ރާހިލްއަށް އެއީ ކާކުކަން އެނގުނެވެ. އަލީސާނޫން މީހަކަށް އޭނައާއި އެހާ ގާތްވާކަށް ނުކެރޭނެއެވެ. ރާހިލް ކަންތައްބޮޑުވެ ތެދުވާންޖެހުނީ އަލީސާ ރޮނީކަން އެނގިފައެވެ. ރާހިލް އަބަދުވެސް އެހެން މީހުންގެ އުފާތަކަށް އިސްކަންދެއެވެ. އަމިއްލަ ހާލު ހަނދާން ނައްތާލާފައި އަވަހަށް ތެދުވެފައި އަލީސާ ގޮނޑީގައި ބޭންދިއެވެ.

"އިޓްސް ކައިލަން ރައިޓް؟ "ރާހިލް އެހެން ބުނުމާއިއެކު އަލީސާ ނޫނެކޭ ބުނުމުގެ ގޮތުން ގަދަޔަށް ބޯ ހޫރާލިއެވެ. ރާހިލް އެތައް ވަރަކަށް ސުވާލުކޮށްގެން އެނގުނީ އަލީސާގެ ކޮއްކޮއަކަށް ކެންސަރުޖެހުނީ ކަމެވެ. ފައިސާ ހޯދާނެ ގޮތެއް ނޭގިގެން ދައްތަ މީހުން ގާތުން ސަލާމް ޖަހަން ޖެހުނީއެވެ.

"ފުރަތަމަވެސް އަހަރެން ގާތު ބުނިނަމަ، އިތުރު މީހެއްގެ ކައިރިއަަށް ދާނެކަމެއްނެތޭ ދައްތަކައިރީ ބުނޭ....." ރާހިލް އަލީސާގެ ލޮލުން ކަރުނަ ފޮހެލަދިނެވެ.

"އައި ޕްރޮމިސް އަހަރެން އެ ފައިސާ އަނބުރާ ދައްކާނަން، ތީ ހަމަ އެންޖެލްއެއްފަދަމީހެއް، އަބަދު ދުޢާކުރާނަން...." އަލީސާ ރާހިލްގެ ގައިގާ ބައްދައިލިއިރު އެދެލޮލުގައި ކަރުނަވިދައެެވެ. ރާހިލްގެ ރަގަޅުކަން ފެނިފައި ހިތަށް އަސަރުކުރިއެވެ. އެންމެންވެސް ރާހިލްފަދަ މީހުންނަށް ވާނެނަމައެވެ. ރީތިވެފަައި މުއްސަދިވެއްޖެއްޔާ ގިނަމީހުން ކިބުރުވެރިވާނެއެވެ. ރާހިލް މުޅިން ތަފާތެވެ.ކޮންފަރެންސް ރޫމަށް ވަދެގެން އައި މީހަކަށް އެ މަންޒަރު ފެނިފައި އަވަހަށް ފަހަތަށް ޖެހިލިތަން ރާހިލްއަށް ފެނުނެވެ. ރާހިލް އެކަމާއި ފަރުވާލެއްނެތެވެ. މީހުންގެ ދުލަކު ނުހިފެހެއްޓޭނެއެވެ. ބޭނުންގޮތަކަށް ވިސްނިޔަސް ވާހަކަދެއްކިޔަސް އޭނަގެ ފަރުވާލެއް ނެތެވެ. ރާހިލްއާއި އަލީސާގެ އޮތް ގުޅުމަކުން އެހެން މީހަކަށް އުދަގޫވާކަށް ނުވެސް ޖެހޭނެއެވެ. އެގުޅުން ކަނޑުވާލެވޭނެ މީހެއްވެސް ނެތެވެ. ކުރިމައްޗަށް އަރާފަ އޭނައާއި ދިމާލަށް އެއްޗެއް ބުނަން ކެރޭނެ މީހެއް ނެތެވެ. އެންމެންނަކީ އޭނަގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނެވެ. އެމީހުންނަށް އޭނަގެ ފަރާތުން ލިބެންޖެހޭ އެއްވެސް ހައްގަކަށް އުނިކަމެއް އަންނާނީއެއް ނޫނެވެ. މިއީ އޭނަގެ ޒާތީ ދިރިއުޅުމެވެ.

ދުވަހަކަށްވުރެ ދުވަހެއް ރާހިލް އަތްމަތި ތަނަވަސްވެ ނުފޫޒުގަދަވަމުންދާތީ އޭނައާއިބެހޭގޮތުން ދެކެވޭ ވާހަކަތައް މަދެއްނޫނެވެ. މާފިޔާއާއި ގުޅުން އޮންނަކަމުގެ ވާހަކަވެސް ދެކެވެއެވެ.

އަލީސާ އިނގިރޭސި ލަވައެއް ޖަހާލައިގެން ހުރެ ކޮޓަރި ސާފުކުރަމުން ދިޔައިރު ރާގާއި އެއްވަރަކަށް ނަށާލައެވެ. ކައިލަން އެނދުގައި ފޮތެއް ކިޔާލަން އޮވެފައި ދޭތެރެއަކުން ފޮތް ދުރުކޮށްލާފައި ސިއްރުން އަލީސާ އުޅޭގޮތް ބަލައިލައެވެ. އަލީސާއަކަށް އެކަމެއްނޭގެއެވެ. ކުރު ސޯޓްކޮޅަކާއި ބާރު ޓޮޕެއްގައި ހުރިއިރު ހަށިގަނޑުގެ ބޮޑުބައިވަނީ ހާމައަށެވެ. އެންމެފަހުން މަސައްކަތް ނިންމާލާފައި މޮޕްވެސް ޖަހާ ނިމުނުއިރު އެދޮންމޫނު ދަލުން ފެންވެރިއްޖެއެވެ. ފިނިފެންމަަލެއްގެ ފިޔައަކަށް ޝަބްނަމް ފައިބާފައިވާފަދައިން މިސާލުޖެހޭވަރުވެއެވެ.

