ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތުގައި ކުރިއެރުން ހޯދަމުންދާ ކަމަށް ގަތަރުން ބުނެފި

އެމެރިކާއާއި އީރާނާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ގަތަރުން ވަނީ ބުނެފައި -- ފޮޓޯ/ ރޮއިޓާސް

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ނިމުމަަކަށް ގެނައުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް ގަތަރުން ބުނެފިއެވެ.

އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށްވެފައެވެ.

ގަތަރުން އެގޮތަށް ބުނީ އެމެރިކާއާއި އީރާނާއި ދެމެދު އޮތް ޚިޔާލުތަފާތުވުންތައް ހަނިކޮށް ދާއިމީ ހަމަޖެހުން ގެނައުމަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ޓްރަމްޕާއި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީއާއި އިއްޔެ މަޝްވަރާ ކުރައްވާފައިވާ ކަމަށް އަމީރުގެ އޮފީހުން ހާމަކުރުމަށްފަހުއެވެ.

އެގޮތުން އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް ޖޫން މަހު ދެ ގައުމުން އެކުލަވާލި އެއްބަސްވުމަށް ތަބާވުމުގެ މުހިންމުކަން އަމީރު ފާހަގަކުރައްވާފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.

އީރާނާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި މިއީ އެއްބަސްވުމަކަށް އައުމަށް އީރާނަށް ދޭ އެންމެ ފަހު ފުރުސަތު ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވާއިރު، މަޝްވަރާތައް ކުރިއަށްދާ ކަމަށް ޓްރަމްްޕް ވިދާޅުވެފައިވާ ވާހަކަތައް އީރާނުން މީގެކުރިން ވަނީ ދޮގުކޮށްފައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، މަޝްވަރާތައް ހަމައެކަނި ކުރެވެނީ ހުރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ ވަގުތީ މަގަކާ ގުޅޭ ގޮތުން އޮމާނާ އެކު އެކަނި ކަމަށެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވެފައި ވަނީ އީރާނަށް ދޭން އުޅުނު ވަރަށް ވަރުގަދަ ހަމަލާއެއް މަޑުޖައްސާލާފައިވާ ކަމަށް މިދިޔަ ހަފްތާ ވިދާޅުވެފައެވެ.

ކުރިއެެރުންތަކެއް ހޯދަމުންދާ ކަމަށް ގަތަރުން ބުނުމުން ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓް ކްރޫޑް 5 ޕަސަންޓަށްވުރެ ދަށަށް ގޮސްފައިވެއެވެ. މިއީ ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި ތެލުގެ އަގު އެންމެ ދަށަށް ދިޔަ ފަހަރެވެ.

އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ތެލުގެ އަގު 5.7 ޕަސަންޓަށް ދަށްވެ، ފީފާއެއްގެ އަގު ވަނީ 75.77 ޑޮލަރަށް ތިރިވެފައެވެ. މިއީ ވެސް ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި އެންމެ ދަށްވި މިންވަރެވެ.

comment ކޮމެންޓް