ދެ ނާޒިމާއި ތޮލްހަތު މާފުށީ ޖަލަށް ބަދަލުކޮށްފި

ކާނަލް ނާޒިމާއި ތޮލްހަތު އަދި އަހްމަދު ނާޒިމް-- ސަން ފައިލް ފޮޓޯ

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު ސަން އަށް ވިދާޅުވީ އެ ބަދަލުގެނެސްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އުޅުއްވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށާއި ނަމަވެސް އެމަނިކުފާނު ބަހައްޓާފައި ވަނީ އެ ތިންބޭފުޅުންނާ ވަކިން ކަމަށެވެ.

މިހާތަނަށް އެ ތިން ބޭފުޅުން ތިއްބެވީ ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައެވެ.

އެތިން ބޭފުޅުންގެ ތެރެއިން ކާނަލް ނާޒިމް ތަންފީޒު ކުރައްވަމުން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާ ވަނީ އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ.

އަހްމަދު ނާޒިމް 25 އަހަރަށް ޖަލަށްލާފައި ވަނީ ސަރުކާރުގެ ފައިސާއިން މަކަރާއި ހީލަތް ހެދުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމާ ގުޅިގެންނެވެ.

ތޮލްހަތު 10 އަހަރަށް ޖަލަށްލާފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައެވެ.

comment ކޮމެންޓް