"ކައި، އެނގޭތަ ކޮއްކޮއަށް ކެންސަރުޖެހުނުކަން...... "އަލީސާ ކުއްލިއަކަށް ފޮތް ޖަހައިގަތުމުން ކައިލަން ހައިރާންވިއެވެ. އޭނަ އެހާ ދުރުން އުޅޭއިރުވެސް އަލީސާ އެކުރާ ހިތްވަރާއިމެދު ހައިރާންވާން ޖެހެއެވެ. ކައިލަން އަކަށް އެހާ ބޮޑަށް އަލީސާ ދެރަކޮށްލާކަށް ނުކެރުނެވެ. އަންހެނުންގެ މަގާމުގައި ހުރިއިރު ވާހަކަދައްކާލުމަކުން ގެއްލުމެއްނުވާނެއެވެ.

"ބުނީމަ ދޯ އެނގޭނީ، ލީސްގެ ފެމިލީއެއް އޮވޭތަ؟ "ކައިލަން މޯޅިއަކަށް ދެމިލިއެވެ.

"ކައި އެނގެން ބޭނުމެއްނުވޭ..." އަލީސާ ކައިލަންގެ ރީތި އިސްތަށިގަނޑާއި ކުޅެލިއެވެ. ކައިލަން މިފަހަރު އަތް ދުރުކޮށްލާކަށް ނޫޅެ އޭނައަށް ފުރުސަތުދީގެން އޮތެވެ.

"އެމީހުން ދެން ރާއްޖެއިން ބޭރަށް ދިޔައީތަ؟ ކެންސަރަށް ރާއްޖެއިން ފަރުވާނުކުރެވޭނެތީ މިހެން މިބުނީ، އައި ކެން ހެލްޕް އެކަމަކު ފުދޭވަރެއްގެ ބޮޑު ޚަރަދެއް ދާނެ، ލީސް ދާކަށް ބޭނުމެއްނުވޭތަ؟ "ކައިލަން ކުރީ އެހެން ސުވާލެކެވެ.

"ކޮންމެވެސް ދީލަތި ފަރާތަކުން ފަންޑްކޮށްގެން ބެންކޮކަށް ފުރަންއުޅެނީ، ނޫން އަހަންނަކަށް ނުދެވޭނެ ޖޮބް ދޫކޮށްލާފަ، އިހަށް ދުވަހު ޖޮބަށް ވަނީ....." އަލީސާގެ ސުވާލުން ކައިލަން އަށް ޝައްކެއްވިއެވެ. އަލީސާ އާ ވަޒީފާއަށްދާންފެށި ފަހުން ކޮޓަރީގައި ކުއްލިއަކަށް އަގުބޮޑު އެއްޗެހި ގިނަވާންފެށިއެވެ. އަތުކުރީގައި އަޅައިގެން ހުންނަ ކެވެލިކޮޅުގައިވަނީ އަސްލު ޔާގޫތެއްބާވައޭވެސް ކައިލަންގެ ހިތަށް އަރައެވެ. ނަމަވެސް އޭނަ ހުންނަނީ ސުވާލުނުކުރާށެވެ. އަލީސާއަށް ނޭގުނަސް މިއަދު އެހައްގެއް އޭނައަކަށް ނެތެވެ. އަލީސާ ބޭނުން ފަރާތަކާއި ގުޅުނަސް އޭނަގެ ޝަކުވާއެއްނެތެވެ. ދޮގެއްގެ މައްޗަށް ބިނާކޮށް އާބާދުކުރެވުނު ގުޅުމެއް ނިިމިގެންދާނީ މިކަހަލަ ގޮތަކަށެވެ.

"ރަގަޅު...."ކައިލަންގެ ޖުމްލައާއިއެކު ދެލޯ މަރާލުމުން އަލީސާގެ ހިތަށް ތަދުވިއެވެ. ވާހަކަދައްކަން ބޭނުންވިޔަސް ކައިލަންގެ ކަންތައްހުންނަ ގޮތުން އެފުރުސަތެއްނުލިބެއެވެ.

ރާޔާގެ މަރަށްފަހު އަނާއަށް އައިސްފައިވާ ބަދަލުގެ ސަބަބުން އެންމެ ބޮޑު އަސަރެއްކުރީ ރާހިލްއަށެވެ. ދުވާލުދާ ހަތަރުދަމު އޭނަ އެކަމާއި ވިސްނިއެވެ. އެއުފާވެރި މަޖާކުއްޖާ ނުފެނި މާ ގިނަދުވަސްވާންފެށުމުން ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ. އަނާގެ ފޮނިފޮނި އަޑު އަހާލަން ކެތްމަދުވިއެވެ. ކޮންމެފަދަ ޤުރުބާނީއެއްވެގެން ނަމަވެސް އަނާ އެނބުރި މިވުޖޫދަށް ގެންނަން އޭނަ ބޭނުންވިއެވެ. އޭނައަށް މަންމަމެން ކައިރީގައި އަނާގެ ނަން ކިޔުން އުދަގޫވާންފެށީމަ މިހާރު އެވާހަކަ ދައްކާކަށް ނުކެރެއެވެ. ކައިލަންއަށް ނުވަންޏާ އެއަށްވުރެ މޮޅު މީހަކު ގެނެެސްގެންވެސް އަނާއަށް ފަރުވާ ހޯދަންޖެހެއެވެ.

އެންމެފަހުން ކައިލަންއަށް ގުޅައިގެން ރަތްފިޔައަށް ގެނައީ އެެދެމީހުން ގުޅިގެންވިޔަސް އަނާއަށް ޝިފާ ލިބުމަށް ރާހިލް އެދުނު ވަރުންނެވެ. އަނާ ކުރީގެ ކުއްޖާގެ ގޮތުގައި ހުންނަތަން ދެކެން އޭނަ ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެއެވެ. ކައިލަން އަންނަން ފެށުމާއިއެކު އަނާގެ މޫޑު އެނގިފެނިގެން ބަދަލުވާންފެށިއެވެ. އެމޫނުމަތި އުޖާލާވެ ހިނިތުންވެ އުޅޭތަން ފެންނަން ފެށިއެވެ. ރާހިލް ސިއްރުން އެ މަންޒަރު ބަލާފައި ހިތް ހަމަޖައްސާލައެވެ. ރާހިލް ގޭގައި އުޅެންޏާ އަނާ އުޅޭނޫޅޭގޮތް ބެލެއެވެ.

ރާހިލް ގަސްތަކުގެތެރޭގައި ބޯޅަ ހިފައިގެން ހުރެފައި ބަލައިލިއިރު ކައިލަން ސެޝަން ނިންމާލާފައި ދަމުން ބުނެލިއެއްޗަކުން އަނާ ހޭންފެށިއެވެ. ކައިލަން އޮބައިލުމާއިއެކު ރާހިލް އެއްލައިލި ބޯޅަ އަމާޒުވީ އަނާ ހުއްޓިގެން ހުރި ގަހަށެވެ. ބޯޅައިން ޖެހުމާއިއެކު އަނާ އެނބުރިލުމާއިއެކު މޫނުމަތީގައި ވާ ހިނިތުންވުން ގެއްލުނެވެ. އެކަމުން ރާހިލްގެ ހިތުގައި ވި ރިހުން އިތުރުވިއެވެ. ނަމަވެސް އޭނަ ދުވެލާފައި އައިސް އަނާއާއި އަރާހަމަވެފައި ސޮރީ އޭ ބުނެލާފައި ބޯޅަ ނަގަން ގުދުވިއެވެ. އަނާ ރާހިލްގެ މޭމަތީގައި އަތުން ޖަހާފައި ދުއްވައިގަތުމުން ރާހިލް ގަހުގައި ބޯ ޖައްސައިލިއެވެ. އޭނަ އަނާ އުފާކުރަން ކައިލަން ގެނެސްފައިވެސް މިކަހަލަ ގޯސްހަދަނީ ކީއްވެހެއްޔެވެ؟ އަނާއަށްޓަކައި ހުރިހާ އިހުސާސްތައް ފޮރުވައިނުލެވެނީ ކީއްވެހެއްޔެވެ؟ އެކަމުން އަނާ ރާހިލްދެކެ ނަފްރަތުކުރުން ނޫންކަމެއް ނުވާނެއެވެ. މިހާރުވެސް އެދިޔައީ އެހާ ރުޅިއައިސްގެންނެވެ. އަދި ވާހަކަ ދެއްކޭނަމަ އޭނައާއި ދިމާލަށް ބުނެލާނެ އެއްޗެއް އެނގެނީއެއް ނޫނެވެ. ރާހިލް ގަހަށް ލެނގިލައިގެން ހުއްޓާ މިސްކު އަންނަތަން ފެނުނެވެ. މިސްކު މި ދޭތެރެއަކުން އެގެއަށް އައުން މަދުކޮށްލާފައި އަންނަން ފެށިއިރު ކުރިއަށްވުރެ ރީތިކޮށް ހެދުން އަޅައިގެން އަންނަކަން ފާހަގަކުރެވެއެވެ. މިސްކު ޖިޔާންއާއި ގުޅެން ޚިޔާލުކުރީހެއްޔެވެ؟ ރާހިލްވަނީ ޒާޔަލްގެ މައުލޫމާތު ހޯދާފައެވެ. އެހާ ރަގަޅުކުއްޖަކުގެ މަންމަ މޮޔައެކޭ ކިޔާފައި މުއްސަދި ފިރިހެންކުއްޖެއްގެ ފަހަތުން އައުން އެއީ އެންމެ ރަގަޅު ވިސްނުން ކަމަކަށް ރާހިލް ގަބޫލެއްނުކުރެއެވެ. ނަމަވެސް އިންސާނުންގެ ސިކުނޑި މަސައްކަތްކުރާގޮތް އެއީ ރާހިލްވެސް ހައިރާންކުރުވާ ކަމެކެވެ. ބައެއް މީހުން ޝައިތާނުންގެ ފެންވަރަށް ވެއްޓިގަންނައިރު އަނެއްބަޔަކު އޭގެ ދިމާ އިދިކޮޅެވެ. ހިތުގެ މައްޗަށް ބާރު ނުފޯރުވުމަކީވެސް އެކަހަަލަ ކަމެކެވެ. އޭނައަށް އަނާ ނޫން އަންހެންކުއްޖަކު ދެކެ ލޯބިވާން ހަމަ ނޭގުނީހެއްޔެވެ؟ ވަށައިގެން އަންހެންކުދިން އޭނަގެ ފައިމައްޗަށް ވެއްޓެން ތިބިއިރުވެސް އެއިން ކުއްޖަކަށް އޭނަގެ ހިތް ބޭނުމެއްނުވެއެވެ.

ރާހިލްގެ ފައި ޒަޚަމްވެގެން ހޮސްޕިޓަލަށް ދިޔައިރު ޑޮކްޓަރަކަށް ހުރީ ޒާޔަލްއެވެ. ޒާޔަލް ލައިގެން ހުރި ކޯޓުގައި ޓެގްކޮޅު އިނުމުން އެއީ ކައިލަންގެ އެކުވެރިޔާކަން ވަގުތުން ދެނެގަތެވެ. ހީކުރިވަރަށް ވުރެ އޯގާތެރިއެވެ. ރާހިލްއާއި ވާހަކަދެއްކިގޮތުން ރާހިލްގެ ހިތް އަތުލިއެވެ. ކައިލަންއެކޭ އެއްފަދައިން އޭނަގެ އެކުވެރިންގެ މިހިރީ ހިތް އަތުލާފަދަ އޯގާތެރިކަމެކެވެ. އެފަދަ ހިނިތުންވުމެކެވެ. ރާހިލް ޒާޔަލްއަށް ކޮފީއަކަށް ދައުވަތު ދިނެވެ. ދެމީހުން އެކީގައި ރެސްޓޯރެންޓަށް ގޮސްފައި ވާހަކަދައްކަން ތިބެފައި ގެއަށް އައިއިރު އަނާ ފެންޑާގައި ކެންޑީއެއް އަނގައިގާ ޖަހައިގެން ހުއްޓެވެ. އޭރު ރާހިލް ހުރީ ރަތްކުލައިގެ ޓީޝާޓަކާއި ދިގު ސޯޓެއްލައިގެންނެވެ. ފައި ބެންޑޭޖްކޮށްފައި ހުރިތަން ފެނިފައި އޭނަ ދެލޮލަށް ހަދައިލިގޮތަކުން ކަންބޮޑުވިކަން އެނގުނެވެ.

"މޫދަށް ގޮސްގެން އުޅެނިކޮށް ޝާކެއް އެޓޭކް ކުރީ..." ރާހިލް ސަމާސާއަކަށް ބުނެލުމުން އަނާ ދެ ލޯ ބޮޑުކޮށްލިތަން ފެނިފައި ހީގަންނަމުން އެއީ ސަމާސާއެއްކަމުގައި ބުނެލިއެވެ. އަނާ ބޭބެއެއްގެ ގޮތުގައި ނަމަވެސް އޭނައާއި އަޅާލާކަން އިހުސާސްކުރެވި ހިތަށް ސިއްރު އުފަލެއްލިބުނެވެ. ނަމަވެސް މިއުފާތައް ދެމިގެންދާނީ ކިތައް ސިކުންތަށް ކަމެއްވެސް ނޭގެއެވެ. އަނާ ކޮށްލާ ކުދި ހަރަކާތަކުންވެސް އޭނަގެ ހިތަށް އަނިޔާއެއް ލިބިދާނެއެވެ. ނަމަވެސް މި ލޯބި ހިތުގައި ވަންހަނާކޮށްގެން ހުންނަންވީ ހެއްޔެވެ؟ ކިހާ ދުވަހަކަށް އިންތިޒާރުކުރަން ޖެހޭނެހެއްޔެވެ؟ ރާހިލް ކެންޑީއިން އެތިކޮޅެއް ނައްޓައިގެން ކާން ފަށާފައި އަނގަޔަށް ހަދައިލިލެއް ލޯބިކަމުން އަނާއަށްވެސް ބަލަން ހުރެވުނެވެ. ހިނިތުންވެލެވުނެވެ. ރާހިލްއަބަދުހެން އެހާ ގާތުގައި އެހާ ހެޔޮކޮށް އުޅޭއިރު އަނާއަށް ނޭގިވެސް އެކަން ބަލައިގަނެވުނީއެވެ. އެންމެ ދެރަވެ މާޔޫސްވީއިރު އެންމެ ކައިރީގައި މިހިރީ ރާހިލްކަމުގައި ހިތަށް ގަބޫލުކުރެވެނީއެވެ.

