިފަހަރު އަލަށް ވޯޓުލުމުގެ ހައްގު ލިބުނު މީހުން އެންމެ މަދީ ކެޔޮދޫ ދާއިރާގަ އެވެ. އެ ދާއިރާއަށް އަލަށް ވޯޓުލުމުގެ ހައްގު ލިބުނީ ފަސް މީހުންނަށެވެ.

comment ކޮމެންޓް