ގަތަރުގެ ފުޓުބޯޅަ ޓީމްގެ ޖާޒީ ލީ މީހަކު ޔޫއޭއީއިން ހައްޔަރުކޮށްފި

ގަތަރުގެ ފުޓުބޯޅަ ޓީމުގެ ޖާޒީ ލުމުން ޔޫއޭއީ އިން ވަނީ އިނގިރޭސިވިލާތުގެ މީހަކު ހައްޔަރުކޮށްފައި -- ފޮޓޯ: އަލް ޖަޒީރާ

އަބޫ ދާބީ (ފެބްރުއަރީ 6): ޔުނައިޓެޑް އެރެބް އެމެރޭޓްސްގައި ގަތަރުގެ ފުޓުބޯޅަ ޓީމުގެ ޖާޒީ ލީ އިނގިރޭސިވިލާތުގެ މީހަކު ހައްޔަރު ކޮށްފި ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.

ގާޑިއަންގައިވާ ގޮތުން 26 އަހަރުގެ އަލީ އީސާ އަހުމަދު ހައްޔަރު ކުރީ މިދިޔަ މަހުގެ 22ގައި އަބޫ ދާބީގައި އިރާގާއި ގަތަރާ ކުޅުނު މެޗެއްގައި، ގަތަރުގެ ޖާޒީއެއް ލައިގެން ހުރުމުންނެވެ. އެއީ ޔޫއޭއީގައި މިދިޔަ މަހުގެ ފަހެކުން މިމަހުގެ އެކަކަށް ބޭއްވި އޭޝިއަން ކަޕުގެ ތެރެއިން ބޭއްވި މެޗެކެވެ.

ގަތަރަށް ހަމްދަރުދީ ފާޅުކޮށް، އެގައުމަށް ތާއިދު ކުރާ ފަރާތްތައް ޖަލަށް ލައި، ޖޫރިމަނާ ކުރާނެ ކަމަށް 2017 ވަނަ އަހަރު ޔޫއޭއީއިން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ގަތަރާ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން އޮތް ކަމަށް ބުނެ ޔޫއޭއީ، ސައުދީ އަރަބިއާ، މިސްރު އަދި ބަހްރެއިންއިން ގަތަރާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލި ފަހުންނެވެ.

އަހުމަދުގެ އެކުވެރިޔެއް ކަމަށްވާ އަމީރު ލޯކީއާ ހަވާލާދީ ގާޑިއަންގައިވާ ގޮތުން އަހުމަދު ޔޫއޭއީއަށް ދިޔައީ ޗުއްޓީއަށެވެ. އޭނާ ބުނި ގޮތުގައި އަހުމަދު ހައްޔަރު ކުރުމަށް ފަހު އޭނާގެ މައްޗަށް ވަނީ ގަތަރު ޕްރޮމޯޓު ކުރި ކަމުގެ ތުހުމަތުކޮށް އަނިޔާވެސްކޮށްފަ އެވެ.

އަހުމަދާ ފޯނުން ވާހަކަ ދެއްކި ލޯކީ ބުނި ގޮތުގައި އަހުމަދަށް އަނިޔާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅަން ދިޔުމުން އޭނާ އަނެއްކާ ވެސް ހައްޔަރު ކުރި އެވެ. އަދި އޭނާ ހެދީ ދޮގު ކަމަށް ފުލުހުން ބުންޏެވެ.

"ދެންވީ ކިހިނެއް ކަމެއް އަދި ނޭނގޭ. ނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ ޔޫއޭއީގެ ސެކިއުރިޓީ އޮފިޝަލުންނާ ދެކޮޅަށް ދޮގު ތުހުމަތުތައް ކުރި ކަމަށް ބުނެ. އަހުމަދު ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އަލް ޝަރުޖަރު ކިޔާ ތަނެއްގައި،" ލޯކީ ބުންޏެވެ.

އިނގިރޭސިވިލާތުގައި ހުންނަ ޔޫއޭއީގެ އެމްބަސީން ވަނީ އަހުމަދު ހައްޔަރު ކުރި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ. އަދި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ވަނީ ޔޫއޭއީގެ އޮފިޝަލުންނާ ވާހަކަ ދައްކަމުންދާ ކަމަށް ބުނެފަ އެވެ.

ޔޫއޭއީގައި ބޭއްވި އޭޝިއަން ކަޕް ކާމިޔާބު ކުރީ ގަތަރުންނެވެ. އެއީ އެގައުމުން އެމުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް އެމުބާރާތުގައި ޔޫއޭއީން ވަނީ ގަތަރަށް ތާއިދު ކުރާ ފަރާތްތައް ސްޓޭޑިއަމްއަށް ވަނުން ހުއްޓުވާފަ އެވެ. އަދި ސެމީ ފައިނަލުގައި ގަތަރާއި ޔޫއޭއީ ކުޅުނު އިރު ގަތަރުގެ ޓީމާ ދިމާލަށް ފައިވާނާއި ފުޅި ފަދަ ތަކެތި އުކާފައިވެ އެވެ.

comment ކޮމެންޓް