ރާހިލްއާއި އަނާ ފެންޑާގެ ފަތްތަރުމަތީގައި ވަރަށް ގާތުގައި އިށީދެލައިގެން ތިބިއިރު ކޮށްލެވޭ ކުޑަ ހަރަކާތަކުންވެސް ދެކޮނޑު ޖެހިދެއެވެ. އަނާކުރިން އެކަމާއި ހާސްވެގެން އުޅުނަސް މިހާރު އެހާ ފަރުވާލެއްނެތެވެ. ރާހިލްގެ އެގާތްކަމަށް ނޭގި ހިތް ބޭނުންވާން ފެށީއެވެ. ކައިލަންގެ ޕްރޮފެޝަނަލްކަމުން އެއީ ނުވާނެކަމެއްކަމަށް ހިތުގެ އަޑިން ގަބޫލުކުރެވެންފެށީއެވެ. ބައެއްފަހަރު ވަކި ހިސާބަކުން މާޔޫސްވެ މަސައްކަތް ހުއްޓާލާފައި އެހެންކަމެއް ކުރަން ބޭނުންވާކުދިން މަދުން ނަމަވެސް އުޅެއެވެ. ރާހިލް އަނާގެ މޫނަށް ބަލައިލިގޮތަަށް ދެމީހުންނަށް ހިމޭންކަމާއިއެކުގައި ބަލަން ތިބެވުނުއިރު އަނާގެ މޫނަށް ރަތްކުލަވެރިވާންފެށިއެވެ. އަނާއަށް ރާހިލްގެ ހިތުގައިވާ އެއްޗެއް ކޮންމެވެސް ވަރަކަށް ރޭކާލާންފެށީވެސް އެވަގުތުއެވެ.އެވަގުތުކޮޅު ރާހިލްއަށް ގޯހެއް ނެހެދުނީ ހަމަކިރިޔާއެވެ. މިސްކުއަށް އެތަނަށް ނާދެވުނުނަމަ ދެން ވާނެގޮތެއް ރާހިލްއަކަށްވެސް ނޭގެއެވެ. ރާހިލް ކުޑަކޮށް ކޮރުޖަހަމުން ހިނގާފައި ދިޔައިރުވެސް މިސްކު ރާހިލް ރީތިވެގެން އެވާހަކަ ދެއްކިއެވެ. ކޮންމެގޮތަކަށް ހިނގިޔަސް ރީތި ފިރިހެނަކު ހަޑިނުވާނެޔޭ ބުނެލިއެވެ.

"އަނާ، މަންމަ ހުވާކޮށްފައި ބުނި ޒޫނީގެ ދަރިއަކާއި އިންނަން އެއްބަސްނުވާނަމޭ، އެބުނާހެން ދެން ފެމިލީއަށް ބަލަންވާނެ، އަހަންނަށް ޒޫނީ ފެނުމުން ބިރުވެސްގަތް، ޝީޒް ޓޯޓަލީ އިންސޭން، އަހަރެން ހީކުރި ހަމަ ޖަހާފާނެކަމަށް، އަހަންނަށް އެގެއަށް ވަދެވުނުކަމީ އަހަންނަށް ޑިޒިޝަނެއް ނަގަން ފަސޭހައަކަށް ވިކަމެއް ކަން ނޭގޭ، އަސްލު މިހާރު ބޭނުމީ ޒިޔާއާއި ރުޅިވާން..." މިސްކުގެ ވާހަަކަތަކުން އަނާ ހައިރާންވިއެވެ. ޒާޔަލްގެ މަންމަގެ ނުބައިކަމާއިހެދި ވަކިވުމުން ޒާޔަލްގެ ހިތަށް ކުރާނެ އަސަރު އިހުސާސްކުރެވުނެވެ. ޒާޔަލްގެ ވެސް އޮންނާނީ ހިތެކެވެ. މަންމަގެ ކުށުގެ ސަޒާ ދަރިފުޅަށް ދޭން ޖެހޭނެކަމަކަށް އަނާ ގަބޫލެއްނުކުރެއެވެ.އަނާއަށް ވާހަކަ ދެއްކޭނެނަމަ އޭ އެވަގުތު ހިތަށް އެރިއެވެ.

"އަނާ ހެޕީއެއް ނުވޭތަ؟ "އަނާ އިންގޮތަކުން މިސްކު ކަންބޮޑުވެފައި އަނާގެ އަތުގައި ހިފައިލިއެވެ. އަނާ އޭނަގެ ފަހަތުން އަންނާށޭ ބުނުމުން މިސްކު ސުވާލެއްވެސް ކޮށްނުލައި އޭނަގެ ފަހަތުން ދިޔުމުން ކޮޓަރިއަށް ވަދެފައި ލެޕް ހުޅުވާލިއެވެ. ވޯޑުގައި އަނާ ލިޔަންފެށުމުން މިސްކުގެ ދެލޮލުން ވިދުވަރެއް ފެނުނެވެ.

"ޒާޔަލްގެ ކުށެއްނެތި ބްރޭކްއަޕްވާން އުޅޭތީ އެހާ ލައިކެއްނުވޭ، މަންމަ މޮޔައަކަށްވިޔަސް ޕްރޮސްޓިޓިއުޓަކަށްވިޔަސް ޒިޔާ އެހެނެއްނުވެއެއްނު، އޭނަ ކިހާ ރަަގަޅު، މިކީގެ ބޭބެގެ ބެސްޓްފްރެންޑް، ކައި ބުނީ ކީކޭތަ؟ "އަނާ ލިޔަމުން ދިޔައީ އިނގިރޭސިންނެވެ. ދިވެހިން ޓައިޕްކުރާކަށް އަނާއަކަށް ނޭގެއެވެ.

"ދޮންބެކައިރިއަކު ނުބުނަން....." މިސްކު އަނާގެ ކޮލުގައި ހިފައިލިއެވެ. އަނާ ލިޔުމުންވެސް ހިތުގައިވާ އެއްޗެއް ބުނަން ފެށީތީ މިސްކު އިނީ އުފަލުން މަރުވާވަރުވެފައެވެ. އަތްފައިވެސް ފިނިވެލިއެވެ.

"ކައި ގާތުން އެޑްވައިސްއެއް ހޯދަބަ..." އަނާއެދުނެވެ.

"އިޓްސް ޓޫ ލޭޓް ކަން ނޭގޭ ލަވް..." މިސްކުއާއި ޖިޔާންގެ އެކުވެރިކަން ބަދަހިވަމުންގޮސް މިސްކުގެ ހިތް ވަނީ އެފަރާތަށް ލެނބެން ފަށާފައެވެ. ޖިޔާންގެ ނުލަފާ ވާހަކަތަކާއި ސަމާސާތަކުން މިސްކު އޭނައާއިއެކު ވަގުތު ހޭދަކުރާހިތް ނިކަން ވެއެވެ. ޖިޔާންގެ ހަގީގަތް ބަލައިލުން މުހިއްމުކަމަކަށްނުވިއެވެ. މަންމަވެސް ޖިޔާންއާއި ރައްޓެހިވާން ބާރު އަޅާއިރު އޭނަ ވިސްނަންވީ ކޮންކަމަކާއިހެއްޔެވެ؟ ޤަދަރު ހުރި މުއްސަދި އާއިލާއެއްގެ ޅީދަރިއަކަށްވެވެން ހުއްޓާ ޒޫނީފަދަ މީހެއްގެ ކައިރީގައި އުޅެންދާނީ މޮޔައެކެވެ. ނޭގެނީ ޖިޔާންގެ ހިތެވެ. ނަމަވެސް އެއޮތް ބަލައިލާ ކަތި ނަޒަރަކާއި އުޅެލާ ލޯބިގޮތަކުން މިސްކު އޭނައާއި ރުހެން ފެށީ މާވަރަށެވެ.

"މިކީ، މިސްޓޭކެއް ނަހަދާ..." އަނާ އެދުނެވެ.

"މިއީ މަންމަވެސް ބޭނުންވާގޮތް، ކީއްކުރާނީ......" މިސްކު މަންމަގެ ބޮލުގައި އެޅުވީ ފަސޭހައަކަށެވެ. މަންމަ ކޮންމެ އެއްޗެކޭ ކިޔަސް ޒާޔަލްއައި ރުޅިނުވެ ހުންނަން އޭނައަށް ފުރުސަތު ލިބިފައި އެބައޮތެވެ. ސިއްރުން އެގުޅުން ކުރިއަށް ގެންދެވެން އެބަ އޮތެވެ. ނަމަވެސް އަލަތު ލޯބިވެރިޔާގެ އުއްމީދުތަކަށް ފުރަގަސް ދިނުމާއި މެދު އޭނަވަނީ ދެޚިޔާލެއްގައެވެ. ޒާޔަލްގެ ބަދަލުގައި ޖިޔާން ލިބިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟

"އެއްވެސް މީހެއްގެ ހިތް ހަލާކުކޮށްލާކަށް ނުވާނެ، ހަނދާން އެބަހުރި ޒިޔާއަކާއި ހެދި ވީވަރު، މޮޔަވެގެން އުޅެފައި މިކީ ކިހިނެއް ތިހަދަނީ...." އަނާ ޓައިޕްކޮށްލިއެވެ.

"ޑޯންޓް ވޮރީ، ސްޓިލް ރުޅިއެއްނުވަމޭ..." މިސްކު އެހެން ބުނިކަމުގައިވިޔަސް އޭނައަށް އަމިއްލަ ނަފުސަށް ޔަގީންކަމެއް ނެތެވެ. ޒާޔަލްއަށްވުރެން ޖިޔާންއާއި ދޭތެރޭގައި ވިސްނޭވަގުތު ގިނަވާތީއެވެ. ޖިޔާން އޭނައާއި ވާހަކަދައްކާ ހަދަނީ އެކުވެރިއެއްގެ ގޮތުގައި ނަމަވެސް ދެމީހުން އެކީ ހޭދަކުރާވަގުތު ގިނަވެއްޖެއެވެ. މިސްކު ބޭޑް ބޯއި ވާހަކައެއް ކިޔާފައި ދިރިއުޅުމުގައި އެފަދަ ބައިވެރިޔެއް އަތުވެއްޖެއްޔާ ވާނެގޮތަކާއިމެދު ވިސްނާލިތަނާހެން ޖިޔާން ހަޔާތަށް އައުމުން އޭނަ ހުރީ ރަގަޅަށް އެކަމުގެ އަވައިގާ ޖެހިފައެވެ. ވާހަކަތަކުގައި އުޅޭފަދަ ނުލަފާކަމެއް ޖިޔާންއަށް ދެއްވާފައިވެއެވެ. މިސްކު ހަމަ ރަގަޅަށް ދީވާނާވެއްޖެއެވެ. ޖިޔާންއާއި ބައްދަލުކުރާހިތުން ކެތްވަނީއެއް ނޫނެވެ. ފަހުން ނިކުމެދާނެ ނަތީޖާއަކާއިމެދު އޭރު މިސްކު ވިސްނައެއްނުލައެވެ.

ހަފްތާގެ ބަންދުގައި ޔަޒީދު އާއިލާ އެންމެން ގޮވައިގެން ރިޒޯޓަށް ދިޔައިރު އަނާ ބޭނުންވެގެން މިސްކު ގެންދިޔައެވެ. އެންމެން މޫދަށް އެރިި މަޖާކުރާތަން ފެނިގެން އަނާވެސް އެރުނެވެ. ޖެޓްސްކީގައި ރާހިލްއާއިއެކު ދުއްވާފައިގޮސް ރާހިލް މޫދަށް އެރި ޚަބަރެއްނުވުމުން އަނާ ހާސްވިއެވެ.

"ރާ....ރާހިލް..." އަނާއަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް ކިރިޔާ އަޑު ނުކުތްކަމެވެ. ރާހިލް ކުއްލިއަކަށް އެއްފަރާތުން އެރުމުން އަނާ ސިހުނެވެ.

"ނޭވާ ހިފެހެއްޓޭ އެންމެ ގިނައިރު ބަލަން ޑައިވެއްކޮށްލީ..." ރާހިލް ގެ ރީތި މޫނުގައި ފެންތިކިތައް ވިދާއިރު ހާދަ ރީއްޗެވެ.

"ސިލީ ހާދަ ބިރުގެންފިޔޭ..." އަނާ ހިތާހިތުން ކިޔާލާފައި ރާހިލްގެ ބޮލުގައި މަޑުމަޑުން ޖެހިއެވެ. ރާހިލް ސަމާސާއަކަށް ހަދާފައި އަނާގެ އަތުގައި ހިފާދަމައިގަނެ މޫދަށް ވައްޓާލައިފިއެވެ. އިރުކޮޅަކުން ކިނބުލެކޭ ކިޔާފައި ރާހިލް ހަޅޭއްލަވައިގަތުމުން އަނާ ރާހިލްގެ ގައިގާ ހިފައިގަތެވެ. އެގާތްކަމުން ރާހިލްގެ ހިތަށް ބުނަން ނޭގޭފަދަ ގޮތްތަކެއްވިއެވެ. އަނާއަށްވެސް އެދުވަހު އެތައްފަހަރަކު ރާހިލްއާއި ކައިރިވެވި އެކަމަށް އިތުރަށް ބޭނުންވިއެވެ. ރާހިލްގެ ސަބަބުން ކައިލަންމަތިން ހަނދާން ނެތެންފެށިއެވެ. އެކަމާއި އޭނަ ރާހިލްއަށް ޝުކުުރުވެރިވާން ނުޖެހޭހެއްޔެެވެ؟

ރޭގަނޑު ބާބެކިއު ހެދިއިރުވެސް ވަރަށް މަޖާކަމަކަށްވިއެވެ. ޖިޔާން އާއި ރާހިލްގެ ލާނެތް ވާހަކަތަކުން އެންމެން ހެއްވިއެވެ. ލަވަބާޒީވެސް ކުރިއެވެ. ޖިޔާންގެ ކަތި ނަޒަރުން މިސްކު އިނީ ހަމަ ދީވާނާވެފައެވެ. އަބަދުހެން ޖިޔާންގެ މޫނަށް ބަލަން އިންތަން އަނާއަށް ފެނުނެވެ. އެހާ ލޯބިން އުޅޭނެ ލޯބިވެރިޔަކަށް އަނާގެ ހިތް ބޭނުންވިއެވެ. އެހެން ހިތަށް އަރާފައި ރާހިލްގެ މޫނަށްބަލައިލިއިރު އަދި ރާހިލް އިނީ ބަލާށެވެ. އަލިފާނުގެ އޮރެންޖް އަލީގައި އެޓޭން މޫނު ފެނުނުލެއް ރީތިކަމުން އަނާގެ ހިތް ތައުރީފުކުރިއެވެ. އުފާވެރި ދަތުރަކަށްފަހު އެނބުރި މާލެއަށް އައުމަށްފަހު އަނާ ކޮޓަރިއަށް ވަންގޮތަށް އެނދަށް ވެއްޓިގަތެވެ. ރާހިލް ދިން ޓެޑީ ބެއަރގައިގާ ބައްދާލުމާއިއެކު ފޮނި ނިންޖަކަށް ގެނބުނެވެ.

ފަތިހު ތެދުވެ ނަމާދުކުރުމަށްފަހު އަނާ ގޮސް ރާޔާގެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. އެތަނަށް އޭނަވަނީ އެތައް މަހެއްކޮށްލާފައެވެ. ރާޔާއަކީ އަނާ އެންމެ ލޯބިވިކުއްޖާއެވެ. އޭނަގެ ހިތުގެ ބަޔެކެވެ. ރާޔާއާއި އޭނަވަނީ ހުރިހާ ސިއްރެއް ހިއްސާކޮށްފައެވެ. ނަމަވެސް އެކަކަށްވެސް އެނގެން ބޭނުންނުވާ ކަޅު ސިއްރެއް އޭނަގެ ވާ ކަމަށާއި ޑައިރީއިން ހުރިހާކަމެއް އެނގޭނެކަމަށް ރާޔާވަނީ ބުނެފައެވެ. އަނާއަށް ވުރެ ކުރިން އޭނަ މަރުވެއްޖެއްޔާ އެ ދުވަހަކުން އެޑައިރީ ކިޔާފައި އަންދާލަން ރާޔާ ވަސިއްޔަތްކުރިއެވެ. އެކަަމަކު އަދިވެސް އެފަދަ ހިތްވަރެއް ނުކުރެވެނީއެވެ. އެސިއްރު އެނގެން ބޭނުންވާއިރުވެސް ކިޔާލަން އުދަގޫވަނީއެވެ. ރާޔާގެ އަލަމާރީގެ ތަޅުދަނޑިން ދޮރު ހުޅުވާލާފައި އޭނަ ރާޔާގެ ރަތްކުލައިގެ ޑައިރީނެގިއެވެ. ކޮޓަރި ހުރިގޮތަށް ތަޅުލާފައި އޭނަ ނުކުމެގެން އައިސް ކޮޓަރިއަށްވަދެ ދޮރު ތަޅުލާފައި ހަމަޖެހިގެން ރާޔާގެ ޑައިރީ ހުޅުވައިލިއިރު ހިތް ތެޅޭވަރުން ހީވަނީ ހިތް ފުންމާލަފާނެހެންނެވެ.

ރާޔާގެ ޑައިރީގައި ކުޑައިރުގެ ވާހަކަތައް ލިޔެފައި ހުއްޓެވެ. މަންމައާއި ބައްޕަ އަދި ރާހިލް، ޖިޔާން އަދި އަނާދެކެ ލޯބިވާވަރު ބުނެދީފައިވާވަރުން އަނާގެ ލޮލަށް ކަރުނަ އައެވެ. ކިޔަމުންގޮސް އަނާ ކަންބޮޑުވާންފެށީ ވަކި ހިސާބަކުންނެވެ.

"މަންމަ ވަރަށް ގިނައިން ޖިޔާއާއި އަހަރެން ކޮޓަރިއަށް ލާފައި ތަޅުލާފައި ބޭރަށް ދާނެ، ކާޓޫނު ޗެނެލް އެއް އަޅުވާފައި ދާނީ، މަންމަ އަހަރެމެންނަށް ޓްރަސްޓްކުރާވަރު އެކަމުންއެނގުނީ، އަހަރެމެން ކުރީކޮޅު ވަރަށް ބަސްއަހަން، އެކަނިވުމުން މަޖާކަމެއްކޮށްލަންވެސް ހިތަށް އަރާ، ހޯމް އެލޯން ގޮތަށް ބަޔަކު ގެއަށް ވަންނާނެނަމައޭ ހިތަށް އަރާފައި އެވާހަކަ ބުނެފިއްޔާ ޖިޔާ ވަރަށް ކިއުޓްކޮށް ކަޅިއަޅާލާފައި ޝަޓްއަޕްއޭ ބުނީމަ އަހަރެން ދެތިން ބޮނޑި އަޅާލަން، ކުޑައިރުއްސުރެން މަންމަ އެއާދަ ދޫކޮށްނުލާ އަހަރެމެން އެކަނި ބައިތިއްބަންފެށުމުން ދެމީހުން ވަރަށް ގާތް އެކުވެރިންނަށްވި، ޖިޔާއަށް ފިފްޓީން އަހަރުވީއިރު އޭނަ އިސްކޮޅުން ދިގުކަމުން ދޮރުގައި ބޯޖެހޭ، އެހާ ހެންޑްސަމް، ވިންޓަރ ދުވަހެއްގައި މަންމަ ކޮއްކޮ ގޮވައިގެން އަންކަލްމެން ގެއަށް ދިޔައީ އަހަންނާއި ޖިޔާ އެކަނި ގޭގައި ބައިތިއްބާފައި، އަހަރެން ފަޔަރޕްލޭސްގައި އަލިފާން އަންދާލައިގެން އިންއިރުވެސް ހީވަނީ ފިނިވާހެން، ފޫހިވެގެން ޗެނެލްތައް ބަދަލުކުރަމުން ދަނިކޮށް ފެނުުނު ހޫނު މަންޒަރަކުން އަހަރެން ބަލައިލިއިރު ޖިޔާއާއި ހަތަރުކަޅި ހަމަވި......" އެހިސާބަށް ކިޔާފައި އަނާ ޑައިރީ ލައްޕައިލީ ކުރިއަށް ހުރި ބައިތައް ކިޔަން ނުކެރިފައެވެ.ނޫނެކެވެ. އެހެނެއްނުވާނެއެވެ. މިއީ ހުވަފެނެކެވެ. ހަގީގަތަކަށްނުވާނެއެވެ. ނޫނީ އޭނަ މާ ކަންތައް ބޮޑުކޮށްލަނީއެވެ. ނުބައިކޮށް ވިސްނަނީއެވެ.

ކުއްލިއަކަށް ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭން ފެށުމުން އަނާގެ ހިތަށް ފިނިފެން އެއްޗެއް އޮއްސައިލިހެން ހީވިއެވެ. ހިތް ޑަންޑަންލާފައި ތެޅެންފެށިއެވެ. އަރުތެރެ ހިކި ނޭވާ ނުލެވިދާނެހެން ހީވިއެވެ. ހުރިހާކަމަކާއިމެދު ހާސްވެ ފިކުރުބޮޑުވެ ކުއްޖާހަލާކުވެދާނެހެން ހީވާން ފަށައިފިއެވެ. އަތަށް ބަލައިލިއިރު އަތް ދާހިއްލާ އަތުގެ އިނގިލިތަކަށް ދާންދެން ތުރުތުރުލަނީއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު