އުރީދޫއިން ރާއްޖެއަށް އެއާ އެމްބިއުލާންސެއް ހަދިޔާކުރަނީ

އުރީދޫ ގްރޫޕުގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ/ ފޮޓޯ: ސަން ފޮޓޯ ފަޔާޒް މޫސާ

އުރީދޫ ގްރޫޕުން ދިވެހި ސަރުކާރަށް ހިލޭ އެއާ އެމްބިއުލާންސެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

މިއަދު އުރިދޫއިން ވަނީ އެ އެކުންފުނިން ދިވެހި ސަރުކާރަށް ހަދިޔާ ކުރި ތިން ސީ އެމްބިއުލާންސް ސަރުކާރާ ހަވާލުކޮށްފައެވެ. އެކަމަށްޓަކައި އިއްޒުއްދީން ފާލަން ސަރަހައްދުގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން މިއަދު ވިދާޅުވީ، ރާއްޖެއަށް އެއާ އެމްބިއުލާންސެއް ހަދިޔާ ކުރެއްވުމަށް އުރީދޫ ގްރޫޕުގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ ނިންމަވާފައިވާ ކަމަށެވެ.

ނަޖީބު ވިދާޅުވީ އެ އެއާ އެމްބިއުލާންސަކީ އުރީދޫ ގްރޫޕުގެ ޗެއާމަންގެ ފަރާތުން ރާއްޖެއަށް ދެއްވާ "ސަޕްރައިޒް" ހަދިޔާއެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށާއި އިމަޖެންސީ ރެސްޕޮންސް ނިޒާމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަަށް ނަޖީބު ވިދާޅުވިއެވެ.

https://sun.mv/108194

ނަޖީބް ވިދާޅުވީ، އުރީދޫ ގްރޫޕުގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އުރީދޫ މޯލްޑިވްސްގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް އެކަމަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ކަމަށެވެ.

އުރީދޫ ގްރޫޕުން އެއާ އެމްބިއުލާންސް ހަދިޔާ ކުރަން ނިންމާފައިވާއިރު މިއަދު އުރީދޫ މޯލްޑިވްސްއިން ސަރުކާރާ ހަވާލު ކުރި ސީ އެމްބިއުލާންސްތަކަކީ އެންމެ ޒަމާނީ ފެންވަރުގެ ސީ އެމްބިއުލާންސްތަކެކެވެ.

އެގޮތުން ކޮންމެ އެމްބިއުލާންސެއްގައި 12 މީހުންގެ ޖާގަ ހުންނަ އިރު ބަލި މީހުން ބާއްވާ ދެ އެނދު ހުރެއެވެ. މި އެމްބިއުލާންސްތަކުގައި އެންމެ ފަހުގެ ނެވިގޭޝަން އިކުއިޕްމެންޓުތައް ހުންނަ އިރު ދެ އޮކްސިޖަން ސިލިންޑަރު ބެހެއްޓުމުގެ ކެޕޭސިޓީވެސް ހުރެއެވެ.

އުރީދޫ މޯލްޑިވްސްއިން ހަދިޔާ ކުރި ތިން ސީ އެމްބިއުލާންސާއެކު ރާއްޖޭގެ ސީ އެމްބިއުލާންސްގެ ފްލީޓު މިހާރު ވަނީ 29 ސީ އެމްބިއުލާންސަށް ބޮޑުވެފައެވެ.

comment ކޮމެންޓް