އަނާ އަވަސްއަވަހަށް ޑައިރީ ވަތްގަނޑަކަށް ލާފައި ތަޅުލުމަށްފަހު ތެދުވެގެން އައިސް ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ ރާހިލްއެވެ. ހޫނު ކޮފީއެއް ދިއްކޮށްލާފައި އޭނައާއިއެކު ޓެރެސްއަށް އައުމަށް އެދުނެވެ. އޭރުވެސް އަދި ރަގަޅަކަށް އިރުނާރައެވެ. ޓެރެސްއަށް އެރިއިރުވެސް އަނާ މުޅިން ހަމަޔަކަށް ނޭޅެއެވެ. ނަފްސާނީ މާހިރަކަށް ނުވިޔަސް އެމޫނުގެ ކުލަ ފަނޑުވެފައިވާވަރު ފާހަގަކުރެވޭނެއެވެ.

"އެނީ ކަމަކާ ދެރަވެފަތަ؟" ރާހިލް އޯގާތެރިގޮތަކަށް އަހާލުމުން އަނާގެ ލޮލުގައި ބޮނޑިވެގަތް ކަރުނަތައް އެސްފިޔަތައް ފޫދުއްވާާލާފަ އޮހިގަތެވެ. ރާހިލްގެ ހިތަށް ބަޔާން ނުކުރެވޭފަދަ އަސަރުތަކެއްކުރިއެވެ. އެ ކަރުނައިގެ މުތީތައް އިނގިލިތަކުން ފޮހެދެމުން ރާހިލް ގަޔާއި ލައްކޮށްލައިގެންހުރެގޮސް ހިޔާކޮށްފައި ހުރި ބައިގާ ހުރި ސޯފާގައި ބޭންދިއެވެ.

"އެނގޭ ކީއްވެކަން ތިގޮތަށް ރޮނީ، އެމީހަކަށްޓަކާއި ކަރުނަތައް އޮހޮރުވާވަރުގެ މީހެއް ނޫން އެއީ، ޔޫ ޑިޒާވް ސަމްވަން ހޫ ލަވްސް ޔޫ އެނީ، ހީޒް ނޮޓް ވޯތް އިޓް، އަހަންނަށް އެނގޭ ރާޔާގެ ކުއްލި ވަކިވުމުން ކުރާނެ އަސަރު، އެކަނި ސިސްއެއް ނޫން، ބެސްޓްފްރެންޑްވެސް ދޯ، އެހެންހުއްޓާ ކައިލަން ހެޕެންޑް، ޕްލީޒް ނުރޮއި......" ރާހިލްެ އަޑުވެސް ކުރެހިގެން ދިޔައެވެ. ރާހިލްގެ ހަމްދަރުދީ ލިބެން ފެށުމުން އަދި ވަކިން ބޮޑަށް އަސަރުކޮށް ރުއިން އިތުރުވިއެވެ. ރާހިލްގެ ތަނަވަސް މޭގައި މޫނު ޖެއްސުމުން ރާހިލް އަނާ އަދިވެސް ކައިރިކޮށްލީ ދުވަހަކުވެސް ދުރުކޮށްލަން ބޭނުންނުވާފަދަ ގޮތަކަށެވެ. އަނާގެ ކަރުނަތަކުން އޭނަގެ ޓީޝާޓުތެމި މެޔަށް ފިނިކަމެއް ލިބުނެވެ. އެއިސްތަށިގަނޑުގައި ދުވާ ލެވެންޑަރ ވަހުން އެކަނިވެސް ރާހިލްގެ ހިއްސުތައް ހޭލައްވައިލިއެވެ. އޭނަ ބޭނުންވީ އެވަގުތުކޮޅު ދުވަހަކު ގަރުނަކަށް ދިގުދެމިގެން ދިޔުމަށެވެ. ނަމަވެސް އަނާ އިރުކޮޅަކުން ހަމަޔަކަށް އެޅުމުން ނޭފަތް ދަމާލާފައި ތެދުވިއިރު ރާހިލްއަށް ފާހަގަކުރެވުނީ އެމޫނަށް އަރާފައިވާ ފިޔާތޮށިކުލައެވެ. ގިނަވާހަކަދައްކާނެ ފުރުސަތެއް ރާހިލްއަށް ނުދީ އަނާ އަވަސްއަވަހަށް އެތަނުން ދާން ހިނގައިގަތުމުން ރާހިލް ބޯދަށަށް އަތްލައްވައިގެން މައްޗަށް ބަލަންއޮތްއިރު އެކި ޚިޔާލުތައް ހިތަށް އުދަގޫކުރިއެވެ.

އަނާގެ ހިތަށްލިބިފައިވާ ބިރުވެރިކަމުން ސަލާމަތްވާނެ ހަމައެކަނި ގޮތަކީ އެކަން ޔަގީންވުމުން ކަމަށް ނިންމާލާފައި ޑައިރީއިން އިތުރު ޕެރެގްރާފެއް ކިޔާލިއެވެ.

އަނާ ކުއްލިއަކަށް ހާލަތު ގޯސްވާން ދިމާވި ސަބަބެއް އެއްވެސް މީހަކަށް ޔަޤީންކޮށް ބުނާކަށް ނޭގުނެވެ. ރާޔާގެ މަރަށްފަހު އަނާއަށް ނަފްސާނީގޮތުން ކުރި އަސަރު މަޑުމަޑުންގޮސް ވަރަށް ބޮޑުތަން ރަގަޅުވުމަށްފަހު ކުއްލިއަކަށް އެހެން ވާންވީ ސަބަބެއް އެހެން މީހުންނަށް އެނގޭނީ ކިހިނެއްހެއްޔެވެ؟ ކޮލެޖަށް ދިޔުން ހުއްޓާލިގޮތަށް އަނާއަށް ކާންދޭން ޖެހެނީ ގަދަކަމުންނެވެ. އަަބަދުހެން ދެލޮލުގައި ހުންނަނީ ކަރުނައެވެ. ފަލަކްނާޒް ކައިރިން ޔަޒީދު ސުވާލުކުރަން ފެށުމުން ފަލަކްނާޒްބުނީ ހީވާގޮތުން އަނާ ކައިލަންދެކެ ލޯބިވެގެން އުޅެނީއެވެ. ކައިލަންއަކީ މީހެއްގެ ފިރިޔެއްކަން އެނގުމުން އަނާއަށް އެކަން ތަހައްމަލުކުރަން އުދަގޫވީއެވެ. ފަލަކްނާޒްއަށް ހަގީގަތް ނޭގި ކައިލަންއާއި އަނާ ކައިވެނި ހަމަޖެހެމުންދާކަމަށް ކުރިން ބުނެވުނީއެވެ. އަނާގެ ހިތާމައިގެ އަސްލަކީ އެއީކަމުގައި ޔަޒީދު ޔަގީންކޮށް އެކަމާއިބެހޭގޮތުން ހަދަންވީގޮތަކާއިމެދު މަޝްވަރާކުރިއެވެ. އެދެމަފިރިން އެވާހަކަދެއްކިއިރު ފޯނުގައި ރާހިލް ހުއްޓަސް އޭނަ އެހުރިހާ ވާހަކަތައް އަޑުއެހިއެވެ. އެހިތުގައި އެތައް ކޫރުމެއް އެޅުނެވެ. ލޮލަށް ކަރުނަ އައެވެ. ކައިލަން މީހެއްގެ ފިރިޔެއްކަން އެނގޭއިރުވެސް އަނާ އެކައިލަންއަށްޓަކައި ހިތާމަކުރުމަކީ އިންސާފެއް ހެއްޔެވެ؟ އޭނަ އަނާ ހިތްފުރެންދެން ލޯބި ދީފާނެއެވެ. ނަމަވެސް އެ ހަގީގަތް ދުލާއި ހަމަޔަށް ގެނައުމުގައި އޭނަ މި ވަނީ ނުކުޅެދިފައެވެ. އޭނަވެސް އަނާގެ މަންމައާއި ބައްޕައަށް މަންމަމެންގެ ނަމުން ގޮވާފައި އަނާ ކޮއްކޮއެއްގެ ގޮތުގައި ދެކެމުން އައިސްފަ އިންނަން އަހައިފިއްޔާ މަންމަމެން އޭނައާއި ދޭތެރޭގައި ހީކުރާނީ ކީކޭހެއްޔެވެ؟ އެހެންނޫނަސް އޭނަގެ މާޒީއިން އެނގޭ ސިއްރަކުން އަނާ އުމުރަށް އޭނަދެކެ ނަފްރަތުކުރާނެއެވެ. އެހެން ހިތަށް އަރާފައިވެސް ރާހިލްގެ ހިތް ނުހުއްޓެނީ ހަމަ ކިރިޔާއެވެ.

ފަލަކްނާޒް ކައިލަންގެ ގާތުގައި އަނާގެ ބަލިބޮޑުވިވާހަކަ ބުނެފައި އޭނައަށް ހެދުނު ގޯހެއްވެސް ބުނެލިއެވެ. ކައިލަން ވަޒީފާއަށް ވަނުމަށް އެދި ފޯމު ފުރިއިރު ސިންގަލް ޖަހާފައި އިނުމުން ކައިލަން ހުހަށް ހުރިކަން ޔަގީންކުރިއެވެ. އަނާގެ ގާތުގައި ކައިލަންއާއި އަނާގެ ކައިވެނި ހަމަޖެހުނުކަމަށް ބުނެވުނު ވާހަކަ ބުނުމުން އަނާ އެކަމާއި ހިތްހަމަޖެހުނުކަން ފަލަކްނާޒަށް އެނގުނެވެ. ކައިލަންއަށް އެެއީ އާކަމަކަށްނުވިއެވެ. އަނާވަނީ އޭނަގާތުގައި އެކަން ފާޅުކޮށްފައެވެ. ކައިލަންވަނީ ޖަވާބުވެސް ދީފައެވެ.

"ކައި، އަނާ ވަރަށް އިނޮސެންޓްވާނެ، ބައެއްކުދިންނަށް ބާރައަހަރުވާއިރުވެސް މެޗުއަރވެ ނުދަންނަކަމެއް ނުހުރޭ، ބަޓް އަހަރެންގެ އަނާ ވަރަށް ޅަ، އޭނައަށް ލޯތްބާއި ކްރަޝް ވަކިކުރަން ނޭގި ހިގައިދާނެ، އަހަންނަށް ހީވާގޮތެއް ބުނެފާނަން، އަނާ ކައިއަށް ހިތްކިޔައިގެން ކަން ނޭގޭ އެހާވަރުއެވީ، ކައި، އަހަރެންގެ ދަރިފުޅަށް އެހީވެދީ، އަހަރެންގެ ދެވަނަ އަންހެން ދަރިއެއް ދުނިޔޭގައި ހުރީއެއްނޫން، އެކުއްޖާ ހަލާކުވެގެންދާތަން ބަލަން މިހިތަށް ކުޅަދާނައެއްނޫން..." ފަލަކްނާޒްޖަޒުބާތާއިއެކު ވާހަކަދެއްކިއިރު ކައިލަން ހުރީ ރަކިވެފައެވެ. މަންމައަކު ތިމާގެ އަންހެންދަރިފުޅު އެމީހަކާއި ހެދި އުޅޭވަރު ބުނެދީފައި އެކުއްޖާއަށް އެހީވާން އެދުނީއެވެ.

"އަހަންނަށް ހެޔޮ، އަނާ ބޭނުމިއްޔާ ކައި އާއި ދެއަންބަށް އިނަސް ހުއްދަދޭނަން، ހުރިހާ އެއްޗަކަށްވުރެ އަނާގެ ފުރާނައިގެ އަގު ބޮޑު، ނަމަވެސް ކައި ހިތަށް އަރާފާނެ ކައިގެ މަންމަ މިސްކު އާއި ޒާޔަލް އިންނަން އެއްބަސްނުވީމަ ހާދަ ސްޓްރިކްޓްއޭ، ކައިވެސް ތިއީ އެ ޒޫނީގެ ދަރިއަކަށްވީނަމަ އަހަރެންގެ ދެއަތުން އަނާ ވަޅުލާން ޖެހުނަސް އެއްބަހެއްނުވާނަން........" ފަލަކްނާޒް ގެ ވާހަކައިން ކައިލަން އިސްޖަހާލިއެވެ. ފަލަކްނާޒްއާއި އޭނަގެ މަންމަވެސް އެކަމާއިމެދު ޚިޔާލު ތަފާތެއްނުވެއެވެ. އެޖުމްލަތައް ދޮރާއި އަރާހަމަވި ރާހިލްއަށް ރީއްޗަށް އިވުނެވެ. ދެއަންބަށްވެސް ކައިލަންއާއި ދެވަން ހުއްދަދޭނަމޭ ބުނުމުން އޭނަގެ މުށްކެވިގެން ދިޔަ އަތްތިލަ ފުރަގަހަށް ލާ ފޮރުވާލިއެވެ.

ކައިލަން އިންތިޒާރުގައި އިންދާ އަނާ އަންނަތަން ފެނުނެވެ. ކަޅާއި ހުދުގެ ރޮގުދެމި ޓީޝާޓަކާއި ސްކިނީއެއްގައި ހުރިއިރު އެދޮންކަން އިތުރުވެފައިވާހެން ހީވެއެވެ. އަނާގެ ދެލޮލަށް ބަލާފައި ހީވަނީ ރޭ އެއްގޮތަަކަށްވެސް ނުނިދާ ރޮއިފަވާހެންނެވެ. ކައިލަން އަނާއަށް ކޮފީތަށި ދިއްކޮށްލުމުން ވިސްނާލާފައި ތުންޖެހިއެވެ. ކައިލަން އެކިވާހަކަތައް ދައްކަމުންގޮސް އަނާގާތުން ކައިލަން އާދައިގެ ރަޙުމަތްތެރިން ކުރާފަަދަ ބައެއް ސުވާލުކުރަންފެށިއެވެ. އަނާއަށް އެންމެ ރީތި ކުލައާއި ބެހޭގޮތުންނެވެ. އެންމެ ރީތި ލަވައާއި އެޒާތުގެ އަމިއްލަ ސުވާލުތަކެވެ. އަނާ ނޯޓްފޮތުގައި ލިޔެދިނެވެ. އެންމެފަހުން އަނާ އެންމެ އުފާވި ދުވަހަކާއި ބެހޭގޮތުން ސުވާލުކުރިއެވެ. އަނާ ބުނީ އުފާވާ ދުވަހެއްނެތްކަމުގައެވެ.

"ޑޮކްޓަރ، އަޅުގަޑު ސުވާލެއްކުރަންތަ؟ މިއީ ސިކްރެޓެއް، އެއްވެސް އިތުރުމީހަކަށް އަންގާކަށް ނޭދެން.. " އަނާ ލިޔުމުން ކައިލަަން ޔަގީންކަން ދިނީ އޭނައާއި އަނާ ދައްކާ ވާހަކަ އޮންނާނީ އެދެމީހުން ދޭތެރޭގައި ކަމެވެ.

"ބޭބެއަކާއި ކޮއްކޮއެއް ރައްޓެހިވެގެން އުޅުމަކީ ކޮންކަހަލަ ކަމެއްތަ؟ މިސާލަކަށް އެތަނުގައި މަންމަ ކުށްވެރިވާނަމަ......މަންމަގެ ސަބަބުން އެކަހަލަ ގުޅުމަކަށް މަގު ފަހިވިނަމަ، އެރިލޭޝަންގެ ސަބަބުން އެމީހުންނަށް ވާނީ ކިހިނެއްތަ؟ ޕްލީޒް ނުބައިކޮށް ނުވިސްނާތި، އަޅުގަނޑު އެކަހަލަ ސްޓޯރީއެއް ކިޔާލާފަ އޮޕީނިއަންއެއް އަހާލަން ހިތަށް އެެރީ..." އަނާ އިނީ އެސްފިޔަތައް ތިރިކޮށްލައިގެންނެވެ.

"މަންމަގެ ސަބަބުން އެގޮތަށް ދިމާވިޔަސް ދީނުގައި އެކަން ހުއްދަވާނެ އެއްވެސް ގޮތެއްނެތް، އެކަހަލަ ގުޅުމެއް އޮތިއްޔާ ވަރަށް ފާފަވެރިވާނެ، ބަޓް އަނާ ތިބުނީ އިނގިރޭސި ވާހަކައެއްކަން ނޭގޭ، އެމީހުންގެ ތެރޭގައި ހުއްދަނޫން ގުޅުމެއް އޮވޭތަ؟ އަނާ، އެހެން ދީންތަކުގެ މީހުން އުޅޭނީ އެހެން..." ކައިލަން އެގޮތަށް ބުނިކަމުގައިވިޔަސް ރާއްޖޭގެ މުޖުތަމަޢު ގައި އެފަދަ ކިތަންމެ ފާހިޝް ޢަމަލެއް ހިންގަމުންދާކަން އޭނައަށް އެނގެއެވެ. އޭނަގެ ގާތަށް އެފަދަ ބަލިމީހުން އަންނަކަމުން ކިތަންމެ ނަހަމަ ގުޅުމެއްގެ ވާހަކަތަކުގެ އަޑު ކައިލަންވެސް އަހާފަވެއެވެ. ކުއްލިއަކަށް އަނާ މޭޒުގައި ބޯޖައްސައިލިގޮތަށް ރޯންފެށުމުން ކައިލަންއަށް ބުނާނެ އެއްޗެއް ނޭގުނެވެ. އަނާގެ އެ ޖުމްލަތަކާއި އެކަރުނަތަކާއި ގުޅުމެއްވާނެކަން އޭނަގެހިތް ދެނެގަތެވެ. އަނާ އަދި އޭނަ ކާރީގައި ކިޔައިދޭނެއެވެ. ނަމަވެސް އޭނަ އެވާހަކަ އަހަން ބާރު ނާޅާ އަނާއަށް ހިތްވަރުލައިދިނެވެ.

އަނާ ހިތްހަމަޖެހޭނެ ފަދަގޮތަކަށް ވާހަކަދައްކައިގެން އަނާ ލައްވާ ވަޢުދުކުރުވީ އުފާވެރިކޮށް ހުރުމަށެވެ. ކަންތަކާ ޕޮޒިޓިވްކޮށް ވިސްނުމަށެވެ. ހެއްދެވިފަރާތުން ކޮންމެކަމަކަށްވެސް އިރާދަކުރައްވާއިރު އަހަރެމެންނަށް ނޭގުނަސް ފަހުންވާން އޮތްގޮތް އެފަރާތުން ދެނެވޮޑިގަންނަވާނެކަމަށާއި ފަހުން މާރަގަޅުގޮތްތަކެއް ވާން އޮތީކަމަށްވެސް ބުނެލިއެވެ. ވީމަ ހެއްދެވިފަރާތަށް އިތުބާރުކޮށް ނަމާދާއި ދުޢާއިން ވާގިހޯދަން ކައިލަން އަނާއަށް ވިސްނާދިނެވެ. އެގޮތަށް ކައުންސެލިން ދިނުމުން ހިތަށް ކުރާ ބާރު ލުއިވާނެއެވެ. ކައިލަން އެދުނީ އަނާ ފަތަން ނޫނީ ދުވަން ދިޔުމަށެވެ. ޖިމަށްދިޔުމުންވެސް ސިކުނޑިއަށް ކުރާ އަސަރުތައް ކުޑަވާނެކަމުގައްޔާއި އުފާވެރި ހޯމޯންތައް ގިނަވާނެކަމުގައެވެ.

އާތް އަވަރ ފާހަގަކުރަން މާލެއިން ކަރަންޓް ކަނޑައިލުމުން މުޅި މާލެ އަނދިރިކަމުގެ ތެރެއަށް ގެނބިގެންދިޔައެވެ. ރަތްފިޔައަށްވެސް އަނދިރިކަން ވެރިވެގެން ދިޔައިރު ފަލަކްނާޒްއާއި ޔަޒީދުވީ އާދައިގެ މަތިން ކުދިންނަށް އިތުބާރުކޮށްފައި ރިޒޯޓަކަށް ގޮސްފައެވެ. ފަލަކްނާޒް އަނާ ހަވާލުކުރީ ރާހިލްއާއެވެ. ރަގަޅަށް ކޮއްކޮ ބަލާށޭ ކިޔާފައި ދިޔުމުން ރާހިލްގެ ހިތަށް ނުބައިގޮތެއްވެ އަމިއްލަ ނަފުސަށް ލައުނަތްދިނެވެ. އަނާއަކީ އޭނަގެ އެއްބަނޑުއެއްބަފާ ކޮއްކޮ ކަމުގައި ނުވިޔަސް ދެފަރާތުން ލޭގެ ގޮތުން ގުޅިލާމެހިފައިވާ ކުއްޖެކެވެ. ދެފަރާތުންވެސް ދެބެންގެ ދެދަރި ކުދިންނަށް ވީ ނަމަވެސް އޭނަގެ ހިތުގައި އަނާއާއިމެދު އިޝްގީ ލޯބި އުފެދުނީއެވެ. ހިތުގައިވާ ލޯބީގެ އަލިފާން ނިވާލަން އުޅުނުވަރަކަށް ހުޅުގަނޑު ބޮޑުވަމުންގޮސް އޭނަ ހަފުސްކޮށްލާހާވަރުވެއްޖެއެވެ. އެލޯބީގައި ހިތާއި ފުރާނައިން ގުރުބާންވާވަރުވެއްޖެއެވެ.

އަނާ އެތަން މިތާގައި އުއްބައްތިތައް ރޯކުރަމުން އުޅުނުއިރު ރާހިލް އޭނަގެ ފަހަތުން އުޅުނެވެ. އަނާވެސް ހުރީ ކޮންމެވެސް މީހަކު ގާތުގައި ހުންނަން ބޭނުންވެފައެވެ. ދޭތެރެއަކުން ރާހިލްއަށް ބަލާލާފައި ހީލައެވެ. ރާހިލް ސުވާލެއްކޮށްފިއްޔާ ބޮލުގެ އިޝާރާތުން ނަމަވެސް ޖަވާބުދެއެވެ.

ރާހިލް ތަނބުގައި އެއްއަތް ވިއްދާލައިގެން ހުއްޓުނުއިރު އަނާ ހުރީ ތިރިކޮށް ޑިޒައިންކޮށްފައިވާ ފާރުމަތީގައި އުއްބައްތިއެއް ބަހައްޓާށެވެ. ގޭގެފަހަތު ދޮރުން ނުކުމެވޭ ބައި ހަދާފައިވާލެއް ވަރަށް ހިތްގައިމެވެ. ވައިރޯޅިއެއް އަމުދުން ނެތް ރެއެއްކަމުން އަނާގެ މަސައްކަތަށް ހުރަސްއަޅާނެ އެފަދަބާރެއްނެތެވެ. އެހިސާބުގައި ވާ މާމެލާމެލީީގެ ވަސްތައް ފަނޑުކޮށްލާފައިވަނީ ރާހިލް ޖަހައިގެން ހުރި ފިިރިހެންވަންތަ ސެންޓްގެ ލުއިވަހުންނެވެ. އޮރެންޖްއަލީގައި ރާހިލް ފެންނަނީ ވަރަށް ފިރިހެންވަންތަކޮށެވެ. އަނާވެސް ރާހިލްގެ މޫނަށް ބަލާލާފައި ހިތާހިތުން ތައުރީފުކުރިއެވެ.

"އެނީ ކެންޑްލްދެކެ ވަރަށް ލޯބިވޭތަ؟ އެރޫމަށްވަނީމަ އަބަދު ލެވެންޑަރ ވަސްދުވާތީ ވަރަށް ހިތްގައިމު..." ރާހިލް އެހެން ބުނުމުން އަނާ ހީލާފައި ނިތްއަރުވާލިއެވެ.

"އަހަންނަށް އެނގޭ އެނީ ކޭއެފްސީ ކުކުޅު ކާ ހިތްވާކަން..." ރާހިލް މުޅިން ނުގުޅޭ ވާހަކައެއް ފެށުމުން އަނާ ހީގަނެފައި ރާހިލްގެ މޭމަތީގައި އަތުން ޖަހައިލިއެވެ. އަނާ ރާހިލްގެ އަތްތިލައިގާ ހިފަހައްޓާފައި 'އައިމް އަންލަކީ' އޭ ލިޔުނުއިރު ރާހިލްއަށް ހުރެވުނީ ކެތްތެރިކަމާއިއެކު އަނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހިތްއެދުނީ އަނާ އަތުގެތެރެއަށް ގެނައުމަށެވެ. ދުވަހަކު ދޫކޮށްނުލުމަށެވެ.

"ކީއްވެގެންނޯ..." ރާހިލް ތެޅިތެޅިވާހިތަކާއިއެކު ސުވާލުކުރިއެވެ.

"މިރަށުގައި ކޭއެފްސީ ނެތީމަ..." އަނާ މިފަހަރު ލިޔުނީ ފަތެއްގައެވެ. މިހާރަަކަށް އައިސް އަބަދުހެން ގަޔާއި ވަކިނުކޮށް އަތުގައި ގަލަމެއް އަދި ކުޑަ ނޯޓްފޮތެއް ގެންގުޅެއެވެ. ރާހިލް އެފަތަށް ބަލަންހުރެފައި ހިނިތުންވެލިއިރު ހީވަނީ އަޒުމެއް ކަނޑައެޅިހެންނެވެ.

"އެނީ، އައި ޕްރޮމިސް، އަހަރެން އެނީއަށްޓަކާ މިރަށުގަ ކޭއެފްސީއެއް ހުޅުވަދޭނަން، އެމީހުންގެ ޑެއިލީ ސޭލްސް ޓާގެޓަށް ރީޗް ނުވާކަހަލަ މަދުމީސްކޮޅުމަދު ކޮންމެ ކޮންމެ ތަނެއްގައި ކޭއެފްސީ ނުވެސް ހުޅުވާނެ، ރާއްޖޭގެ ކުދިރަށްތަކަށް ބެހިިފައިވާތީ ފަސޭހައެއްނުވާނެ އެގޮތަށް ބޮޑު ޚަރަދުކޮށްފައި ޚަރަދު ނުބެޗޭތަނެއް ހުޅުވަން، އެކަމަކު ގެއްލުންދެއްކިޔަސް ހެޔޮކަމަށް ތިކަން ކުރާނަން، ވަރަށް ގިނަ ޕްރޮޖެކްޓްތައް ކުރިއަށް އެބަގެންދަން، މިވީގޮތުން އެންމެ އިސްކަންދޭނީ ތިކަމަށް، އެނީނުކައި ހުންނާތީ އަހަންނަށް ވަރަށް އުދަގޫވޭ....." ރާހިލް ފިނިވަމުން ދިޔަ އަތްތިލަ ޖީބަށް ޖަހައިލިއިރު އަނާ ލިޔެފައިވާ ފަތްތައްވެސް އޭނަ ޖީބަށް ލިއެވެ. އަނާ ގާތުގައި ހުންނައިރު އޭނަ ހުންނަން ޖެހެނީ ހާދަ ކެތްތެރިވެލައިގެންނެވެ. ކިތަންމެ ރީތި އަންހެންކުދިންގެ ތެރޭގައިވެސް މިފަދަ އިހުސާސްތަކެއް ނުކުރެވެއެވެ. އަނާ ފެނުމުން އޭނައަށް އަމިއްލަ ނަފުސް ކޮންޓްރޯލް ނުވަނީ ކީއްވެހެއްޔެވެ؟ ގޯހެއް ނެހެދޭނެ ބާވައެވެ. ނޫނީ ގޯހެއް ހަދައިގެންވެސް އަނާ އަމިއްލަ މިލްކަކަށް ހަދަންވީހެއްޔެވެ؟ ރާހިލް ހުރީ ދެފިކުރެއްގައެވެ.

