އަލީސާ އަވަހަށް ކައިލަންގެ ގާތަށް ޖެހިލާފައި ބަލައިލީ ކައިލަން ހުޅުވައިގެން އިން ލިންކަކަށެވެ. ރާހިލްއާއި އޭނަ އެކީގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަނީއެވެ. ރާހިލްގެ ލޯބިވެރިޔާގެ ނަމުގައެވެ. އޮފީހުގައި އޭނަ ލެޕްހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްގައި އިންދާ ރާހިލް ފަހަތުން އައިސް އޭނަގެ އަތާއި އެކު މައުސްގައި ހިފަހައްޓާލައިގެން އިންއިރު ދެމީހުން ހަގީގަތުގައިވަނީ މާގާތުގައެވެ. ފެންނަ މީހުންނަށް ނުބައި މާނައެއް ނެގޭހާ ގާތުގައެވެ.

"މިއީ އަހަރެންގެ ބޮސް ރާހިލް...." އަލީސާގެ ހިތަށް ނޭގޭ އުފާވެރިކަމެއް ލިބުނެވެ. އޭނަ ރާހިލްއާއިއެކު މާ ގާތްކޮށް ނަގާފައިވާ ފޮޓޯއެއް ފެނުމުން ކައިލަންގެ ހިތުގައި ހަސަދަވެރިކަން އުފެދުނީކަމުގައި އިރުކޮޅަކަށްނަމަވެސް ހީކުރެވުނެވެ.

"ދެމީހުން ކުރާކަމެއް މީހުންނަށް ނުދައްކާ ސިއްރު ކުރަންވީނު، މާރީތިކަމެއްނޫން، އޭނަގެ އެފްބީ ޕޭޖާއި މުޅި ސޯޝަލް މީޑިއާގައި މީހުން މިފޮޓޯ ޝެއަރކޮށްފައި މިހުރީ....." ކައިލަން ބުނެލިއެވެ.

"ކައި، ބިލީވް މީ، އަހަންނާއި ރާހިލްގެ ތިބުނާފަދަ ގުޅުމެއް ނެތް، ރާހިލް އިޒް މައި ބޮސް، ނަތިން މޯ....." އަލީސާ ކުޑަކޮށް އުދަގޫވެލާފައި ބުނެލިއެވެ. ހަމަ އެކަނި ބޮސްއޭ ބުންޏަސް އެއީ ހަގީގަތް ނޫންކަން އަލީސާއަށް އެނގެއެވެ.

"އެހެންވެތަ އޭނަ އަތް މަތީގައި އަތް ބާއްވާލައިގެން އިނީ..." ކައިލަން ހަސަދައިން ފުރިފައިވާ ލޯބިވެރިއެއް ފަދައިން ޝައްކުކޮށްގެން ހުރެ ވާހަކަދައްކަން ފެށުމުން އަލީސާގެ ހިތް އުފަލުން ނަށައިލިއެވެ. ކައިލަންގެ ހިތުގައި އޭނަގެ މައްޗަށް ކުޑަނަމަވެސް ކުލުނެއްނުވާނަމަ އެކަން މައްސަލައަކަށް ހަދާނެކަމަކަށް އަލީސާއަށް ޤަބޫލެއް ނުކުރެވުނެވެ. ހިތުގައި ގަނޑުފެނުން މީހަކު ފިރުމާލަދިނަސް ފިނިވާނީ އެހާކަށްހާވަރަށެވެ.

"ރާހިލް ކޮންމެވެސް އެއްޗެއް ޓީޗްކޮށްދޭންވެގެން...." އަލީސާ ކުޑަ ހުނުމަކާއިއެކު ބުނެލިއިރުވެސް އޭނަ އިނީ ނޭގުމުގެ ތެރޭގައި ކަމަށް ހަދާފައި ކައިލަންގެ ފައިގެ ފަލަމަސްގަނޑުގެ މަތީގައި އަތް ބޭއްވިގޮތަށް އަތް ނުނަގައެވެ. އަލީސާގެ އިނގިލިތަކުގެ ހަރަކާތުން ކައިލަންއަށް އުދަގޫތަކެއްވީކަން ޔަގީނެވެ. އަލީސާގެ އަތުގައި ހިފާފައި ދުރުކޮށްލިއިރު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އަލީސާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއްވެރިވާން އުޅުމުން އަނެއް ފަރާތަށް އެނބުރުނެވެ.

"ބަދުނާމުވީމަ ދެރަވާކަށްވެސް އަލީސާއަކަށް ނޭގުނެއްނު....." ކައިލަން ލެޕް ލައްޕާލާފައި ތެދުވެ ނުރުހުމުގެ ރާގަކަށް ބުނެލުމުން އަލީސާއަށް ހީގަނެވުނީއެވެ. އަލީސާގެ ހުންނަ މިޒާޖަކުން އެއީ ރުޅިއަންނަން އެނގޭކުއްޖެއް ނޫނެވެ. އަބަދުހެން ހުންނާނީ އެކުދި ކުފިދަތްތައް ދައްކާލައިގެން ހިނިތުންވެލައިގެންނެވެ. އެއާދައިގެ ސަބަބުން ހިތްހެޔޮކަމާއި އޯގާތެރިކަން ފާޅުކޮށްދެއެވެ. ކައިލަން ކޮޓަރިން ނުކުމެގެން ގޮސް އޮބާލަންދެން ބަލަން ހުރުމަށްފަހު އަލީސާ އަވަހަށް ލެޕްހުޅުވާލައިގެން ބަލަންފެށީ މީހުން ކޮށްފައި ހުރި ކޮމެންޓްތަކަށެވެ. އޭނައާއި ރާހިލް އަޅުވާކިޔާފައިވާއިރު ވަރަށް ގުޅޭ ޖޯޑެކޭކިޔައިގެން ވަރަކަށް ތައުރީފު އޮހިފައި ހުއްޓެވެ. އަލީސާ ހާސްވާންފެށިއެވެ. ރާހިލްފަދަ މަޝްހޫރު މީހަކާއި އޭނައާއި އަޅުވާކިޔަން ފެށުމުން ރާހިލްގެ އާއިލާއިން ދެކޭނީ ކިހިނެއްކަމެއް އެނގެނީއެއް ނޫނެވެ. ރާހިލްއާއިއެކު އޭނަގެ ނަންވެސް މަޝްހޫރުވާންފެށީއެވެ. ހަދާނެގޮތެއް ނޭގިގެން އަލީސާ ވަގުތުން ގުޅާލީ ރާހިލްގެ ލަފާއެއް ހޯދުމަށެވެ.

ކައިލަންއަކީ އެފްބީއަށް އެހާ ގިނައިން ވަންނަ މީހެއްނޫނެވެ. އެހާވަގުތެއް އޭނައަކަށް ނޯވެއެވެ. މިސްކުއަށް މަޖާވެގެން އޭނަ ކައިލަންއަށް ކިޔައިނުދިންނަމަ މި ޚަބަރު އޭނައަށް ގެނެސްދޭނެ މީހަކު ނުވާނެއެވެ. ރާހިލްއާއިމެދު އެހެންގޮތަކަށް ވިސްނައިލަންވެސް މަޖުބޫރުވިއެވެ. އަނާއަށް އޭނަ ބަލައިލާ ނަޒަރުގައި އަބަދުވެސް ތަފާތުގޮތެއްހުރެއެވެ. އޭނައާއި ރާހިލް ވާހަކަ ދައްކާއިރުވެސް ދުރުކަމެއް ބަހައްޓާކަން ކައިލަންދަނެއެވެ. އަނާގެ ސަބަބުން ވާގޮތެއްކަމަށް އޭނަ ހީކުރިއެވެ. ރާހިލްގެ އަޑި ހާދަ ނުބަޔެވެ. ރައްޓެހިވީ ކިތައްމީހުންނާއި ކަމެއް ނޭގެއެވެ. އަމިއްލަ ކޮއްކޮއާއި ދިމާލަށް އެފަދަ ނަޒަރަކުން ބަލާމީހަކަށް އެހެން އަންހެންކުދިން ކޮންމެ ސިފައެއްގައި ތިއްބަސް މޮޔަވާނެއެވެ.

މިސްކު ދިޔުމާއިއެކު އަނާ ދެވަނަފަހަރަށް ރާހިލްއާއި އަލީސާގެ ފޮޓޯތަކަށް ބަލައިލިއެވެ. ޓްވިޓަރއާއި އެފްބީގައިވެސް އެދެމީހުންގެ ފޮޓޯތައް ހުރިތަން ފެނިފައި އަނާގެ ލޭ ކެކިގެންދިޔައެވެ. އަލީސާ ހާދަ ރީއްޗެވެ. ހާދަ ޕްރޮފެޝަނަލް ގޮތެއް އެބަހުއްޓެވެ. ހެދުންއަޅައިގެން ހުރިގޮތް އެހާ ހިތްގައިމެވެ. އެފަން އިސްތަށިގަނޑު ހުޅި ޖަހާލާފައިވާގޮތް އެހާ ސްޓައިލިޝްއެވެ. އަނާވެސް ބޭނުންވީ އެފަދަ ވަޒީފާއަކަށް ދިޔުމަށެވެ.

"ލަދުކުޑަ އަންހެނެއް...." އަނާ ރުޅިއައީ އަލީސާ ރާހިލްއާއިއެކު ފޮޓޯ ނަގާފައި ހުރީމަ ކަމެއް ނޫނީ ކައިލަންގެ އަންހެނުންނަށްވީތީކަމެއްވެސް އަނާއަކަށް ނޭގުނެވެ. ކައިލަންގެ އަންހެނުންގެ ގޮތުގައި ހުރެގެން ރާހިލްއާއި ހިތާވާކަށް ލަދެއްނުގަނެއެވެ. އޮފީހުގައި ލޯބީގެ ގުޅުން ހިންގަން ފެށުމުން ނޫނީ އެހެން މީހުންގެ ސަމާލުކަމަށް އެކަމެއް ނާންނާނެއެވެ. މިފަދަ އަންހެނުންގެ ސަބަބުން މީހުންގެ އަނބިންނަށްވެސް ބިރަކަށްވާނެއެވެ. ރާހިލްވެސް އަލީސާއާއި ގުޅުން ބާއްވަމުން އަދި އޭނައާއި ކައިރިވާން ކެރުނުގޮތަކާއިމެދުވެސް އަނާ ހައިރާންވިއެވެ. ރާހިލް ފެނުނުއިރަކުން މޫނުގައި އެތިފަހަރެއް ޖަހާނީއެވެ. ނަމަވެސް ރާހިލްގެ ކުރިމަތީގައި ދުވަހަކުވެސް އެފަދަ ހިތްވަރެއް ދައްކާލަން ކެރޭނެހެއްޔެވެ؟ އަދި އެރޭ ކުރެވުނު ކަންތަކަށްފަހު ރާހިލް ފެނުމުން ފިނިވާނެކަން ޔަގީނެވެ.އަނާ ވަގުތުން އެ ފޮޓޯތައް ޕްރިންޓްކޮށްފައި އަލީސާގެ މޫނުގައި މާކަރަކުން ކުރަހާލައިފިއެވެ.

