ޕީޕީއެމް ފިޔަވައި އެހެން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި

ޕީޕީއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން، އިލެކްޝަން ކޮމިޝަން އިން އެޕާޓީއަށް ނުދެވި ހުރި ފައިސާތަތއް ވަނީ ހިފަހައްޓަފަ -- ފޮޓޯ ޕީޕީއެމް

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ، ވެރިކަން ކުރާ ޕީޕީއެމް ފިޔަވާ އެހެން ހުރިހާ ޕާޓީތަކަކަށް ދީ ނިމިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަން މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް "ސަން" އަށް މިއަދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދެވި ހުރި ހުރިހާ ފައިސާއެއް، ޕީޕީއެމް ނޫން ހުރިހާ ޕާޓީއަކަށް މިއަދު ދޫކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްއަށް ނުދެވި ހުރި ފައިސާ ހިފަހައްޓާފައިވަނީ އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ހިންގުން ހަވާލުކުރުމަށް އެދި ސިވިލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ކަމަށް އަކްރަމް ވިދާޅުވިއެވެ.

މެމްބަރުންގެ އަދަދަށް ބަލާ ސިޔާސީ ޕާޓީތަކުގެ އިލެކްޝަން ކޮމިޝަނުން އެންމެ ގިނަ ފައިސާ ދޭ ސިޔާސީ ޕާޓީއަކީ ޕީޕީއެމްއެވެ. އެޕާޓީއަށް ލިބެންޖެހޭ ފައިސާއަކީ 11،538،660.13 ރުފިޔާއެވެ. އެޕާޓީއަށް ނުދީ ހިފަހައްޓާފައިވަނީ 8،683،477.44 ރުފިޔާއެވެ.

ދެވަނައަށް އެންމެ ގިނަ ފައިސާ ލިބުނު ޕާޓީ، އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ޖުމްލަ ލިބިފައިވާ ފައިސާގެ އަދަދަކީ 7،486،732.52 ރުފިޔާއެވެ. އެމްޑީއޭއަށް 2،650،885.46 ރުފިޔާ ލިބުނު އިރު ޖުމްހޫރީ ޕާޓީއަށް މިއަހަރު ލިބުނީ 2،572،392.89 ރުފިޔާއެވެ.

comment ކޮމެންޓް