ސައިނާގެ ފުރަތަމަ ލައިވް ޝޯ ޝަލަބީއާއެކު މިރޭ!

ޝަލަބީ އާޢި ސައިނާ މިރޭގެ ޝޯވ ގެ ޕޯސްޓަރެއް...

ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ބޭއްވި ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގެ ރަނަރަފް އައިމިނަތު ސައިނާ މުހައްމަދު ރަޝީދުގެ އަޑު އައިޑޮލް ނިމުމުން ފަނޑުވީއެވެ. ހަބަރެއް ދަބަރެއް ނުވެގެން އޭނާގެ ފޭނުން ތިބީ މާޔޫސް ވެފައެވެ.

ސައިނާ މިދާއިރާއިން ގެއްލުނީ އެއް ނޫނެވެ. މިއޮތީ އުފާވެރި ހަބަރެކެވެ. ސައިނާގެ ފުރަތަމަ ލައިވް ޝޯ އާއެކު މިރޭ ބެލުންތެރިނަށް ބައްދަލުކުރާނެއެވެ. އެންމެ ހާއްސަ ވަނީ ސައިނާގެެ ފުރަތަމަ ޝޯ މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި ޝަލަބީ އިބްރާހީމާ އެކު ދޭން ތައްޔާރުވުމުންނެވެ. މި ޝޯ ވެގެންދާނީ އައިޑޮލް އަށް ފަހު ސައިނާ ދޭ ފުރަތަ ޝޯއަށެވެ.

ޝަލަބީ އާއި ސައިނާގެ ޝޯ އޮތީ ބަރިސްޓާ މޯލްޑިވްސް ގައެވެ. އާންމުންނަށް ހުޅުވައިލައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޝޯ ފެށޭނީ މިރޭ ނުވައެއް ޖަހާއިރުއެވެ.

މޯލްޑިވިއަން އައިޑަލްގެ ޝޯވްގައި ޝަލަބީހުށަހަޅައިދެނީ --- ފޮޓޯ: ޕީއެސްއެމް

ޝަލަބީ އާއެކު ފުރަތަމަ ޝޯ ދިނުމަށް ތައްޔާރުވަމުން އަންނަ އިރު ސައިނާ ހުރީ ވަރަށް އުފަލުންނެވެ. ޝަލަބީ ކަހަލަ އެންމެންނަށް ވެސް ކަމުދާ އާޓިސްޓަކާއެކު ޕާފޯމް ކޮށްލަން ލިބޭތީއެވެ. ސައިނާ މިވަނީ އޭނާގެ އިހުސާސްތައް "ސަން"އާ ހިއްސާކޮށްފައެވެ.

"އަސްލު ވަރަށް އެކްޒައިޓެޑް، ޝަލަބީ އެއީ އަބަދުވެސް ހަމަ ނަމްބަރ ވަން، އޭނަ އެއީ ސައިނާގެ އަބަދުވެސް ފެވަރިޓެއް، ވަރަށް އުފާވޭ ފުރަތަމަ ޝޯ ޝަލަބީއާއެކު ދެވޭތީ،" މޯލްޑިވިއަން އައިޑޮލްއަށް އައުމުގެ ކުރިން ސްކޫލްތަކުގެ މަދަހަ މުބާރާތްތަކުން ވެސް ވަނަ ހޯދާފައިވާ ސައިނާ ބުންޏެވެ.

ސައިނާ ބުނީ، ޝަލަބީއާއެކު ލަވައެއް ކިޔާލުން އެއީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ކުރިން އައިޑޮލްގެ ދަތުރުގައިވެސް އޭނާއަށް އެ ފުރުސަތު ނުލިބުނު ކަމަށެވެ. ނަމަވެސް މިރޭގެ ޝޯ ވެގެންދާނީ ވަރަށް ހާއްސަ ޝޯއަކަށް ކަމަށް ސައިނާ ބުންޏެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ރަނަރަފް ސައިނާ އޭނާގެ ފޭން އަކާ އެކީ--- ފޮޓޯ/ ފޭސްބުކް

އިތުރަށް ވާހަކަ ދައްކަމުން ސައިނާ ބުނީ، އައިޑޮލްގެ ފަހުން ނުފެނުނީ ކުޑަކޮށް ބަލިކޮށް އުޅުމުގެ ސަބަބުން ކަމަށެވެ. އަދި ހަމަ އައިޑޮލް ނިންމާފައި ރަށަށް ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

މިރޭގެ ޝޯއަށް ދެ ތިން ދުވަސް ކުރިން ތައްޔާރީތަކެއް ވަމުން އަންނަ ޝަލަބީ ބުނީ، ސައިނާއަކީ އޭނާގެ ލަވަތަކަށް ވަރަށް ގުޅޭ ކުއްޖެއް ކަމަށެވެ. އަދި ސައިނާއާއެކު މި ޝޯ ޕާފޯމް ކޮށްލަންޖެހޭތީ ވަރަށް އުފަލުން ހުރި ކަމަށް ޝަލަބީ ބުންޏެވެ.

މިރޭގެ ޝޯގައި ބަރިސްތާގެ ޕްލޭ ލިސްޓެއްވެސް ވެސް ތައާރަފް ކުރާނެއެވެ. ދެން މުޅިންވެސް ބަރިސްތާގައި ޖަހާނީ ދިވެހި އާޓިސްޓުންގެ ހިތްގައިމު ލަވަތައް ކަމަށް ވަނީ ހަބަރު ލިބިފައެވެ. އެ ލަވަތައް ލަވަފޮށި އެޕުން ވެސް އަޑު އަހާލެވޭނެއެވެ.

comment ކޮމެންޓް