އަނާ ވަގުތީގޮތުން ނަމަވެސް ރާޔާގެ މަތިން ހަނދާނައްތާލާ ހުރިހާ އިހުސާސްތަކެއްގެ މަައްޗަށް ރުޅިވެރިކަން ކުރި ހޯދައިފިއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔައިރު މޫނަށްވަނީ ރަތްކުލަ އަރާފައެވެ. ރާހިލްއާއި ދޭތެރޭގައި ހިތުގައި އުފެދިފައިވާ ލޯތްބާއިއެކު ރުޅިވެރިކަން އޭނަގެ ހިތުގައި ވަކިހިއްޕާލިއެވެ.

"ކީކޭހިތަށް އަރައިގެންތަ އެގޮތަށް އޭނަ ކިސްކުރީ، އެގޮތަށް އަތްލީ، އޭޒް އިފް ހީ އޯންސް މީ، ނުދެނެހުރިކަމަށް ހަދާލާފައި އެފަހުން ނުފެނި އުޅޭއިރު އަހަންނަށް ހާޓްވާނެވަރެއް ނޭގޭތަ؟ އެއީ އެއްވެސް މާނައެއްހުރެގެން ކުރިކަމެއްނޫންކަން މިއެނގުނީ މިހާރު، އަހަރެން ޔޫޒްކުރަން ރާހިލް އުޅެނީ، ކިހާ ގޯސްވީމަ ރާހިލް އެހެން ކަންތައް ކުރާނީ، އަދި ބުނެފިއެއްނު ސޮރީއޭ ކުށްވެރިއަކީ އުއްބައްތިއޭ، އަނދިރިކަމޭ، ކުރަންވެގެން ކުރިކަމެއް ނޫނޭ، މިސްޓޭކް، މިސްޓޭކް، ހޫން، އެގޮތަށް އެބުނާ ޕީއޭއާއެކު މިސްޓޭކް ހަދަން ހަތަރުދަމު ކުރިމަތީގައި ބައިންދައިގެން އިންނަނީ، އެހެންވެ އެގޮތަށް އަތުގައި ހިފަހައްޓާލައިގެން އިނދެ ފްލާޓްކުރަނީ، ހުރިހާ އަންހެންކުދިންނާއިއެކުވެސް ރާހިލް އުޅެނީ އެހެންކަން ނޭގޭ، ހެވޭ އެންމެނާއިއެކު އުޅުނަސް ބަޓް ވައި މީ، އަހަންނަކީ އެެހެން މީހުންނާއި ތަފާތު މީހެއްކަން ރާހިލްއަށް އެންމެ ރަގަޅަށް އެނގޭނީ..."އަނާ ހިތާހިތުން އެއްޗެހި ކިޔަމުންގޮސް ރާހިލް ދިން ޓެޑީވެސް ބިމަށް ހޫރާލައިފިއެވެ. ނަމަވެސް އިރުކޮޅަކުން ދެރަވެގެންގޮސް ޓެޑީ ބިންމަތިން ނަގާ ބައްދާލިގޮތަށް ލޮލުން ކަރުނަ އޮހިގަތެވެ.

"އެ މިސްޓޭކް މަތިން އަހަންނަށް ހަދާން ނައްތައި ނުލެވިގެން އުޅެނީ ކީއްވެތަ؟ އަހަންނަށް މިވަނީ ކިހިނެއްތަ؟ ހީޒް މައި ބްރަދަރ....." ރާޔާގެ ޑައިރީމަތިން ހަނދާންވެފައި އަނާ އަދިވެސް ބޮޑަށް ޓެޑީއާއި ބައްދައިިލިއެވެ. މިގޭތެރޭގައި އެންމެން މިކަހަލަ ހުއްދަނޫން ގުޅުންތަކަށް ދާން މިޖެހެނީ ކޮން ސަބަބަކާހެެދިބާވައެވެ. މިއޮތް ބޮޑު ދުނިޔެއިން އޭނަ ގަޔާވާފަަދަ ފިރިހެނުންނަށް ފެނުނު ދެމީހުންނަކީވެސް އޭނައަށް ލިބުން ޙައްގު ބައެއް ނޫނެވެ. އެކަކީ މީހެއްގެ ފިރިއެކެވެ. ދެން ހުރީ އަމިއްލަ ބޭބެގެ ގޮތުގައި މިވީހާތަަނަށް ދެކެމުން އައިސްފައިވާ ޒުވާނެކެވެ. ދެމީހުންގެ ތެރެއިން ކައިލަން ފޮނިކަމުގެ އިންތިހާއެވެ. ރާހިލްގެ ޕްރޮފެޝަނަލް އަދި ސީރިޔަސްކަމާއި އެކުގައިވެސް ގޭގަ އުޅޭލެއް މުޅިން ތަފާތެވެ. މަންމައާއި ބައްޕައާއި ސަމާސާކޮށް ގާތް ގުޅުމެއް އަބަދު ބަހައްޓައެވެ. ދުރުން އުޅެނީ ޖިޔާންއެވެ. އެގޮތަށް ވެފައި އޮތުމުން ޖިޔާންއަށްވުރެ ރާހިލްދެކެ އެދެމަފިރިންވެސް ލޯބިވާހެން ހީވެއެވެ.މިހުރިހާ ދުވަސްވާންދެން އަނާ ހުރީ އެކަމުގެ ސަބަބެއް ނޭގިފައެވެ. މިހާރު ވިސްނެއެވެ. ޖިޔާން ދުރުން އުޅުނީ އޭނައަށް ކުރެވިފައިވާ ކުށެއްގެ ބޮޑުކަމުންނެވެ.

