ނަޝީދަށް ސިއްހީ ފަރުވާ ދިނުމުގައި ސަރުކާރު އިހުމާލުވާކަމަށް އެމްޑީޕީން ތުހުމަތުކޮށްފި

ނަޝީދަށް މާލެއިން ފަރުވާދިނުމަށް ފަހު އަނބުރާ މާފުއްޓަށް ގެންދަވަނީ: އެމްޑީޕީން ވަނީ ނަޝީދަށް ފަރުވާ ދިނުމުގައި ސަރުކާރުން އިހުމާލުވާކަމަށް ތުހުމަތުކޮށްފައި ------ ސަންފައިލް ފޮޓޯ

ޓެރަރިޒަމްގެ ކުށް ސާބިތުވެ، ޖަލުގައި 13 އަހަރުގެ ޙުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދޭންޖެހޭ ސިއްހީ ފަރުވާދިނުމުގައި ސަރުކާރުން އިހުމާލުވަމުން އަންނަ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އެގޮތަށް ތުހުމަތުކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ނަޝީދަށް ވަކި ފަރުވާތަކެއްދީ ޓެސްޓުތަކެއް ހެދުމަށް ނަޝީދަށް ފަރުވާދިން ފަރާތްތަކުން ބުނި ނަމަވެސް، ދުވަސް ހަމަވެގެން ދިޔައިރު އެކަން ކުރާނެ ފުރުސަތެއް ސަރުކާރުން ނުދޭ ކަމަށެވެ.

އެގޮތުން މެއި ހަތްވަނަ ދުވަހު މާފުށީ ސިއްހީ މަރުކަޒުން ނަޝީދު ބެއްލެވި ޑޮކްޓަރު އޭނާގެ އެމްއާރުއައި ސްކޭނެއް ހަދަން އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. ދެ ހަފްތާފަހުން މާލޭގައި ހުރި "މިލިޓަރީ ކްލިނިކަކަށް" ގެންދިއުމުން އެތަނުން ވެސް ނަޝީދުގެ އެމްއާރުއައި ސްކޭނެއް ހަދަން ބުނެފައިވާ ކަމަށާއި، ނަމަވެސް އޭގެ ފަހުން މަހެއް ވެގެން ދިޔައިރު ވެސް ސަރުކާރުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުދޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ނަޝީދުގެ ލީގަލް ޓީމުން ނަޝީދުގެ އަރިހަށް ހަފްތާއަކު އެއްފަހަރު ޒިޔާރަތްކުރަން ނިންމާފައިވީ ނަމަވެސް އެކަމަށް ސަރުކާރުން ހުރަސްއަޅާ ކަމަށެވެ. ނަމަވެސް ނަޝީދުގެ ލީގަލް ޓީމް ހަފްތާއަކު އެއްފަހަރު ނަޝީދުގެ އަރިހަށް ޒިޔާރަތްކުރުމަށް ހޯމް މިނިސްޓްރީން ހުއްދަ ދީފައިވާކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެގޮތުން އަންނަ އާދީއްތަ ދުވަހު ނަޝީދުގެ އަރިހަށް ޒިޔާރަތްކުރަން ނިންމާފައިވީ ނަމަވެސް، މިއަދާ ހަމައަށް އެއްވެސް ފޯނުކޯލަކުން ނަމަވެސް ލޯޔަރުންނަށް ޖަވާބެއް ނުދީ، އެ ދަތުރު ކެންސަލްކޮށްލާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑީނޭޓަރު ތަޒްމީލް އަބްދުއް ސަމަދު މިއަދު ސަން އަށް މިއަދު ވިދާޅުވީ، ރައީސް ނަޝީދަށް ސިއްހީ ފަރުވާ ދިނުމާއި އަދި އެހެނިހެން ކަންކަމުގައި ވެސް އަމަލުކުރަމުން އަންނަނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު ޖަލުގައި ހުންނަވާއިރު ލިބެންޖެހޭ އިނާޔަތްތަށް ކުރީގެ ރައީސް ނަޝީދަށް ވެސް ފުރިހަމައަށް ލިބެމުންދާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮކްޓަރަށް ދެއްކުމާއި ޓެސްޓުހެދުމާ މި ހުރިހާ ކަމެއް ކުރަމުން އަޅުގަނޑުމެން ގެންދަނީ، ވަކި އުސޫލުތަކެއްގެ ތެރެއިން. އެގޮތުން ރައީސް ނަޝީދުވެސް ޑޮކްޓަރަށް ދެއްކުމާއި އަދި އެމަނިކުފާނު ހަދަން ޖެހޭ ޓެސްޓްތައް ވެސް ޑޮކްޓަރުގެ ލަފާގެ މަތިން ކުރިއަށްދާނެ،" ތަޒްމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި އެމްއާރުއައި ސްކޭން ހެދޭ ހުރީ އެންމެ ހޮސްޕިޓަލެެއްގައި ކަމަށާއި އެގޮތުން އެކަމަށް ވަގުތު ނަގާ ކަމަށެވެ. ނަމަވެސް އިމަޖެންސީގައި ހަދަން ޖެހޭ ޓެސްޓެއް، އަދި ސްކޭނެއް ނަމަވެސް އޮތް ނަމަ، އެކަން ފަސްކުރުމެއް ނެތި ކަރެކްޝަނަލް ސާވިސްއިން ކުރިއަށް ގެންދާނޭ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ދޭކަމަށެވެ.

comment ކޮމެންޓް