ކުރީގެ މެމްބަރު ނާޒިމް ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭއަށް ގެންގޮސްފި

މެމްބަރު ނާޒިމް މީގެ ކުރިން ބޭސް ފަރުވާ ކުރުމަށް އޭޑީކޭއަށް ގެންދަނީ : ސަން ފައިލް ފޮޓޯ

އުމުރުދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު މިއަދު ސަން އަށް ވިދާޅުވީ ނާޒިމް ދައްކަނީ އޭޑީކޭ ހޮސްޕިޓަލްގެ ނިއުރޮލޮޖިސްޓަކަށާއި ޔުރޮލޮޖިސްޓަކަށް ކަމަށެވެ.

މީގެ ކުރިންވެސް އެކިފަހަރުމަތިން ނާޒިމް ވަނީ ނާރުގެ ޑޮކްޓަރުންނަށް ދައްކާފަ އެވެ. ނާޒިމްގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ މި ވަގުތު ނާޒިމް ހުންނެވީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ ހާލަތެއްގައިކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.

comment ކޮމެންޓް