"ތެންކިއު...." އަނާ އޭނަގެ އަތުގައި ލިޔެފައި ދައްކައިލިއެވެ. ރާހިލް އެ ނާޒުކް އަތުގައި ހިފެހެއްޓިގޮތަށް އެއަތްތިލައިގާ ބޮސްދީފައި އަވަހަށް ފަހަތަށް ޖެހިލީ އިތުރު ކަމެއް ކުރެވިދާނެތީއެވެ. ރާހިލް ފިނިކޮށްލަން އެތާހުރި އުދޯއްޔެއްގައި އިށީނދެލިތަނާ ބުޅަލެއްގެ އަޑުއިވިފައި އަނާ ދުއްވައިގަތްގޮތަށް ރާހިލްގެ ގައިގާ ހިފައިގަތެވެ. ހުރިހާ އިރެއްވާންދެން މައިތިރިކޮށް އޮވެފައި އުއްބައްތީގެ ހުޅުކޮޅު ނަށާލާފައި ނިވުމުން ހައްތަހާ އަނދިރިކަން ފުންވިއެވެ. އަނާގެ މޫނާއި ރާހިލްގެ މޫނުޖެހި ބާރުވެގެން ދިޔަވަގުތު އަނާގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނު ގޮތަށް ރާހިލްގެ ހިތް އަތުން ވީއްލިގެންދިޔައެވެ. އިރުކޮޅެއްވާންދެން އަނާއަށްވެސް ރާހިލްއާއި ދެކޮޅެއްނެހެދުނެވެ. ލިބުނީ ޝޮކެކެވެ. ބޭނުންވިޔަސް ނުވިޔަސް އަނާގެ ގައިގާވެސް ކަރަންޓް ރާޅުބާނިތަކެއް ދަތުރުކޮށްލިއެވެ. މަޑުމަޑުންގޮސް އަނާ އުނދޯލީގައި ބާއްވަމުން ރާހިލް ގުދުވެލިވަގުތު އަނާގެ އަތްވެސް ވަނީ ރާހިލްގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލެވިފައެވެ. ދެމީހުންގެ ފައިތިލަވެސް ގުޅި ލާމެހިގެން ދިޔައެވެ. ހޭވެރިކަންވީ މީހެއްގެ ފިޔަވަޅުގެ އަޑު އިވިފައެވެ. ރާހިލް ތެދުވިގޮތަށް އަނާގެ އަތުގައި ހިފާތެދުކޮށްލައިފިއެވެ. އެމީހަކަށް އެމަންޒަރު ފެނިފައި އެތަނުން ދިޔައީކަމެއް ނޫންކަމެއް ނޭގުނެވެ.

"މިކުރެވުުނީ ކީތްތަ؟ "ރާހިލް އަމިއްލައަށް ވާހަކަދައްކާފަދަ ގޮތަކަށްބުނެލިއެވެ. އެހެން މީހަކަށް ނާދެވުނުނަމަ މިރޭ ހިތާމަކުރާހާ ދުރަށް ދެވުނީސްކަން ޔަގީނެވެ. އެކަނިވެރި އަނދިރިތަންތާ ތިބުމުން ތިންވަނަ ފަރާތަކަށް ޝައިތާނާ ވާނެކަމީ ޝައްކެއްހުރިކަމެއް ނޫނެވެ. ކޮންމެކޮންމެ ބަޔަކަށް އެވަސްވާހުން ސަލާމަތެއްނުވެވޭނެއެވެ.

"އައިމް ސޮރީ އެނީ، ކޮންމެހެން ގަސްތުގައެއް ނޫން...."ރާހިލް އެއްފަރާތަކަށް ޖެހިލާފައި އުއްބައްތި ރޯކޮށްލަމުން އަނާއަށް ބަލައިލިއިރު އަނާ ހުރީ ވަރަށް ރަކިވެފައެވެ. ލޭކޮޅެއްފަދަ ތުންފަތުގެ ރީތިކަމުން ރާހިލްގެ ހިތް ތެޅިގަތީ އާދަޔާ ޚިލާފް ބާރަށެވެ. އެދޮންމޫނަށް ރަތްކުލަ ފާއްދާލާފައިވެއެވެ. ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލާފައި އަނާ ވޫލްކޮޅަކުން އައްސާލައިފިއެވެ. އޭރުވެސް އަނާގެ ނޭވާ ހަމަޔަކަށް ނޭޅެއެވެ. ދެވަނަފަަހަރަށް ރާހިލްގެ މޫނަށް ބަލައިލާނެ ހިތްވަރެއް ނުލިބުނީ ރާހިލްއާއި އެއްވަރަށް އޭނައަށްވެސް އެކަމުގައި ބައިވެރިވެވުނީތީ ލަދުންނެވެ. އަންހެންކުއްޖަކަށްވެހުރެ އެކުރެވުނީ ކޮންކަހަލަ ކަމެއްހެއްޔެވެ؟ ކައިލަންގެ މަތިންވެސް ހަނދާންވިއެވެ. ކައިލަންދެކެ ލޯބިވާކަމަށް ހިތް ނިންމާފައިވާއިރު ރާހިލްއަށް ހިތް ލެބެނީކީއްވެ ހެއްޔެވެ؟ އެ އަމަލުތަކަށް މަރުހަބާ ކިޔުނީ ކީއްވެހެއްޔެވެ؟ އަނާ ގަނެފަވާ ލަދެއްގެ ބޮޑުކަމުން އެތަނުން ދާން ހިނގައިގަތުމުން ފަހަތުން އައިސް ރާހިލް އަތުގައި ހިފައިލިއެވެ.

"ރުޅިއައިސްގެންތަ ތިދަނީ..." ރާހިލްގެ އަތާއި އަނާގެ ގަނޑުފެންކޮޅެއްފަދަ އަތްތިލަ ގުޅިގެންދިޔުމުންވެސް ދެހަށިގަނޑަށް އެއްްކަހަލަ އަސަރުތަކެއްކުރިއެވެ. އަލިފާނާއި ގަނޑުފެން އެކުވިފަދައެވެ. ދެމީހުންގެ ދެމެދުގައިވާ ކެމިސްޓްރީ ކިހާ ވަރުގަދަކަން އެހިދުކޮޅުވެސް ދެނެގަނެ ރާހިލްގެ ހިތަށް ކުރުވީ ބަޔާންކުރަން ދަތި އަސަރުތަކެވެ. އޭނަ އަނާ ހާސިލްކުރަން އެހާ ބޭނުންވި އިރެއްނާދެއެވެ. މިރޭގެ މިގާތްކަމަށްފަހު ރާހިލްގެ ހިތުގައި އަނާއަށްޓަކާ ޖެހި ވިންދު ދެގުނަ އިތުރުވިއެވެ. ކޮންމެފަދަ ގޮތެއް ހަދާފައިވެސް އަނާ ހޯދަން އެހިތް ބޭނުންވިއެވެ.

އަނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއިރު މޫނަށް ހޫނުވާހެން ހީވިއެވެ. ހުރިހާ ލޭތައް މޫނަށް ޖަމާވާތީ އަނާކަންބޮޑުވިއެވެ. ލަދުންގޮސް މީހަކު މަރުވާނެނަމަ އޭނަ މަރުވީހެވެ. ކިތަންމެ ހަދާން ނައްތާލަންބޭނުންވިޔަސް އުމުރު ދުވަހަކުވެސް މިރޭގެ ހަނދާންތައް ހިތުން ނުފިލާނެއެވެ. އަދިވެސް ހީވަނީ ރާހިލްގެ ނޭވާގެ މީރުވަސް ހަރުލާފައިވާހެންނެވެ. އެއިސްތަށިގަނޑުގެ ފަށުވިކަން އަތަށް އިހުސާސްވާފަދައެވެ. އެމުލައްދަނޑީގެ ބާރުގަަދަކަމުން އަދިވެސް އެެއަތުތެރޭގައި ވާހެން ހީވިއެވެ. ރާހިލް މަޑުމަޑުން އޭނައާއި ދިމާލަށް އަނާ އަނބުރުވާލާފައި އެކޯތާފަތުގައި ފިރުމައިލިއެވެ.

"ވީއިރު އަދި އިރުކޮޅަކަށް ވާހަކަދައްކަން މަޑުކޮށްބަލަ، އައި ޕްރޮމިސް ދެން އެކަހަލަ ކަމެއްނުކުރާނަން، ކުށްވެރިޔަކީ އުއްބައްތި، ކީއްވެ ދޯ ނިވެންވީ، އަނދިރިވީމަ މިސްޓޭކްތައް ހެދޭނެ..." ރާހިލް އަނާގެ އަތުގައި ހިފައިގެންގޮސް އުނދޯލީގައި ބޭންދިއެވެ. ބަސްއަހާ ކުޑަކުއްޖެއްފަދައިން އަނާ ރާހިލްއަށް ކިޔަމަންތެރިވިއެވެ. ރާހިލް އިށީންގޮތަށް އަނާގެ އަތްތިލައިިން ދޫކޮށެއްނުލިއެވެ. އެއަތާއި ކުޅެމުން ދިޔައިރު އަނާ އިނީ ކުރާނެކަމެއް ނެތިފައެވެ. ރާހިލް އެކުރާކަމެއް ކުރަނީ ގަސްތުގައިބާވައެވެ. އޭނައަށް ގޮތްގޮތްވާނެކަން އެނގޭތީހެއްޔެވެ؟ ރާހިލް ދައްކަމުން ދިޔައީ ލޯބީގެ ތާރީޚީ ވާހަކަތަކުގެ ވާހަކައެވެ. އޭނަ ބެލި ލޯބީގެ އަސަރުގަދަ ފިލްމުތަކުގެ ވާހަކަތަކެވެ. ތާރީޚީ އެ ޚާއްސަ ވަގުތުކޮޅުގައި ރާހިލް ވާހަކަދައްކަން އިންއިރު އަނާ އެރީތި އަޑުއަހަން ހިތްހަމަޖެހިގެން އިނެވެ. އެއްގަޑިއިރު ދިޔަގޮތެއްވެސް ނޭގުނެވެ. ދެކުދިންގެ ޚިޔާލީ ދުނިޔެ ފޫއަޅުވާލީ ލައިޓްތަކުގެ އަލިން މުޅލި މާލެ ދިއްލިގެން ދިޔުމުންނެވެ. ޖެހިގެން އައި ދުވަހު މިސްކު އެގެއަށް އައިގޮތަށް އަނާއާއި ދިމާކުރިއެވެ. މާރީތި ލިޕްސްޓިކެއް ގަނެގެންއުޅޭތީ އެވާހަކައެވެ. އާތް އަވާ ފާހަގަކުރި ވާހަކައެވެ. އަނާ ވަރަށް ހާސްވިއެވެ.

ރާހިލްގެ މަސައްކަތުން މިހާރުވަނީ ރާއްޖޭގައި ހުރި އެންމެ ނުފޫޒުގަދަ މުއްސަދި ޒުވާނާއަށްވެފައެވެ. ފާހަގަކޮއްލެވޭ ބޮޑެތި ކުންފުނިތަކެއްގައި އޭނަގެ ހިއްސާއޮވެއެވެ. މިހާރު އޭނަ ނިންމަމުންދާ ޕްރޮޖެކްޓުން އެންމެނަށް ހައިރާންކަމެއް ލިބިގެންދާނެކަން ޔަގީނެވެ. އޭނަގެ މުއްސަދިކަމުގެ ސަބަބުން ބޮޑީގާޑަކު ނުގެންގުޅެ ވާން ނެތުމުން ސްމާޓް ބޮޑީގާޑަކު ޚިޔާރުކުރިއެވެ. އޭނަ އަބަދު އޮންކޯލްގައި ހުރެއެވެ. ކާރުދުއްވަނީވެސް ރާހިލްގެ ޚާއްސަ ހަށިފާރަވެރިޔާއެވެ. އޭނަ ރަސްމީގަޑީގައި ނޫނަސް ރިޒޯޓަށް ނޫނީ އެހެން ތާކަށް ދާންޖެހުނަސް އަބަދު އޭނަ ހުންނަނީ ތައްޔާރަށެވެ. ވާރޭވެެހެންޏާ ކުޑަހިފައިގެންގޮސް ކާރަށް އަރުވައިދެއެވެ. ރާހިލްގެ ނުފޫޒުގަދަވެގެންގޮސް ޓްވިޓަރ އެކައުންޓް ވެރިފައިވެ އޭނައަކީ ސޯޝަލް މީޑިއާތަކުގައި އެމީހެއްގެ ވާހަކަ އަބަދުހެން ދައްކާވަރުގެ ޝަޚުސިއްޔަތަކަށްވިއެވެ. ތާއީދުކުރާމީހުން ގިނަވިޔަސް ފާޑުކިޔާމީހުންވެސް އުޅެއެވެ. ގިނައީ ރާހިލްގެ ކާމިޔާބަށް ހަސަދަވެރިވާމީހުންނެވެ. މުއްސަދި ޒުވާނަކަށްވެފައި އެހާ ރީއްޗެވެ. ނެތީ ކޮންކަމެއްހެއްޔެވެ؟ އޭނަ ކުރަން ޖެހޭ ހިތާމަައެއް އޮންނާނެކަމަކަށް އެއްވެސް މީހަކު ނުދެކެއެވެ. ދުނިޔެއިން ރާހިލްވަނީ ހުރިހާ އެއްޗެއް މިލްކުކޮށްފައެވެ. ނަމަވެސް އެހުރިހާ އުފަލަކާއި މަޝްހޫރުކަމަކާއިއެކު ރާހިލްއަށް ނުލިބޭ އެއްޗެއްވެއެވެ. ލޯތްބެވެ.

ރާހިލް ބޮޑެތި ވިޔަފާރިވެރިންތަކާއި ބައްދަލުކޮށް މީޓިން ނިންމާފަ ނުކުމެގެން އައިއިރު އޭނަގެ ރީތި ލޯ ފޮރުވާފައިވަނީ ރޭބަން އައިނަކުންނެވެ. އޭނަގެ ބޮޑީގާޑްވެސް ސްމާޓްކަމުން އެހާވަރެވެ. ރާހިލްއާއި އެއްހަމައެއްގައި ވާހަކަދައްކަމުން އަލީސާއައިއިރު އަލީސާގެ މޫނުމަތިންވެސް ފެންނަނީ މިއަދުގެ ކާމިޔާބުން ލިބުނު އުފާވެރިކަމެވެ. ދެމީހުން އެކީގައި އޮފީހަށްގޮސްފައި ކެބިންގައި ކައިރީގައި ހީހީފައި ވާހަކަދައްކަން ތިބިއިރު ބޮޑަށް ދެއްކީ ޕްރޮޖެކްޓްތަކުގެ ވާހަކައެވެ.

އަލީސާ ގެއަށް އައިއިރު އިރުއޮއްސެނީއެވެ. އަވަހަށް ހެދުން ބަދަލުކޮށްލައިގެން ކާކޮޓަރިއަށްވަދެ ރޭގަނޑަށް ކައްކަން އުޅުނެވެ. އަލީސާ ނުކައްކަންޏާ އެގޭގައި ހުންނާނީ ހޮޓެލް ކާނާއެވެ. ރުޚުސާނާ އަދި މިސްކުވެސް ކައްކާކަށް ނޫޅޭނެއެވެ. ހޮޓަލުން ގަނެގެން ކެއުމަށްވުރެ އަލީސާ ބޭނުމީ ގޭގައި ތައްޔާރުކުރާ ކާނާއެވެ. ހުކުރުދުވަހު އަލީސާ މީރުކޮށް ކެއްކުމަކީ ގޭގެ އެންމެނަށް ލިބޭ ހިތްހަމަޖެހުމެކެވެ. އެވަރުންވެސް ރުޚުސާނާގެ ފަރާތުން ދުވަހަކު ހެޔޮ ބަހެއްނުލިބޭތާގައި އަބަދު ހުންނަނީ މޫނު ކަޅުފޮއި ރޭގަނޑެއްހެން ހަދާލައިގެންނެވެ. އަލީސާއަށް ފައިސާ ނުލިބެނީއެއް ނޫނެވެ. ރާހިލްގެ އަތުން ބޮޑު މުސާރަ ލިބޭއިރުވެސް އޭނަ އެއިހުސާންތެރިކަން ހަދާންނައްތައެއްނުލައެވެ. އޭނަ ލިބޭ މުސާރައިގެ ބޮޑުބައި ފޮރުވާނީ ރާހިލްދިން ފައިސާ އަނބުރާ ދައްކާށެވެ. އެހެންވީމަ އެހެން އަންހެންކުދިންފަދައިން ހެދުމަށާއި ގަހަނާ އަދި ސެންޓަށް ޚަރަދުކުރާކަށް އޭނައަކަށް ނުކެރޭނެއެވެ. ކައިލަން އުޅޭލެއް ދަތިކަންވެސް އަލީސާއަށް އެނގެއެވެ.

އަލީސާ ކައްކާ ނިމިގެން ކާން ހަދާފައި ކޮޓަރިއަށްވަދެ ފެންވަރާލައިގެން ނަމާދުކޮށްލިއެވެ. އެއަށްފަހު ސިޓިންރޫމްގައި އިނދެލާފައި ކޮޓަރިއަށްވަންއިރު ކައިލަން އިނީ ލެޕް ހުޅުވައިގެން މޭޒުކައިރީގައެވެ.

"އަލީސާ މިއީ ކޮންކަމެއްތަ؟ "ކައިލަން ކުއްލިއަަކަށް ބުމަ ގޮށްޖަހާލާފައި ބުނި އެއްޗަކުން އަލީސާގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު