ގަތަރާއި ބަހްރައިން ނުހިމެނޭގޮތަށް، ގަލްފުގެ އައު ޗާޓު، ޓްރަމްޕް ނެރުއްވައިފި

ޓްރަމް ނެރުއްވި ގަލްފުގެ އައު ޗާޓު

ވޮޝިންޓަން (27 ސެޕްޓެމްބަރު 2026) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުރުމުޒު ކަނޑުއޮޅީގެ ނަން އޭނާގެ ނަމަށް ބަދަލުކޮށް ގަތަރާއި ބަހްރައިން ނުހިމެނޭ ގޮތަށް އެތަނުގެ އައު ޗާޓެއް ނެރުއްވައިފިއެވެ.

ޓްރަމްޕް އޭނާގެ ޓްރުތް ސޯޝަލްގައި ޝާއިއުކުރައްވާފައިވާ މި ޗާޓުގައި ގަރަތާއި ބަހްރައިން ނެތެވެ. ޓްރަމްޕް ލިޔުއްވާފައިވާ ގޮތުގައި ހުރުމުޒު ކަނޑުއޮޅީގެ މިހާރުގެ ނަމަކީ ޓްރަމްޕް ކަނޑުއޮޅިއެވެ. އެތަނުގެ ނަން އެގޮތަށް ބޭނުންކުރުމަށް ޓްރަމްޕް ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ގަލްފުގެ އައު ޗާޓުގައި އަރަބި ދެގައުމު ކަމަށްވާ ގަރަތާއި ބަހްރައިން ނެތް މައްސަލައާބެހޭގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ގަތަރާއި ބަހްރައިން އަކީ ގަލްފުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އެމެރިކާއަށް ވަރަށް ބޮޑަށް ބޯލަނބާ އަދި ކިޔަމަންތެރިކަން އަދާކުރުމުގައި މިސާލީ ދެގައުމެވެ.

މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ އީދީދް ވައިގެ ބޭސް އޮންނަނީ ގަތަރުގައެވެ. އަމިއްލަ ގައުމުގައި އެމަރުކަޒު އެމެރިކާއަށް ބިނާކޮށްދިނުމަށް ގަތަރުން 2 ބިލިޔަން ޑޮލަރަށް ވުރެބޮޑު ޚަރަދެއް ކުރިކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން އެބޭސް އެމެރިކާއަށް ދީފައިވަނީވެސް ކުއްޔަކާނުލައި ހިލޭކަމަށްވެއެވެ. މީގެއިތުރުން ގަތަރުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު އާލުޘާނީ މިދިޔަ އަހަރުވަނީ 400 މިލިޔަން ޑޮލަރުގެ ޕްރެޒިޑެންޓަލް ޖެޓެއްވެސް ޓްރަމްޕަށް ހަދިޔާ ކޮށްފައެވެ.

ޓްރަމްޕް އދ. ގެ ޖެނެރަލް އެސެމްބްލީގެ 81 ވަނަ ސެޝަންގައި ވާހަކަ ދައްކަނީ

މިހަދިޔާ ގަތަރުގެ އަމީރު ޓްރަމްޕަށް ދެއްވީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ޓްރަމްޕް ގެ ސަރުކާރުން ސީދާ ގޮތެއްގައި ވާގިވެރިވެ އިސްރާއީލަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތާއި އިގްތިސާދީ އަދި މާލީ އެހީތައް ހުއްޓުމެއްނެތި ފޯރުކޮށް ދެމުން ގެންދަނިކޮށެވެ. ޓްރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ގަދަކަމުން ބޭރުކޮށްލުމަށްވެސް ފާޅުގައި ގޮވާލައި އެކަމަށް މަސައްކަތްވެސް ކޮށްފައެވެ. އެކަން ޓްރަމްޕަށް ތަންފީޒު ނުކުރެވުނީ މިސްރާއި އުރުދުން އިން އެކަމުގައި ޓްރަމްޕަށް އެއްބާރުލުން ނުދިނުމުގެ ސަބަބުންނެވެ.

ޓްރަމްޕްގެ އައު ޗާޓުގައި ނުހިމެނޭ ބަހްރައިންއަކީވެސް ގަލްފުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އެމެރިކާއަށް ވަރަށް ބޮޑަށް ބޯލަނބާ އަދި ކިޔަމަންތެރިކަން އަދާކުރުމުގައި މިސާލީ ގައުމެވެ. ގަތަރާ ޚިލާފަށް ބަހްރައިން ވަނީ ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ބިމުގައި އުފައްދާފައިވާ އިސްރާއީލެވެކިޔާ ޒަޔަނިސްޓް އެންޓިޓީއަކީ ދައުލަތެއްކަމަށް އިއުތިރާފުވެ ޓްރަމްޕް އެކުލަވާލާފައިވާ އަބްރަހަމް އެކޯޑުގައިވެސް ސޮއިކޮށްފައެވެ. މީގެއިތުރުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ މައިމަރުކަޒުވެސް ހުންނަނީ ބަހްރައިން ގައެވެ. ނަމަވެސް އީރާނުން މިހާރުވަނީ ބަލިސްޓިކް މިސައިލާއި ޑްރޯނުން ތަކުރާރުކޮށް ހަމަލާދީ ގަތަރުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި ބަހްރައިންގައި ހުންނަ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ މައި މަރުކަޒުވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިފައެވެ.

ނަތީޖާއެއްގެ ގޮތުން އެމެރިކާވަނީ ސެންޓްރަލް ކޮމާންޑުގެ މައިމަރުކަޒު ފޯޅަވަހީގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްއަށް ބަދަލުކޮށްފައެވެ. ޓްރަމްޕް ނެރުއްވި ގަލްފުގެ އައު ޗާޓުގައި ގަރަތާއި ބަހްރައިން ނެތްނަމަވެސް މިމައްސަލާގައި އެދެގައުމު އޮތީ ހިމޭންކޮށެވެ. ބަހްރައިންގެ ޚާރިޖީ ވަޒީރު އދ. ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަގުރީރުގައި ގަލްފުގެ ސަރަހައްދަށް ހުރިހާ މައްސަލަތަކެއް ދިމާވެގެން އުޅެނީ އީރާނުގެ ސަބަބުންކަމަށްވަނީ ތުހުމަތު ކުރައްވައިފައެވެ.

comment ކޮމެންޓް