ހިދުމަތް ކުރާ އާއިލާތަކަކީ ޒަމާންތަކަކަށް ދެމިގެންދާނެ އާއިލާތަކެއް: ނިހާން

ފާރިސް މައުމޫންގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު

ފަސް ޖެހުމެއް ނެތި ގައުމަށް ހިދުމަތް ކުރާ އާއިލާތަކަކީ ޒަމާންތަކަކަށް ދެމިގެންދާނެ އާއިލާތަކެއް ކަމަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޕީޕިއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ފާރިސް މައުމޫންގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ގައުމަށް ހިދުމަތް ކުރަން ތިބި ފަރާތެއް ނަމަ އެ ފަރާތަކީ ވަކި އާއިލާއަކަށް ނިސްބަތްވާ ފަރާތެއްތޯ ރައްޔިތުން ބަލަން ނުޖެހޭ ކަމަށެވެ. ނިހާން ވިދާޅުވީ އެކަމުގެ ހަގީގަތް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދައްކުވާފައިވާ ކަމަށެވެ.

"ޖޯން އެފް ކެނެޑީގެ އާއިލާ އަށް ބަލަމާ ހިނގާ އެމެރިކާގެ. 64 އަހަރު ވެއްޖެ ކެނޑިނޭޅި އެ އާއިލާގެ ބޭފުޅެއް ޕާލިމަންޓުގައި އިންނަތާ. އެއީ 318 މިލިއަން ރައްޔިތުން ދިރިއުޅޭ ގައުމެއް. މިއީ ތިން ސަތޭކަ ފަންސާސް ހާސް ވެސް ހަމަނުވާ ބައެއް އަޅުގަނޑުމެންގެ ރާއްޖެ މިއީ. ދެން ކޮން ވާހަކައެއްތޯ ދެއްކޭނީ. މިއީ ދުނިޔެ ދައްކުވައިދީފައިވާ ހަގީގަތް،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.

ފާރިސް މައުމޫންގެ ކެމްޕެއިން ޖަގަހަ ހުޅުވި ރަސްމިއްޔާތުގައި ނިހާން ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 65 އަހަރުވެފައިވާ ފަރާތްތަކަށް ދޭން ފެށި 2000 ރުފިޔަގެ އިނާޔަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އެ ފައިސާ އަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދެއްވުމަށް މަސައްކަތްކޮށް މަޖިލީހުގައި އެކަމުގެ އެތައް މަސައްކަތެއް ކޮށްފައިވާ ކަމެއް ކަމަށެވެ.

"ތިބޭފުޅުން ބައްލަވާ މަޖިލީހުގެ ޔައުމިއްޔާތައް. އެ އޮތީ ފެންނަން. ވަރަށް ސާފުކޮށް އެ އޮތީ ފެންނަން. އެއީ ކޮން ބޭފުޅެއްގެ ވެރިކަމުގައި ކޮން ބޭފުޅެއްގެ މިނިސްޓަރުކަމުގައި މަޖިލީހަށް ހުށަހަޅުއްވާފައިވާ އެއްޗެއްތޯ. ރައީސް މައުމޫންގެ ވެރިކަމުގައި އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ޝޯސަލް ސެކިއުރިޓީ މިނިސްޓަރު ކަމުގައި މި ބިލު މަޖިލީހަށް ފޮނުއްވެވީ. މިއީ އަޅެއް އިއްތިފާގެއްބާ. ތިބޭފުޅުން ބައްލަވާ މަޖިލީހުގެ ރިކޯޑިން،" ނިހާން ވިދާޅުވި އެވެ.

comment ކޮމެންޓް