ނަޝީދުގެ ހުކުމް ފަސްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް އަލްހާން ހުށަހަޅައިފި

ބޭސް ފަރުވާއަށް ދާދިފަހުން ރައީސް ނަޝީދު މާލެ ގެނައުމަށްފަހު އެނބުރި މާފުށްޓަށް ގެންދަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެއްވުމަށް އެދި ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ހުށަހަޅުއްވައިފި އެވެ.

ރައީސް ނަޝީދަށް އިއްވާފައިވާ ހުކުމް ފަސްކޮށްދެއްވުމަށް އަލްހާން ހުށަހަޅުއްވާފައިވާއިރު އަލްހާން ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވަ ދައުވާ އަކީ ބާތިލު ދައުވާއެއް ކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

އަލްހާންގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި އަމުރު ކޮށްފައި ވަނީ މޯލްޑިވްސް ނޭޝަންލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މައްޗަށްކަން އެނގެން އޮތް ކަމަށެވެ. އަދި ބުނެފައި ވަނީ އެއްވެސް ތަހުގީގު ކުރުމެއް ނެތި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށްފަހު އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރައްވާފައިވާ ކަމަށެވެ.

"އަދި ރައީސް މުހައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 127ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަން ދޭންޖެހޭ މީހަކަށް ވާތީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިޔާ ކަނޑައެޅެންދެން ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރައްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް މިމައްސަލާގައި އެދިފައިވާނެ އެވެ." އަލްހާންގެ ނެރުނު ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ފަސްކޮށްދިނުމަށް އެދި އަލްހާން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާއިރު ރައީސް ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރެއްވުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.

އަލްހާން ވިދާޅުވީ ކަނޑައްތުކުރަން ހުރި މަގުތައް ކަނޑައްތު ނުކޮށް އެކަމަށް އެހެން ހައްލެއް ހޯދައި ދިނުމަށް ގޮވާލުމަކުން އެއްވެސް ހައްލެއް ނުލިބޭނެ ކަމަށެވެ.

comment ކޮމެންޓް