ރާހިލް މީޓިންގެ ރިޔާސަތުގައި އިންއިރު އެންމެންގެ ލޯތައް ހުއްޓިފައިވަނީ ރާހިލްގެ މޫނަށެވެ. އޭނަ މިވީހާތަނަށް ވިޔަފާރީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭނަގެ ގާބިލުކަމާއިމެދު ޝައްކުކުރާނެ މީހަކު ނެތަސް މިފަހަރު ރާހިލް ދިން މަޝްވަރާއާއި އެންމެން ދެކޮޅުހެދިއެވެ. ކޭއެފްސީ ހުޅުވައިގެން ބުނަން ނޭގޭފަދަ ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެކަމަށް އެންމެން ލަފާދިންއިރުވެސް ރާހިލް ގޮތުގައި ހިފެހެއްޓިއެވެ. އެކަމަށް ބޮޑު ހޭދައެއްކުރަން ނިންމިއެވެ. އޭރުވެސް ލޮލަށް ފެނުނީ އަނާއެވެ. އަނާގެ އުފަލަށްޓަކައި އޭނަ މިހިރީ ހުރިހާ މުދަލެއްވެސް ޤުރުބާން ކުރަން ތައްޔާރަށެވެ.

ރާހިލްގެ ބޮޑުބޭބެ ޔަޒީދުވެސް ހުންނެވީ ރާހިލްގެ ކުރިއެރުމާއިމެދު ވަރަށް އުފާވެފައެވެ. ޓީވީއަށް ދީފައިވާ އިންޓަވިއުއެއް ބަލަން ޔަޒީދުގެ ދެމަފިރިން ތިއްބާ ރާހިލްވަނުމުން ޔަޒީދު ތެދުވަންނަވާ ރާހިލްގެ ނިތްކުރީގައި ބޮސްދިނެވެ.

"އައިމް ސޯ ޕްރައުޑް އޮފް ޔޫ މައި ސަން...." ޔަޒީދުގެ ޖުމްލައިން ރާހިލް ހިނިތުންވެލިނަމަވެސް ހިތުގައި ވަނީ އެހެން އެއްޗެކެވެ. އޭނައާއި އަނާގެ ގުޅުން އެނގިއްޖެއްޔާ ބޮޑުބޭބެ ހަމަ މިހާ އުފާވާނެހެއްޔެވެ؟

މެންދުރު ކާން އެންމެން ތިބިއިރު ރާހިލް ސިއްރުން އަނާގެ މޫނަށް ބަލައިލިއެވެ. އަނާ އިސްޖަހައިގެން އިންގޮތުން ހީވަނީ ކަމަކާއި މާބޮޑަށް ހިތްހަމަނުޖެހި ދެރަވެފައި އިންހެންނެވެ. އަނާ އެފިކުރުކުރަނީ ކޮންކަމަކާހެއްޔެވެ؟ އެރޭގެ ހާދިސާއަށްފަހު އަނާ އޭނައާއި ދޭތެރޭގައި ވިސްނަނީ ކޮންގޮތަކަށް ހެއްޔެވެ؟ އަނާ އޭނައާއި ރުހޭކަމުގައި އެރޭ ހީކުރެވުނުނަމަވެސް އެފަހުން އުޅެނީ އޭނައަށް ފިލައިގެން ކަހަލަގޮތަކަށެވެ. ޚުދު އޭނައަށްވެސް މިހުރެވެނީ ކުރިމަތިލާން އުދަގޫވެފައެވެ. އަނާއާއި އޭނަގެ ލޯބީގެ ގުޅުމަކަށް ވެދާނެގޮތަކާއިމެދު ވިސްނަމުންގޮސް އޭނަގެ ސިކުނޑި ފަޅައިގެންދާވަރުވެއެވެ.

އަނާ ރަގަޅަށް ނުކާކަން ރާހިލް ފާހަގަކުރިއެވެ. ނޫޑުލްސް ފަށްތައް އުލަށް އޮޅާލައިގެން އިނދެ އެތިކޮޅެއް އަނގަޔަށް ލާފައި އަނެއްކާ ބަލަނީ ތަށްޓަށެވެ. އަމިއްލަ ޚިޔާލަކަށްގެއްލި ހުސްވެފައެވެ.

އަނާ ކައިގެން އަވަހަށް އެތަނުން ދާން ހިނގައިގަތްއިރުވެސް ރާހިލްއާއި ދިމާލަށް ބަލައިނުލައެވެ. ރާހިލްގެ ހިތަށް އުދަގޫވެ ކެތްނުކުރެވޭވަރު ވުމުން އެންމެފަހުން އޭނައަށްވެސް ރަގަޅަށް ކެވުނުކަމަކަށް ނުވިއެވެ. ގިނަވަގުތު މަންމަމެންނާއި ވާހަކަދެއްކުމުގައި ހޭދަކުރިއިރު ކާކަށް ޝައުގެއްނެތެވެ. އެންމެފަހުން އުލާއި ސަމުސާ ތަށިތެރޭގައި ބާއްވާފައި އޭނަ ތެދުވެގެން ދާން ހިނގައިގަތެވެ. ދެޚިޔާލެއްގައި ހުރެ އޭނަގޮސް އަނާގެ ކޮޓަރީގެ ދޮރުގައި ދެތިންފަހަރު ޓަކިދިނުމުންވެސް ޚަބަރެއްނުވުމުން ދޮރު ހުޅުވައިލިއެވެ. އަނާ ފެންނާކަށް ނެތެވެ.

"އަނާ....." ރާހިލް އަނާއަށް ގޮވައިލިއެވެ.

"ކީއްކުރަނީތަ އެނީ...." ރާހިލް ބެލްކަނީގެ ބިއްލޫރި ދޮރުފަތް ކަހާލިއިރު އަނާ އިނީ އެތާހުރި ގޮނޑިއެއްގައި އިށީދެލައިގެންނެވެ. ދެލޮލުގައި ކަރުނަހުރިތަން ފެނުމުން ރާހިލް ކުޑަކަކޫ މައްޗަށް ތިރިވިގޮތަށް އަނާގެ ފައިގާ ހިފެހެއްޓިއެވެ.

