ނަޝީދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެމްޑީޕީން 49 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރުގެ މައްސަލަ ފުރަތަމަ އެޖެންޑާ ކުރީ 11:00އަށެވެ. ނަމަވެސް މިއަދު ހެނދުނަށް އެޖެންޑާ ކުރި ބަޖެޓުގެ މަސައްކަތް ކުރިއަށްނުގެންދާތީ ދަ ޑިމޮކްރެޓްސްގެ މެންބަރުން ދިޔައީ ހަޅުތާލުކުރައްވަމުންނެވެ. އަދި އެމްޑީޕީގެ މެންބަރުން ގެންދެވީ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފައިބައިވަޑައިގަތުމަށް ގޮވާލަމުންނެވެ.

އެހެންވެ، މަޖިލީހުގައި ގަރާރުގެ މަސައްކަތްތައް ކުރިއަށްނުގެންދެވި އީވާ ޖަލްސާ ނިންމަވާލެއްވިއެވެ.

އެއާއެކު، މިއަދުގެ ހަވީރު 4:00އަށް އަނެއްކާވެސް ގަރާރުގެ މަސައްކަތް އެޖެންޑާ ކުރިއެވެ. އެ ޖަލްސާ ފެއްޓެވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް ރިޔާސަތުގައި އިންނަވައިގެންނެވެ.

ޝަރީފް ވިދާޅުވީ އެޖެންޑާގައި އޮތީ ނަޝީދު ވަކިކުރުމުގެ މައްސަލަ ކަމަށާއި ނަމަވެސް އެމަނިކުފާނު އިސްތިއުފާގެ ސިޓީ އަމީންއާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވާފައިވާ ކަމަށެވެ.

އެ ސިޓީގައި ވަނީ، އިތުބާރުގެ މައްސަލައާއި އެ މައްސަލައާ ހެދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު އެ މަނިކުފާނު ވިސްނަވާފައިވާ ކަމަށެވެ. އަދި ނަޝީދުގެ ނަޒަރުގައި އެމްޑީޕީން ވަނީ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގައިފައި ކަމަށް ސިޓީގައިވެއެވެ.

މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް ނަޝީދުގެ އިތުބާރުގެ މައްސަލަ ހުށަހެޅުމަށް ފަހު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު އެމްޑީޕީން މައްސަލަ އަނބުރާ ގެންދިޔައެވެ. އެއަށް ފަހު މިއަހަރުގެ ތިން ވަނަ ދައުރަށް ވެސް އެމްޑީޕީން އެ މައްސަލަ ހުށަހެޅިއެވެ.

ނަޝީދު ވިދާޅުވީ އެ ގަރާރާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ބަޔާންކޮށްފައި ވަނީ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި ނޫނީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުން ކޯޓުގެ ހުކުމްތައް ސިޔާސީ ވުމަށް މަގުފަހިވެ ސިޔާސީ ކަންކަން ކޯޓުތަކުން ފައިސަލާ ކުރާ ބާވަތުގެ ގާނޫނީ މައްސަލަތަކަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.

"ނަމަވެސް ސުޕްރީމް ކޯޓުގެ އަމަލާއި ބަސް މިކަމުގައި ދިމާ ނުވީތީ އަޅުގަނޑު ހިތާމަ ކުރަމެވެ." އެ ސިޓީގައިވެއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މިމަގުން ކުރިއަށްގެންދިޔުމަކީ ބޮޑު ހިތާމައެއް ކަމަށާއި ދިވެހިންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި، މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީއިން މަޖިލީހަށް ދޭ ގެއްލުން ދަނީ ބޮޑުވަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ." ސިޓީގައިވެއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ އިސްތިއުފާއަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި ނަޒާހާތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ މިދިޔަ ޖޫން މަހު އެމްޑީޕީން މަޖިލީހަށް މައްސަލަ ހުށަހެޅީ 54 މެންބަރުންގެ ސޮޔާއެކުއެވެ. މި ދައުރުގައި ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގެ ރައީސް ވަކިކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ.

އެމްޑީޕީން ފުރަތަމަ އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ވެސް އިތުބާރު ނެތް ކަމުގެ ގަރާރަކާއެކުގައެވެ. އޭގެ ސަބަބުން ރިޔާސަތު ބަލަހައްޓަން ދެ ބޭފުޅުން ވެސް އުޒުރުވެވަޑައިގަތުމުން މަޖިލިސް މަރުތަޅަކަށް ދިޔައެވެ.

އެ ދައުރު ނިމި، މަޖިލިސް ޗުއްޓީއަށް ދިޔައީ އޭގެ ސަބަބުން މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ނުނިންމިއެވެ.

ދެވަނަ ދައުރުގައި އެ މައްސަލަ އެޖެންޑާ ކުރުމުން ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ވިދާޅުވާތީ އެ މައްސަލަ އޮތީ ހަފުތާއެއް ވަންދެން ކުރިއަށްނުގެންދެވިއެވެ. މަޖިލީހުގެ އިދާރާއިން ޖަލްސާތައް ނުބޭއްވީ، މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައިގައި ރިޔާސަތުގައި އިންނަވަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި އޮންނާނީތީއެވެ.

އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ ޖަލްސާތައް ހުއްޓުވީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އީވާ ނެތަސް، ގަރާރުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކުވެސް، ނަޝީދު އިތުބާރުގެ މަސައްކަތަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް ދެއްވިއެވެ. އެގޮތުން އިންތިޚާބީ ރައީސް މުޙައްމަދު މުއިއްޒު ހުވާ ކުރައްވަންދެން މައްސަލަ ނިންމަން ފުރުސަތު ނުދޭނެ ކަމުގެ މޭރުމަކުން އެމަނިކުފާނު ވާހަކަދެއްކެވިއެވެ.

comment ކޮމެންޓް