ރައީސް ނަޝީދުގެ ނަންފުޅުވެސް ފިންގާޕްރިންޓް ޖަހަން ޖެހޭ ލިސްޓުގައި!

ކުރީގެ ރައީސް ނަޝީދު: އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ މެންބަރުންގެ ފޯމުތަކުގެ ތެރެއިން ފިންގާ ޕްރިންޓް ހޯދަން ޖެހޭ މެންބަރުންގެ ތެރޭގައި ރައީސް ނަޝީދުވެސް ހިމެނިވަޑައިގަންނަވާ -- ސަން ފައިލް ފޮޓޯ

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ، ސިޔާސީ ބައެއް ޕާޓީތަކަށް އެޕާޓީތަކުގެ މެންބަރުންގެ ފިންގާޕްރިންޓް ފޯމުތަކުގައި ޖެހުމަށްފަހު އަލުން ހުށަހަޅަން އަންގައިފައެވެ. މީގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފޯމު ހުށަހަޅަން ޖެހެނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ އެއް ޕާޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށެވެ. އެގޮތުން ފިންގާޕްރިންޓް ނެތް ފޯމުތަކުގެ ތެރޭގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފޯމުވެސް ހިމެނެއެވެ.

ފޯމުގައި ފިންގާ ޕްރިންޓް ނެތް ފަރާތްތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ފޯމު އޮތްއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުގެ 13 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރުމުގައެވެ. އެހެންކަމުން ރައީސް ނަޝީދުގެ ފިންގާ ޕްރިންޓް ހޯދުމަށް އެމްޑީޕީން ޖެހޭނީ އެމަނިކުފާނާ ބައްދަލުކުރުމަށް އެމަނިކުފާނު ބަންދުގައި ހުރިތަނަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ފޯމު ހުށަހަޅައިގެން އެމަނިކުފާނުގެ އިނގިލީގެ ނިޝާންް ހޯދާށެވެ.

ރާއްޖޭގެ އެންމެ ބައިބޯ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ މިވަގުތު އޮތީ 46،608 މެމްބަރުންނާ އެކުއެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ފާސްކޮށްފައިވާ ގޮތުން، ފޯމުގައި ފިންގާޕްރިންޓް އޮތުމަކީ ލާޒިމުކަމެކެވެ. އެހެންކަމުން ކުރިއަށް އޮތް ހަ ވަރަކަށް މަސްދުވަހުގެ ތެރޭގައި އެމްޑީޕީން 23،058 މެމްބަރެއްގެ އިނގިލީގެ ނިޝާން ހޯދަން ޖެހެއެވެ. އެ އަދަދު ހަމަ ނުކުރެވިއްޖެ ނަމަ، އެޕާޓީއަށް މިހާރު ލިބިފައިވާ އެންމެ މެންބަރުން ގިނަ ޕާޓީގެ ޝަރަފް ގެއްލުމަކީ ދުރުކަމެއްވެސް ނޫނެވެ.

އެމްޑީޕީއާއި އެހެން ޕާޓީތަކަށް ވެސް ފޯމުތަކުގައި ފިންގާ ޕްރިންޓް ޖެހުމަަށް އިލެކްޝަންސް ކޮމިޝަނުން ވަނީ، މިއަހަރު ނިމެންދެން ވަގުތު ދީފައެވެ.

ބޭސް ފަރުވާއަށް ދާދިފަހުން ރައީސް ނަޝީދު މާލެ ގެނައުމަށްފަހު އެނބުރި މާފުށްޓަށް ގެންދަވަނީ: ސަން ފައިލް ފޮޓޯ

އެމްޑީޕީގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ ފިންގާ ޕްރިންޓު ހޯދަން އިލެކްޝަންސް ކޮމިޝަނުން އަންގާފައި ވާތީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ޕާޓީން ވަކިކޮށްފައިވާ މޫސަ ވިދާޅުވީ، އެންމެ ފުރަތަމަ ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު އިނގިލީގެ ނިޝާން ޖަހާގޮތަށް ގަވާއިދެއް ހަދާފައި ނޯންނަ ކަމަށެވެ. އަދި އެޕާޓީއަށް މެންބަރުން ވައްދާފައި ވަނީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި މިފަދަ ގޮތަަށް ކަންތައް މެދުވެރިވެއްޖެ ނަމަ އެމްޑީޕީ މިހާރު އޮތް ހާލަތުން އެ ޕާޓީއަށް ވަރަށް ބޮޑަށް ނިކަމެތިކަން ކުރިމަތިވެގެން ދާނޭ ކަަމަށެވެ.

"އަޅުގަނޑު އެދެން އިލެކްޝަންސް ކޮމިޝަނުން އެ މުއްދަތު އިތުރުކޮށްދޭން،" ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަންވެސް ކުރައްވާ މޫސަ ވިދާޅުވި އެވެ. "ދެން އެމްޑީޕީގެ ޗެއާ ޕާސަންގެ ނައި އިދާރީ އަލީ ޝިޔާމް އެ މަގާމުގައި ހުރެގެން އެކަމެއް ނުވާނެ."

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ ކޮމިޝަނުން އަބަދުވެސް އަމަލުކުރަނީ ސިޔާސީޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށާއި އެ ކޮމިޝަންގެ މަގުސަދަކީ ހަރުދަނާ ކަމާ އެކު ޕާޓީތައް ކުރިއަށް ގެންދިޔުމަށް އެހީތެރިވެދިނުން ކަމަށެވެ.

ކޮމިޝަނަށް ލިބޭ އެންމެ ބޮޑު ޝަކުވާ އަކީ މީހުންނަށް ނޭނގި އެމީހުން ޕާޓީތަކަށް ވައްދާ މައްސަލަ ކަމަށާއި ހުރިހާ ފޯމެއްގައި އިނގިލީގެ ނިޝާން ޖެހުމުން އެކަން ހައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ޑޮކްޓަރުގެ ލަފާގެ މަތިން ހަތަރު ހަފްތާގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް