ސަޢީދުގެ ޖަވާބުން ހާމަވީ ސަރުކާރުން ޒިންމާ އަދާނުކުރާކަން، އަދި ޑޮލަރުގެ މައްސަލަ ވެސް ހައްލުނުވާކަން: އެމްޑީޕީ

އެމްޑީޕީގެ މަޖިލިސް މެންބަރުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި: ވިދާޅުވީ ސަޢީދުގެ ޖަވާބުން ހާމަވީ ސަރުކާރުން ޒިންމާ އަދާނުކުރާކަން ކަމަށް --- ފޮޓޯ: ސްކްރީންޝޮޓް

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވި މައްސަލައިގައި ބޭކާރު ވާހަކަ ދެއްކެވުމުގެ ސަބަބުން އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވި ހުރިހާ ނުކުތާތަކަށް ސަޢީދަށް ޖަވާބު ނުދެއްވުނު ކަމަށާއި ސަޢީދުގެ ޖަވާބުން ހާމަވީ ޑޮލަރުގެ މައްސަލަ ހިމެނޭހެން އެއްވެސް މައްސަލައެއް ޙައްލުވެފައިނުވާ ކަން ކަމަށް، އެ ޕާޓީގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސަޢީދުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ، ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ މިއަދު ބޭރުކޮށްލައިފައެވެ.

https://sun.mv/230035

މިއަދުގެ ޖަލްސާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކެންދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ތަރުޖަމާނު މަޢުރޫފް ޛާކިރު ވިދާޅުވީ ވަޒީރުން ހާޒިރުކޮށް ސުވާލުކޮށް މަޖިލީހަށް ގަރާރު ހުށަހަޅަނީ މެންބަރުން ކުރާ ސުވާލުތަކަށް ވަޒީރުންނަށް ޖަވާބު ނުދެވޭތީއާއި އާންމުންނަށް ދޭން ޖެހޭ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވޭތީ ކަމަށެވެ.

މަޢުރޫފް ވިދާޅުވީ މިއަދުގެ ޖަލްސާގައި ވެސް ފެނުނީ ސުވާލުތަކަށް ސަޢީދު ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ކުރީ ސަރުކާރުގެ ވާހަކަ ދައްކަވައި، ބޭކާރު ވާހަކަ ދެއްކެވުމުގެ ސަބަބުން އެމްޑީޕީގެ މެންބަރުން ހުށަހެޅި މައްސަލައިގައި ފާހަގަކުރި ނުކުތާތަކަށް ޖަވާބު ނުދެވި ދިޔަ މަންޒަރު ކަމަށެވެ.

https://sun.mv/230041

"މުޅި މަޖިލީހުގައި ކަނޑައެޅީ ދެ ގަޑިއިރު، އޭގެ ތެރެއިން އެއް ގަޑިއިރު ވަޒީރަށް ދެއްވިއިރު ބޭކާރު ވާހަކަ ދައްކަން ހަދައިގެން ވަޒީރަށް އަޅުގަނޑުމެން ހުށަހެޅި ހަ ޕޮއިންޓަށް ޖަވާބު ނުދެވި ނިންމައިލަން މަޖުބޫރުވެގެން ދިޔައީ،" މަޢުރޫފް ވިދާޅުވިއެވެ.

އޭގެ އިތުރުން އެމްޑީޕީއަށް މުޅި މައްސަލައަށް ބަހުސްކުރަން ލިބުނީ ނުވަ މިނެޓުގެ ކުޑަ ވަގުތުކޮޅެއްކަން ފާހަގަކުރައްވައި، މަޢުރޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އަޅުގަނޑުމެންނަށް މިއަދު ވަޒީރުގެ ޖަވާބުން [އެނގިގެން ދިޔައީ] މި ސަރުކާރުގެ ޒިންމާއެއް ނެތްކަން، އަބަދު ވެސް އެހެން ފަރާތްތަކުގެ ބޮލުގައި އެކަންކަން އަޅުވައި، އަދި ވަޒީރު އަމިއްލަފުޅަށް އެ ބޭފުޅާ ހުރިހާ ކަމެއް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތަށް ޕޮލިސީ އިންޓަވެންޝަނެއް ގެނެސްގެން ކަމަށް ވިދާޅުވެގެން ދިޔައީ، އެހެންވީމާ ޑޮލަރުގެ މައްސަލަ ވެސް ހައްލެއްނުވި، ދެން ހުރި މައްސަލަތައް ވެސް ހައްލުނުވާކަން އަޅުގަނޑުމެންނަށް އެނގިގެން މި ދިޔައީ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވީ މިއަދުގެ ބަހުސްގައި ހާމަވީ ޑޮލަރުގެ އަގު އަދިވެސް ބޮޑުކަން ކަމަށެވެ. އެއާ ގުޅޭ އެއްވެސް ވާހަކައެއް މިއަދުގެ ބަހުސް މަރުހަލާގައި ޚުދު ސަޢީދު ވެސް ޕީއެންސީގެ މެންބަރުން ވެސް ނުދައްކަވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވިގޮތުގައި ސަޢީދުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައަކީ އާންމުންގެ ހާލަތަށް ރިއާޔަތްކޮށް އެމްޑީޕީން ހުށަހެޅި މައްސަލައެކެވެ.

މީކާއީލް ވިދާޅުވީ ގައުމީ ބޭންކު ބީއެމްއެލުން ކޮންމެ އަހަރަކު އެއްފަހަރު ދޫކުރާ ޑޮލަރުގެ އަދަދު ސަޢީދަށް ވިދާޅުވެވޭއިރު އަމިއްލަ ޑޮލަރު އެކައުންޓުގައި ހުރި ޑޮލަރުން ޓީޓީ ހެދީމާ ހުންނަ ވަރު ވިދާޅެއް ނުވެވޭ ކަމަށެވެ.

"މިއަދު އިކޮނޮމިކް މިނިސްޓަރު މި ތަނަށް ވަޑައިގެން އެ ކުރެއްވީ މަލާމާތް، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން އެ ކުރެއްވީ މަލާމާތް އާންމު ރައްޔިތުންނަށް އިނގޭތޯ؟" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް