ޓެސްޓްތަކެއް ހެދުމަށް ނާޒިމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

 ފަރުވާ ދިނުމަށް މީގެ ކުރިން ނާޒިމް ހޮސްޕިޓަލަށް ވައްދަނީ --- ސަން ފައިލް ފޮޓޯ

ފަންސަވީސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ދިއްގަރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހްމަދު ނާޒިމް މިދިޔަ އަންގާރަ ދުވަހު ހަވީރު އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ ޓެސްޓްތަކެއް ހަދަން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މިޑިއާ އޮފިސަރު މޫސާ ރަމީޒް މިއަދު ސަން އަށް ވިދާޅުވީ، މިމަހު 10 ވަނަ ދުވަހު ހަވީރު ނާޒިމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ރަމީޒް ވިދާޅުވީ ނާޒިމް އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ ބައޮޕްސީ އާއި ފިޒިއޮތެރަޕީ ހަދަން ކަމަށެވެ. އޭނާ ޑޮކްޓަރަށް ދެއްކީ ނާރުގެ ބަލިތަކާއި ޔޫރިން މައްސަލައެއްގައި ކަމަށް ރަމީޒް ވިދާޅުވި އެވެ.

މީގެ ކުރިން އުނަގަނޑުގައި ރިއްސާތީ ވެސް އައިޖީއެމްއެޗްގައި ނާޒިމް އެޑްމިޓްކޮށް ވަނީ ފަރުވާ ދީފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.

comment ކޮމެންޓް