ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރަން ސެނެޓްގެ ދެ މެމްބަރަކު އެމެރިކާ ސަރުކާރުގައި އެދިއްޖެ

ސެނެޓެޓަރު ޖެކް ރީޑް( ކ) އަދި ސެނެޓަރު މެކެއިން. ފޮޓޯ: ގެޓީ އިމޭޖަސް

ރާއްޖޭގައި ޑިމޮކްރަސީ އަލުން އިއާދަކުރުމަށް އިންޑިއާއި އެހެން ބައެއް ގައުމުތަކާއި އެކު މަސައްކަތް ކޮށްދިނުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ' ސެނެޓް'ގެ ދެ މެމްބަރަކު އެގައުމުގެ ސަރުކާރުގައި އެދިއްޖެ އެވެ.

އެމެރިކާގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ އަދި އެ ގައުމުގެ ރައީސް ބަރަކް އޮބާމާ ރައީސްކަމަށް ވަޑައިގެންނެވި އިންތިހާބުގައި ވާދަކުރެއްވި ޖޯން މެކޭންއާއި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ޖެކް ރީޑް އެކަމަށް އެދިވަޑައިގެންނެވީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އާޝް ކާޓަރަށާއި ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއަށް ފޮނުއްވި ސިޓީފުޅެއްގައި ކަމަށް ބިޒްނަސް އިންސައިޑާ ނޫހުން ބުންޏެވެ.

އެ ނޫހުން ބުނީ ރާއްޖޭގައި ބަންދުގައި ތިއްބެވި ސިޔާސީ ލީޑަރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން މިނިވަން ކުރުމަށް ދިވެހި ސަރުރަށް ފިއްތުންތައް ކުރިމަތި ކުރަން އެ ދެބޭފުޅުންގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

"... ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ވިޔަސް، ނުރައްކަލުގެ ތެރޭގައި އެވަނީ ބޮޑެތި އުސޫލުތަކެކެވެ. އެ ގައުމުން އަޅަމުން އެދާ ފިޔަވަޅުތަކަކީ ބޭރު ދުނިޔެއާ އެގައުމާ ދެމެދު އޮތް ގުޅުންތަކަށް ގެއްލުންދެނިވި އަސަރުތަކެއް ކުރާނެ ފިޔަވަޅުތަކެއްކަން ވިސްނައި ދިނުމަށް އިންޑިއާއާއި ޑިމޮކްރެޓިކް އެހެން ގައުމުތަކާއި އެކު ޔުނައިޓެޑް ސްޓޭޓްސް އިން މަސައްކަތް ކުރަން ޖެހެއެވެ. ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ވެސް ޔޫއެސް އިން ރާއްޖެއަށް ގޮވައިލަން ޖެހޭނެއެވެ." ސެނެޓަރު މެކޭން އާއި ޖެކް ރީޑް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށް ނޫހުން ބުންޏެވެ.

comment ކޮމެންޓް