ނަޝީދު ހުށަހެޅުއްވީ 13 މެންބަރުން ގަނެދީފި ނަމަ ގާސިމަށް ތާއީދު ކުރަން

ރައީސް މުޙައްމަދު ނަޝީދާއި ގާސިމް އިބްރާހީމް: -- ސަން ގްރެފިކްސް: އިބްރާހީމް ފަހީމް

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް، ތާއީދު ކުރުމަށް ރައީސް މުޙައްމަދު ނަޝީދު ބޮޑު ޝަރުތެއް ހުށަހެޅިކަން "ސަން" އަށް އެނގިއްޖެއެވެ.

ނަޝީދުގެ ޑިމޮކްރެޓްސްއިން ކެންޑިޑޭޓަކަށް އައްޑޫއަށް ނިސްބަތްވާ މަޖިލިސް މެންބަރުން އިލްޔާސް ލަބީބް ކަނޑައަޅާފައި ވަނިކޮށް، އެ ސިޓީގެ ވޯޓުތައް ހޯދުމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓަކަށް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ހޮނިހިރު ދުވަހު އައްޔަން ކުރައްވާފައެވެ.

އެއާ އެކު ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުޙައްމަދު ޝިފާޒް އާއި ހުސައިން އަމްރުގެ އިތުރުން މަޖިލިސް މެންބަރު އަލީ އާޒިމް ކުނޫޒަށް ވަޑައިގެން އެ ދުވަހު ގާސިމާ ބައްދަލު ކުރެއްވިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެ ބައްދަލު ކުރެއްވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ގާސިމަށް ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. އެއީ، މަޖިލީހުގެ 13 މެންބަރުން ޑިމޮކްރެޓްސްއާ ގުޅުވައި ދިނުމަށެވެ. އޭރުން ރިޔާސީ އިންތިޚާބުގައި ވާދަނުކޮށް ޑިމޮކްރެޓްސްއިން ގާސިމަށް ތާއީދު ކުރާނެ ކަމަށެވެ.

ގާސިމްގެ އަރިސް ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްގެ އެ ހުށަހެޅުމަށް ގާސިމް އެއްބަހެއް ނުވިއެވެ.

"ގާސިމް މެންބަރުންތަކެއް ހޯދައި ޑިމޮކްރެޓްސްއަށް ދިނުމަށް އެދުމުން ގާސިމް ވިދާޅުވީ އެކަމަށް ހޭދަ ކުރުމަށް ވުރެން ކެމްޕެއިނަށް ހަރަދު ކުރުން ވެސް މާ ރަނގަޅު ވާނެ ކަމަށް. އެކަމަށް ސީދާ ނޫނެކޭ ވިދާޅުވި،" ގާސިމްގެ ވަރަށް އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

ގާސިމްގެ އެ ނިންމުން ޑިމޮކްރެޓްސްއަށް ހޮނިހިރު ދުވަހު އެންގިއެވެ. އެއާ އެކު ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް އަމްރު ހަމަޖައްސައި ވަނީ ފޯމް ހުށަހަޅައިފައެވެ.

އެނގިފައިވާ ގޮތުގައި އިލްޔާސްގެ ރަނިންމޭޓަކަށް، ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅަކު އައްޔަން ކުރުމަށް ވެސް ނަޝީދު އެތައް މަސައްކަތެއް ކުރެއްވިއެވެ. މަޖިލިސް އެތައް މެންބަރުންނަކަށް ވެސް ގުޅުއްވިއެވެ. ނަމަވެސް އޭގެން އެއްވެސް ބޭފުޅަކު އެކަމަށް އެއްބަސް ނުވީއެވެ.

ނަޝީދު، ގާސިމަށް މި ހުށަހެޅުއްވުން ހުށަހެޅިކަން ޑިމޮކްރެޓްސްގެ ބޭފުޅަކު ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އޭނާ ވިދާޅުވި ގޮތުގައި ގާސިމަށް ހޯދޭނެ މެންބަރުންގެ ލިސްޓެއް ވެސް ނަޝީދު، ގާސިމަށް ހުށަހެޅުއްވިއެވެ.

ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރަކު "ސަން" އަށް މިއަދު ވިދާޅުވި ގޮތުގައި ނަޝީދުގެ ޕާޓީއަށް މެންބަރުން ހޯދުމަށް އެ މަނިކުފާން އަންނަނީ ގިނަ މެންބަރުންތަކަކަށް ހުށަހަޅަމުންނެވެ.

ރައީސް ޞާލިޙް ރިޔާސީ އިންތިޚާބުން ބަލި ކުރުމަށް ނަޝީދު އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ ވެސް ސަރުކާރު ކޯލިޝަނުން ގާސިމް ނެރެގެންނެވެ. ނަމަވެސް ނިޒާމީ ވޯޓަށް ދިއުމަށް ގާސިމް އެއްބަސް ނުވުމުން ދެ ބޭފުޅުންގެ ހިޔާލު ގޯސްވެ، ގުޅުން ގޯސްވިއެވެ.

ގާސިމް ވިދާޅުވި ގޮތުން ނަމަ ނަޝީދަށް އެ މަނިކުފާން ނޫން ބޭފުޅަކު ވެރިކަން ކުރަން ކަމަކު ނުދާނެއެވެ.

އޭގެ ފަހުން އަނެއްކާ، ކުނޫޒުގައި ގާސިމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމާއި ތިން ބޭފުޅުން ވެސް މަޝްވަރާތަކެއް ކުރެއްވިއެވެ. އަދި، އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެވުނު ކަމަށް ވެސް އެ ދުވަހު އިއުލާނު ކުރެއްވިއެވެ. އެކަމަކު، ފަހުން އަނެއްކާ ވެސް ގުޅުން ގޯސްވެ، ތިން ޕާޓީން ވާދަ ކުރައްވަނީ ވަކިންނެވެ.

comment ކޮމެންޓް