"އެނީ ކީއްވެ ރޮނީ؟ އަހަރެން ބުނީމެއްނު ތިގޮތަށް ހިތާމަ ނުކުރާށޭ..." ރާހިލްގެ އެ އަމަލުން އަނާ އިނީ ވިސްނަންވީ ގޮތެއް ނޭގިފައެވެ. އަނާ ނޯޓްފޮތްނެގިއެވެ. ރާހިލް އޭނަ ދެރަކޮށް ރޮއްވާލިގޮތަށް ރާހިލް ދެރަކޮށްލަންވެސް އަނާ ނިންމިއެވެ. ނޭގެއެވެ. ރާހިލް ފަހަރެއްގައި ހިތަށް އެއްޗެއް ނާރާނެއެވެ. ނަމަވެސް ފަށްފަށުން ރާހިލް ބުނެފައިވަނީ ކައިލަންއާއި ދުރުވުމަށެވެ. ގުޅުމެއް ނުބޭއްވުމަށެވެ.

"ކައިލަންއާއި މެރީކުރަން ބޭނުމީ....." އަނާ ނޯޓްފޮތުގައި ލިޔެފައި ރާހިލްއަށް ދައްކައިލިއިރު އަތް ގަނޑުފެންކޮޅަކަށްވެއްޖެއެވެ.

"ވަޓް..އަނާ މޮޔަވީތަ؟ އެނޫން މީހެއް ނުފެނުނީތަ؟ " ރާހިލްއަށް ހީވީ މީހަކު ހިތުގައި ގޮށްމުށްކަވާފައި ޖެހިހެންނެވެ. އަނާގެ ފަޔަށް ބާރުކޮށްލެވުނީ އަމިއްލަ އިޚުތިޔާރަކާއި ލައިގެނެއް ނޫނެވެ. އަނާގެ އަތަށް ތަދުވެގެން ލޮލުން ފެންއަންނަގޮތްވިއިރުވެސް އޭނަ އިނީ ކެތްކޮށްލައިގެންނެވެ. އަތް ދަމައިގަންނަން އުޅެފައިވެސް ކާމިޔާބެއްނުުވީއެވެ.

"ކައިލަން ހާ ރަަގަޅު މީހެއް ދެން ނުފެންނާނެ...." އަނާ ލިޔުނެވެ.

"އެނީ، އައިމް ސޮރީ، އަހަރެން މިގޮތަށް ރުޅިއައުމުގެ އެއްވެސް ހައްގެއް އޮތީއެއްވެސް ނޫން، އެކަމަކު ނޭގޭ ކީއްވެކަމެއް އަހަންނަަށް އުދަގޫވާންވީ، އިޓްސް ޔޯރ ލައިފްދޯ، އެނީ ލޯބިވާނެ މީހަކު އެނގޭނީ އަހަންނަކަށް ނޫން، އެކަން ގަބޫލުނުކުރެވުމަކީ އަހަރެންގެ ކުށް....."ރާހިލް ކޮޅަށް ތެދުވެ މީހާ ހަމަޔަކަށް އެޅެން މަސައްކަތްކުރިއެވެ. އަނާ ކައިލަންގެ ވާހަކަ އެގޮތަށް ދައްކާތީ ހިތަށް ކުރާ އަސަރުގެ ސަބަބުން ހީވަނީ ހިތް ކުދިކުދިވެގެން ފައިބާހެންނެވެ. މޭގައި ރިއްސާގޮތްވެފައި މޭގައި ފިރުމާލެވުނެވެ.

"އޭނަގެ ވައިފްދެކެ ވަރަށް ފޫހިވޭ...." އަނާ ބޮޑުއަކުރުން ލިޔުނެވެ. ރާހިލް ރެއިލިންއަށް ލެނގިލައިގެން ހުރެ އަނާގެ މޫނަށް އެތޫނު ނަޒަރު ހުއްޓާލި ވަގުތު ދެމީހުންނަށް ބަލަން ތިބެވުނީއެވެ. ފުން ހިމޭންކަމުގެ ތެރެއިން އިވުނީ އެކަނި ދެހިތުގެ ތެޅުމުގެ އަޑެވެ. އަނާ ރަކިވެގެންގޮސް ތުންފަތުގައި ދަތްއަޅައިލިއިރު މޫނަށް ވެރިވެފައިވަނީ ނިކަން ރީތި ރަތްކުލައެކެވެ. ހީވީ މަޑުމަޑުން ބްލަޝް ހާކާލިހެންނެވެ. އެރީތި އެސްފިޔަތައް ތިރިކޮށްލާފައި އަނާ އަވަހަށް ތެދުވެގެން ދާން ހިނގައިގަތުމުން ރާހިލް ފަހަތުންގޮސް ކުއްލިއަކަށް އަނާގެ އަތުގައި ހިފާލާފައި އޭނައާއި ދިމާލަށް އަނބުރުވާލައިފިއެވެ. ދެން ރާހިލް ކޮށްލިކަމަކުން އަނާއަށް ޝޮކެއްލިބުނެވެ. އެރޭ ކުށެއްކުރެވުމަށްފަހު މިފަހަރުވެސް ހަމަ އެކުށް ތަކުރާރުވީ އޮޅިގެންހެއްޔެވެ؟ ނޫނީ ގަސްތުގައި ޖެއްސުމަކަށް ކޮށްލިކަމެއްހެއްޔެވެ؟ އަނާއަށް އޮޅުނެވެ. އެރޭގޮތަށް ރާހިލް ބޭނުންކަމެއްކޮށްލާން ދޫކޮށްލެވެން އުޅުނެވެ. ނަމަވެސް ރާހިލް ކުރީފަހަރު ހެދިގޮތަށް އޭނަ ދުރުކޮށްލާނެކަން އެގޭތީއާއި އަލީސާއާއިއެކުވެސް މިހެން އުޅޭނެ ހަނދާންވުމާއިއެކު މޭގައި އަތްއަޅާފައި ދުރަށް ކޮށްޕާލައިފިއެވެ.

