ނަޝީދަށް "ދުލެއް" ދެއްވުމަށް ރައީސް ޔާމީނަށް މުސްތަފާ ގޮވާލައްވައިފި

ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގައި މުސްތަފާ-- ސަން ފައިލް ފޮޓޯ

ތޭރަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ދުލެއް" ދެއްވުމަށް ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު މުސްތަފާ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ގޮވާލައްވައިފި އެވެ.

ތިމަރަފުށީގެ ފުޓުސަލް ދަނޑު ހުޅުވުމަށް މިރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ ރައީސް ނަޝީދަކީ ދިވެހި ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށެވެ. ނަމަވެސް ސިޔާސީ ހައްޔަރީން ކަމަށް ދެން ބުނާ ފަރާތްތަކަކީ ގައުމަށް އެއްވެސް ހިދުމަތެއް ކޮށްފައިވާ ފަރާތްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި އިންތިހާބީ ސަރުކާރުތައް ވައްޓާލަން ނޫން ގޮތަކަށް ތިބި އެއްވެސް ފަރާތެއް ނެތް. އިންތިހާބީ ސަރުކާރުތައް ވައްޓާލައިގެން ކައިގެން ބޮއެގެން ދުނިޔޭގައި އުޅޭ އެތައް ބަޔަކު މި ގައުމުގައި އެބަ އުޅޭ. ބަލަ އެމްޑީޕީ ވެސް ވާނީ އެކަން ތަޖުރިބާ ކޮށްފައި. ކާކުތޯ ގަބޫލު ކުރައްވާނީ ރައީސް ނަޝީދުގެ ފަހަތްޕުޅަށް އަބްދުﷲ ރިޔާޒު އަރުއްވާނޭ. ނާޒިމު އަރުއްވާނޭ. މިއީ ދުނިޔޭގެ ގުދުރަތް ދިމާވާ ގޮތް،" ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ޑިމޮކުރަސީއަކީ އެންމެ މީހެއްގެ ސަބަބުން އެތައް ހާސް ރައްޔިތުންގެ މިނިވަންކަން ނަގާލުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާ ހިސާބަށް ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަކީ އެއްވެސް ގައުމަކަށް އޮތް "ތުރެޓެއް" ނޫން ކަމަށެވެ.

"އެމްޑީޕީ ސަރުކާރުން ތެދެއްމެ ބިން ހިއްކައިދިން. ނަމަވެސް އަޅުގަނޑުމެންނަކަށް ނެތް އެތާ ރިވެޓުމަންޓު ޖެހޭނެ ގޮތެއް. ކަމެއް ކުރުމުގެ ބޭނުމަކީ އެކަމެއް އެންމެ ރަނގަޅު ގޮތުގައި ކުރުން. އެކަން އޮތީ ނުވެ. މިއަދުގެ ސަރުކާރުން މި ރަށުގައި ފެން ބޮޑުވުމުގެ ހަބަރު ލިބުނީމާ އަޅުގަނޑު އެރޭ ވަރަށް ދަންވިފަހުން ރައީސަށް އެ ވާހަކަ ދެންނެވީ. އަޅުގަނޑު ދެންނެވިން ރައީސް މައުމޫނަށް ވެސް." މުސްތަފާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުސްތަފާ ވަނީ ތިމަރަފުށީގައި ހުރިހުސް ބިންތަކުގެ ބޭނުން ހިފޭނެ ގޮތެއް ހައްދަވައި ދިނުމަށް ޓުވަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އަރިހުން އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ އެތަނުގައި ކޮންމެ ވެސް މަސައްކަތެއް ފެށޭނެ ގޮތެއް ހެދުމަކީ އޭނާގެ ވަރަށް ބޮޑު އެދިލެއްވުމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަން މި ރާއްޖޭގެ ކައުންސިލަރުންނަށް މިރާއްޖޭގެ އަގުބޮޑެތި ބިންތައް ދޫކޮށްލުމަކުންނެއް މިރާއްޖޭގެ ކައުންސިލަރުންނަކަށް އެ ހޭންޑުލެއް ނުކުރެވޭނެ. ރާއްޖޭގައި އެންމެ އަގު ބޮޑު އެއްޗަކީ ފަސް. މިރާއްޖޭގެ އެންމެ އަގުބޮޑު އެއްޗަކީ އަޅުގަނޑުމެންގެ މި ބިން ހިއްކުން. އެހާ އަގުބޮޑު އެއްޗެއް ދޫކޮށްލަންވާނީ ޒިންމާދާރު ގޮތެއްގައި،" މުސްތަފާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް