ސައިނާގެ އަޑުގެ ޖާދޫގައި ޖެހި ގިނަ ބަޔަކު އަންތަރީސް!

ސައިނާ ޗައިނާގައި ހުރެ ނަގާފައިވާ ފޮޓޯ އެއް...

މިމަހުގެ 11 އިން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުރިޔަށް ގެންދިޔަ "ސިލްކް ރޯޑް އެންޑް ޔަންގް ޑްރީމް" ޕްރޮގްރާމްގައި ރާއްޖެ ތަމްސީލުކޮށްދިނުމަށް ދައުވަތު ލިބުނީ މި އަހަރުގެ މޯލްޑިވިއަން އައިޑޮލްގެ ރަނަރަފް އައިމިނަތު ސައިނާ މުހައްމަދަށެވެ. ސައިނާ ވަނީ އެންމެ ފުރިހަމަޔަށް އޭނާގެ ހުނަރު ދައްކައިފަ އެވެ. އެންމެންގެ ތައުރީފާ އެކު ސައިނާ އެ ޕްރޮގްރާމް ނިންމާލީ ފަހުރުވެރި ދެވަނަ އާއެކު ވެސް މެ އެވެ.

"ސިލްކް ރޯޑް އެންޑް ޔަންގް ޑްރީމް" ޕްރޮގްރާމް ނިންމާފައި ވެސް ސައިނާ އެ ގައުމުގައި މަޑުކުރީ އެންބަސީގެ ފަރާތުން ލިބުނު އިތުރު ފުރުސަތަކަށެވެ. ރައްޖެ އާއި ޗައިނާ އާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް 45 ފަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހާއްސަ އިވެންޓެއްގައި އަނެއްކާ ވެސް ޕާފޯމް ކޮށްލަން ލިބުނީ އެވެ.

އެންބަސީ އިން ސައިނާ އަށް މި ފަހި ކޮށްދިން ފުރުސަތުގައި އޭނާ ވަނީ ޗައިނާގެ މަޝްހޫރު ހަތަރު ލަވަކިޔުންތެރިންނާ އެކު ލަވަ ހުށަހަޅައިދީފަ އެވެ. "ސަން" އަށް ވާހަކަ ދައްކަމުން ސައިނާ ބުނީ އެ އިވެންޓުގައި އޭނާ ފަސް ލަވައެއް ހުށަހަޅާފައިވާނެ ކަމަށާއި ހުރިހާ ލަވަ އަކަށް ވެސް ލިބިގެން ދިޔައީ ބޮޑު ތަރުހީބެއް ކަމަށެވެ.

ސައިނާ ޗައިނާގައި ހުރެ ނަގާފައިވާ ފޮޓޯ އެއް.

އޭނާ ބުނީ، ސައިނާގެ އަޑު އަހާލަން ވަރަށް ގިނަ ބަޔަކު ބޭނުންވެފައި ތިބި ކަމަށާއި އެމީހުން ސައިނާ އަށް ވަރަށް ހާއްސަ އިސްކަމެއް ދިން ކަމަށެވެ. އަދި އެންމެންނަށް ވެސް ސައިނާގެ ހުށަހެޅުންތަކަށް ތައުރީފްކޮށް ވަރަށް މޮޅު ކަމަށް ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

"ވަރަށް ގިނަ ގައުމުތަކުގެ އެމްބެސެޑަރުން ތިބި، ވަރަށް އުފާވި ޗައިނާ ކަހަލަ މީހުން ގިނަ ގައުމެއްގައި ސައިނާގެ އަޑު ކަމުދިޔަ ގިނަ ބަޔަކު ތިބީމަ، އޭގެ އިތުރުން ގައުމުތަކުގެ އެމްބެސަޑަރުން ވެސް ވަރަށް އެޕްރިޝިއޭޓް ކުރި ސައިނާ މި އިވެންޓުގައި ލަވަ ކީމަ، މަތީ ބޭފުޅުންގެ ކުރިމަތީގައި ރާއްޖެ ތަމްސީލް ކުރަން ލިބުން އެއީ ހަގީގަތުގައި ވަރަށް ބޮޑު އުފަލެއް، ދެކެމުން އައި ހުވަފެނެއް އެއީ. ހިތަކަށް ވެސް ނާރުވަން މިކަހަލަ ބޮޑު އިވެންޓަކުން ޗާންސްއެއް ލިބި މިހާ އަވަހަށް ކުރިއަރައިގެން ދާނެ ކަމަކަށް،" އުފަލުން ހުރެ ސައިނާ ބުންޏެވެ.

ސައިނާ ބުނީ ޗައިނާގެ ޕްރޮފެޝަނަލް ކުރުހުންތެރިއެއް އޭނާ އަށް ކުރެހުމެއް ވެސް ހަދިޔާ ކުރި ކަމަށާއި އެ ކުރުހުމުން ސައިނާގެ މުސްތަގުބަލަށް ކާމިޔާބު އެދޭ ކަމަށް ދައްކުވައިދޭ ކަމަށެވެ.

ސައިނާ ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަނެއްކާ ވެސް ސައިނާ ބިޒީ ވާނީ ކުރިޔަށް އޮތް ޢީދު ޝޯތަކުގަ އެވެ. އެކާވީސް ވަނަ ދުވަހު ފުރަތަމަ ޝޯ އަށް ލަންކާ އަށް ފުރާނެ އެވެ.

ސައިނާ މިވަނީ ރާއްޖެ އަށް ރީތި ނަން ހޯދަ ދީފަ އެވެ. އޭނާގެ ހިތްގައިމު ހުށަހެޅުންތަކުން ގިނަ ބަޔަކު ކޮސް ކޮށްލައިފަ އެވެ.

comment ކޮމެންޓް