ރާހިލްވެސް އިތުރަށް މަޑުކުރަން ނޫޅެ އެތަނުން ނުކުމެގެން ދިޔުމުން އަނާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.

ހަވީރު އާދައިގެމަތިން ކައިލަން "ރަތްފިޔަ"އަށް އައެވެ. ދެމީހުން ޕިއާނޯ ރޫމްގައި ތިބިއިރު އަނާ ދޭތެރެއަކުން ޓިޝޫއަކުން ކަރުނަތައް ފޮހެލައެވެ. އަހާއަހާ ވީގޮތެއް ބުނާކަށް އަނާ ނޫޅުނެވެ.

"އަނާ ކިޔާދިނީމަ އަހަންނަށް ހެލްޕްވެވޭނީ، ޓްރަސްޓް މީ އަނާ، އަހަރެމެން ދައްކާ އެއްވެސް ވާހަކައެއް އެހެން މީހަކަށް ނީވޭނެ، އަހަންނަށް އިތުބާރުކޮށްފައި ކިޔާދީ...." ކައިލަން އޯގާތެރިކަމާއިއެކު ވާހަކަދައްކަން ފެށުމުން އަނާއަށް އިތުރަށް ކެތެއްނުވިއެވެ. ކައިލަންއަކީ އޭނަގެ ޑޮކްޓަރެވެ. ޑޮކްޓަރާއި ހިއްސާކޮށްގެން ނޫނީ ދެން ހިތަކަށް ލުޔެއް ނުލިބޭނެއެވެ. އެތައް ހިތާމަތަކާއި ގުޅިގެން އޭނަގެ ދިރިއުޅުން ބޮއްސުންލައިގެން ދަނީއެވެ. ރާޔާއާއިމެދު ވިސްނޭވަރަށް ރާހިލްވެސް އުދަގޫކުރަނީއެވެ. ނަމަވެސް މަރުވިޔަސް އޭނަގެ ހިތް ރާހިލްއަށް ލެބޭގޮތްވެއްޖެ ވާހަކަ މީހެއްގެ ކައިރީ ކިޔާކަށް ލާހިކެއްނޫނެވެ. އަނާ ނޯޓްފޮތުގައި ލިޔަންފެށިއެވެ.

"ރޭގަނޑު ނިދާއިރަށް ހޭލެވެނީ، ފެންނަނީ ރާޔާ ލެޔާއި ތަތްތެޅިފައިވާތަން، ރާޔާ މަރުވީ އަހަރެންގެ ކުރިމަތީގައި، އެހެންވެ ފްލޭޝްބެލް ފެންނަނީ، އަބަދުހެން ރާޔާގެ މަރު ސިފަވަނީ، ނައިޓްމެއަރސްތައްވެސް ރިޕީޓްކޮށް ފެނޭ، އެހެންވެ އަބަދު ފިކުރުކުރަންޖެހެނީ، ދެރަވަނީ، ބިރުގަންނަނީ، ހާސްވަނީ، ގިނަރޭރޭ ނުނިދޭ، އެވާހަކަ ދައްކަން އުދަގޫވޭ ބަޓް ހިތަށް އަރަނީ ޝެއަރނުކޮށް ހުންނަންވެއްޖެއްޔާ މޮޔަވެދާނެއޭ، ރާޔާ އަމިއްލައަށް މަރުވީ...." އަނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އެޖުމްލަތައް ފަވައިލިއެވެ. އެމަަންޒަރު ފެނިފައި ކައިލަންގެ ހިތަށް އަސަރުކުރިއެވެ. އަނާ އަކީ ތަފާތު ކޭސްއަކަށް ވުމުން ފުރަތަމަ ދުވަހުން ފެށިގެން އަނާއަށްޓަކައި ޚާއްސަގޮތެއް ބެހެއްޓުނެވެ. އެކޭސްއާއިމެދު ވިސްނާލަން ހިތަށް މަޖުބޫރުވިއެވެ. ރާޔާގެ މަރުގެ ފަހަތުގައި ސިއްރުތަކެއްވާކަމަށް ހިތް ބުނާތީއެވެ. އަނާ މިހުރިހާ ދުވަހު މިވަރަށްވެސް ރާޔާގެ ވާހަކަ ދައްކާފައެއްނުވެއެވެ.

"އަނާ، އައިމް ސޮރީ، އައިމް ސޯ ސޮރީ ރާޔާ އެކަހަލަ ޑިސިޝަނެއްނެގީމަ، އެކަމަކު އިޓްސް ނޮޓް ޔޯރ ފޯލްޓް އަނާ، އަނާ އަމިއްލަ ނަފުސަށް ބްލޭމްކުރުން ހުއްޓާލާ، އަހަންނަށް އެނގޭ ސިސްއެއް އެގޮތަށް ވަކިވެގެން ދިޔައިމަ ދެރަވާނެކަން، ހިތާމަކުރާނެކަން، އެކަމަކު ރާޔާ ބޭނުންވާނެތަ އަނާ ތިގޮތަށް ކަރުނަ އޮއްސަން، އެހިތާމައިގާ ހަލާކުވާން ރާޔާ އެދޭނެތަ؟ އަނާގެ ދިރިއުޅުން ބަރުބާދުވެގެންދާތަން ދެކެން ރާޔާ ބޭނުމެއްނުވާނެ، ކީއްވެ އަނާ ގިލްޓީވަނީ....." ކައިލަން ގޮނޑީގައި ހަމަޖެހިލިއިރު އެރީތި ދެލޯވަނީ އަނާގެ މޫނަށް ހުއްޓާލެވިފައެވެ. އަނާ ނޯޓްފޮތުގައި އެންމެ ފަހު ޖުމްލައަކަށް ލިޔެލީ "ނޮޓް އޮންލީ މައި ސިސް، ބަޓް މައި ބެސްޓްފްރެންޑް" އެއަށްފަހު އިތުރަށް އެއްވެސް ސުވާލަކަށް ޖަވާބުދޭން ބޭނުންނުވާ ކަހަލަ ގޮތަކަށް ކުރަހާލަ ކުރަހާލާ އިނީއެވެ. އިތުރު ޖަވާބެއް ނުލިބޭނެކަން އެނގުމުން ކައިލަން އެހެނިހެން ސުވާލުތައް ކުރިއެވެ. އަނާ ވިސްނާގޮތާއި އަނާއަށް ފެންނަ ހުވަފެންތަކާއިބެހޭގޮތުންވެސް ކައިލަން ސުވާލުުކުރިއެވެ. އެންމެފަހުން މިއަދު ކައިލަންއަށް އަނާގެ ބަލި ދެނެގަނެވިއްޖެއެވެ. އަނާއަށް ރާޔާ އަމިއްލައަށް މަރުވިތަން ފެނުމުން ސިކުނޑިއަށް އަސަރުކުރީއެވެ. ލޯބިވާ މީހަކު ކުއްލިއަކަށް މަރުވުމުންވެސް މިފަދަ ނަފްސާނީ މައްސަލައެއް ކުރިމަތިވެދާނެއެވެ. ޕީޓީއެސްޑީގެ ސަބަބުން އަނާ ވާހަކަވެސް ނުދެއްކީއެވެ. ފުރަތަމަ ސައިކޯތެރަޕީ ދީފައި އެގޮތުން ކުރިއެރުމެއް ނުލިބިއްޖެއްޔާ ފްލޮކްސިޓިން ފަދަ ސެރޮޓޯނިން އިތުުރުކުރާ ބޭހެއްދޭން ކައިލަން އެވަގުތު ނިންމިއެވެ.

އެދުވަހު ކައިލަން ފަލަކްނާޒާއި ބައްދަލުކޮށް އަނާ ތަންކޮޅެއްގިނައިން މޫދަށް ދިޔުންފަދަ ޕްރޮގްރާމް ބާއްވަންއެދުނެވެ. ޖިމަށް ގަވާއިދުން ގެންދާން ބާރުއެޅިއެވެ. ފަލަކްނާޒް އާދައިގެމަަތިން ރިޕޯޓްދިނީ ރާހިލްއަށެވެ. ފަލަކްނާޒްގެ މަސައްކަތްހުންނަގޮތުން ދަރިފުޅަށް އެކަށީގެންވާ ވަގުތު ނުދެވޭތީ އަބަދުވެސް ހަވާލުކޮށްލަނީ ރާހިލްއާއެވެ. ރާހިލްކިތަންމެ އަވަދިނެތި އުޅެމުންވެސް ލިބޭ ހުސްވަގުތުތައް އަނާއަށް ހުސްކޮށްލަން ހުންނަނީ ތައްޔާރަށެވެ. ނަމަވެސް މިފަހަރު މަންމަ އެވާހަކަތައް ދެއްކުމުން ރާހިލް ފިކުރުބޮޑުވިއެވެ. އަނާ ކައިލަންގެ ވާހަކަދެއްކުމުން ހިތަށް ލިބުނު ދަތިކަމުގެ ސަބަބުން އޭނަ ހުންނަނީ އަނާއަށް ނުފެންނަ ހިސާބުގައެވެ. ގާތުގައި އުޅެންވެއްޖެއްޔާ ހައްތަހާ ބޮޑަށް ހިތަށް އަނިޔާވާނީއެވެ. އެވަރުން ނުފުދިގެން މަންމައާއި ބައްޕަ އެކީގައި ބާޒާރުކޮށްލުމަށްޓަކައި ޕެރިހަށް ފުރައިފިއެވެ. އޭރު ޖިޔާންވެސް ވީ އެކުވެރިންނާއިއެކު ބޭރު ގައުމެއްގައެވެ. ރާހިލް އޮފީހަށް ދިޔައީ އަނާ ކޮލެޖަށް ދިޔަކަން ޔަގީންވީމައެވެ. އަނާ ކޮލެޖުން ނިމިގެން އަންނާނެ ގަޑިއެއް އޮޅުން ފިލުވަން އޭނަ އޮފީހަށް ގޮސްފައި ގުޅިއެވެ.

ރާހިލް ގެއަށް އައިއިރ އުޑުމަތިބަނަކޮށް އޮތްނަމަވެސް ހޫނުގަދަކަމުން ފެންވަރާލައިގެން ނުކުތްގޮތަށް ބޮޑީސްޕްރޭ ޖަހައިލުމުން ފިރިހެންވަންތަ ވަހެއް މުޅިކޮޓަރި އެއްވަސްކޮށްލިއެވެ. އަންހެންކުދިންގެ ހިތްތައް ފިދާވެ މަސްތުކުރުވާފަދަ ހިތްދަމައިގަންނަ ވަހެއްއެކުލެވެއެވެ. ރާހިލް ބެލްކަނިން ބޭރަށް ނުކުމެ ބަލައިލީ ވާރޭވެހޭއަޑަށެވެ. އޭރު އަނާ ގޭ ކުރިމަތީގައި އޮތް ކުޑަ ބަގީޗާގައި ކުޑަކުއްޖަކު ފަދައިން ވާރޭގެ ތެރޭގައި ދެއަތް ނިއުޅާލައިގެން ހުރެ ހިނިތުންވަމުން އެނބުރެމުން ދެއެވެ. އަދި މުޅިކުއްޖާ ތެމިފޯވެެފާ ހުރިއިރު ހީކަރުވައިގެން ރޫރޫއަޅާތަން ފެނުނެވެ. ރާހިލް އަވަހަށް ތުވާއްޔެއް ހިފައިގެން ފެންޑާއަށް ނުކުމެ ހިނދުކޮޅަކަށް ނަމަވެސް ދުނިޔޭގެ ހުރިހާކަމެއްމަތިން ހަނދާންނެތި އެމައުސޫމް ޖާދޫއެއްފަދަ ރީތި އަންހެންކުއްޖާއާ ނަޒަރު ވަކިނުކޮށް އާޝޯޚުވެފާ ބަލަން ހުރެވުނެވެ. އަދި ދަގައްފާނީ ބާރެއްފަދައިން ވާރޭގެ ތެރެޔަށް އަނާއާއި ކައިރިޔަށް އިޚުތިޔާރަކާއި ނުލައި ދެވުނެވެ. މީހަކު ކައިރިޔަށް ހުއްޓުމުން ލިބުނު ސިހުމުގައި އަނާއަށް ހުއްޓުން އެރިއެވެ. ރާހިލް ތުވާލި ގައިގާ އޮޅާލަމުން ގެނެސް މޭގައި ޖައްސާލީ އަނާގެ ހީފިލުވާދިނުމަށެވެ.

"އެނީ، ވާރޭވެހޭއިރު ބޭރަށް ނުކުތީމަ މި ނާޒުކް ކުއްޖާ ބަލިވެދާނެއްނު، ހިނގާ އެތެރެޔަށް......" ރާހިލްގެ އަޑު ވާރެޔާ އެކުވިއެވެ.އަނާ ދެލޯމަރާލައިގެން ހުރިއިރު ހިތް ތެޅޭލެއް ބާރުކަމުން ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނުކުމެދާނެހެންނެވެ. ރާހިލް ކައިރިވުމުން އެހަށިގަނޑުގެ ހޫނުން ހީފިލުމުގެ އިތުރުން ވީގޮތްތައް ބުނެދޭކަށްވެސް ނެގެއެވެ. ރާހިލްހުރީ އަނާ ގަޔާ ދުރުކޮށްލާ ހިތަކުންނޫނެވެ. ނަމަވެސް އަނާ މާފިނިވެދާނެތީ އެދުނީ ކޮޓަރިއަށްގޮސް ހިކިގެން އޭނައާއިއެކު ކޮފީއަކަށް ދާން އައުމަށެވެ. ރާހިލް ކާކޮޓަރިއަށްގޮސް ދެތަށި ކޮފީ ހަދައިލިތަނާ އަނާ ރީދޫކުލައިގެ ސްވެޓަރަކާއި ނޫ ޖިންސެއްލައިގެން އަންނަތަން ފެނުމުން ބަލަން ހުރެވުނެވެ. ހާދަ ނަލައެވެ. ރާހިލް އަނާއަތަށް ކޮފީތަށި ދިއްކޮށްލާފައި ވާރޭވެހޭ މަންޒަރުބަލަން އަންނަން އެދުނެވެ. އަނާ ކުޑަދޮރު ކައިރީގައި ހުއްޓުމުން ރާހިލް ފަހަތުން އައިސްހުއްޓުނެވެ.

"އެނީއާއިއެކު ވާރޭވެހޭ މަންޒަރު ބަލައިލީމަ ހިތަށް މިލިބޭ ހަމަޖެހުން ބުނެދޭކަށް ނޭގޭ، އެނީއާއިއެކު މިފަދަ ކޮންމެކަމެއް ޝެއަރކުރަން ބޭނުމީ، އެކަަމަކު އެނީ ބޭނުމެއް ނުވޭދޯ، އަހަންނާއިއެކު އުޅޭކަށް ބޭނުމެއް ނުވޭތަ؟ ދެމީހުން އެކަނި މިއޮތް ބޮޑުގޭގައި އުޅެނިކޮށް އިރުއޮއްސުނީ، އަހަރެން ބޭނުމީ ހަތަރުދަން އެނީގާތު ހޭދަކުރަން، ހެވޭ އެކަނި ބަލާލަން ދިނަސް، އެނީއަށް ބަލަން މުޅި އުމުރަށް ހުރެދާނަން، އެހާވެސް އަހަރެންގެ އެނީ ރީތި......" ރާހިލް ފަހަތުން އައިސް ބައްދާލުމުން އެއަތުގެ ބާރު އިހުސާސްކުރެވި އަތުގެ ތެރެއަށް ވިރިގެންދާން ބޭނުންވިއެވެ. ކޮންފަދަ މީރުވަހެއްހެއްޔެވެ؟ ކުޑަކޮށް ތުނބުޅި ފަޅާފައިވާތީ އެމޫނު އަނާގެ މޫނުގައި ޖައްސާ ބާރުކޮށްލުމުން ހީލިކަރުވާގޮތްވެ ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. ރާހިލް ހައްތަހާ އަތުގެ ދާއިރާ ހަނިކުރިއެވެ. ރާހިލް މިހާ ކައިރިވަނީ ކީއްވެހެއްޔެވެ؟ ބޭނުމަކީ ކޮބާހެއްޔެވެ؟ ރާހިލްގެ އަތުތެރޭގައި އެފިނިފިނިރޭ އަނާގެ އަމިއްލަ ނަފުސަށް ބާރުފޯރުވަމުން ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރަމުން އޮޅުން ބޮޅުންވެފައިވާ ހިތަކާއިއެކު ނޯޓްފޮތް ނަގާފަ ލިޔުނު ޖުމްލައަކުން ރާހިލްގެ މޫނަށް ވެރިވި ކުލަތައް ކިތަންމެ ރީއްޗަށްވެސް އަނާއަށް ފެނުނެވެ. ތައްޔާރުނުވެ ހުއްޓާ އެކުރިމަތިލަން ޖެހުނީ ކޮންފަދަ ސުވާލަކާހެއްޔެވެ؟

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު