ނަޝީދުގެ އިސްތިއުނާފު ޝަރީއަތުގައި ބައިވެރިވާނީ ހުށަހަޅާ ނުކުތާތަކަށް ބެލުމަށް ފަހު: ވަކީލުން

ނަޝީދުގެ މައްސަލަ ޕީޖީ އިސްތިއުނާފުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު މޫކައި ހޮޓެލްގައި ބޭއްވި ޕްރެސްގެތެރެއިން -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްސަލަ ޕީޖީ އިސްތިއުނާފު ކުރިޔަސް އިސްތިއުނާފު މައްސަލާގައި ބައިވެރި ވުމާ މެދު ގޮތެއް ނިންމާނީ ހުށަހަޅާ ނުކުތާތަކަށް ބެލުމަށް ފަހު ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ނަޝީދުގެ ގާނޫނީ ޓީމުން މިއަދު މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަކީލު ހިސާން ހުސައިން ވިދާޅުވީ ޕީޖީ އިސްތިއުނާފު ކުރައްވާ މައްސަލާގައި ބައިވެރިވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.

"އިސްތިއުނާފަށް ހުށަހަޅާ ނުކުތާތަކަށް ބެލުމަށްފަހު އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ ލޯޔަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު އިސްތިއުނާފު މަރުހަލާގައި ބައިވެރިވުމާ މެދު ގޮތެއް ނިންމާނީ،" ހިސާން ހުސައިން ވިދާޅުވި އެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުން މިއަދު ވަނީ މައްސަލަ އިސްތިއުނާފު ކުރައްވާ އިރު ބައެއް ނުކުތާތަށް ހިމަނައިދެއްވުމަށް އެދި ޕީޖީ އަށް ސިޓީއެއް ފޮނުވާފަ އެވެ. އެސިޓީގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ނަޝީދުގެ މައްޗަށް ކުރި ދައުވާއަކީ ބާތިލު ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާ ކަންތައްތައް:

  • ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ޕީޖީގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދާ ހިލާފަށްކަން.
  • އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލަ އަކީ ޖިނާއީ އެހެން ދައުވާތައް ކުރާ އުސޫލުތަކާ އެއްގޮތަށް ފުލުހުން ތަހުގީގުކޮށްފައިވާ މައްސަލައަކަށް ނުވާތީ ޕީޖީ އިން ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ ބާތިލު ދައުވާއެއްކަން.
  • ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނު އަސާސީ އާއި ޕީޖީގެ ގާނޫނާއި ޖިނާއީ މައްސަލަތަކުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ކަމަށް ވާތީ ޕީޖީން ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ބާތިލު ދައުވާއެއްކަން.
  • ނަޝީދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާގައި ޓެރަރިޒަމްގެ ގާނޫނު ބުނެފައިވާ "ގަދަކަމުން ފޮރުވުމުގެ" ކުށުގެ އަމަލު ފުރިހަމަ ނުވާތީ ނަޝީދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާ އަކީ ބާތިލު ދައުވާއެއްކަން
  • އަބްދުﷲ ގާޒީ ހައްޔަރު އެކަހެރިކޮށްފައި ވަނީ އެމްއެންޑީއެފް އިން ކަމަށްވާ އިރު އެ މައްސަލާގައި ނަޝީދުގެ އެއްވެސް އަމަލެއް ނެތްއިރު ނަޝީދުގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާ އަކީ ބާތިލު ދައުވާއެއްކަން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަހެރި ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައި އެ މައްސަލާގައި އެމަނިކުފާނު ވަނީ 13 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. ނަމަވެސް މިހާރު ރައީސް ނަޝީދު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ޕީޖީން ނިންމާފައި ވަނީ ދައުލަތުން މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވާތީ، ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ވ) އިން ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

comment ކޮމެންޓް