ވެލެންސިޔާ މައްސަލަ މި ހަފްތާ ތެރޭ ނިމޭނެ: އެފްއޭއެމް

މި އަހަރުގެ ކުރީކޮޅު ކްލަބް ވެލެންސިޔާއިން ބޭއްވި ތަމްރީނު ސެޝަނެއްގެ ތެރެއިން ---- ފޮޓޯ/ ވެލެންސިޔާ

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އާއި ފީފާގެ ނައިބު ރައީސް ޕްރިންސް އަލީ ބިން އަލް ހުސެއިންގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އެޅޭފަދަ ގޮތަކަށް ކްލަބް ވެލެންސިޔާއިން ފީފާއަށް ސިޓީއެއް ފޮނުވި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނެރީ ކޮމިޓީން މިހާރު ބަލަމުން ގެންދާއިރު، އެ މައްސަލާގައި މި ހަފްތާތެރޭ ގޮތެއް ނިމޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މިއަދު 'ސަން'އަށް މައުލޫމާތު ދެމުން އެފްއޭއެމްގެ އޮފިޝަލް ހުސެއިން ޖަވާޒް ވިދާޅުވީ ވެލެންސިޔާގެ މައްސަލަ ޑިސިޕްލިނެރީ ކޮމިޓީން މިޙާރު ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި، މި ހަފްތާތެރޭ އެ މައްސަލަގައި ވަކި ގޮތެއް ނިމޭނެ ކަމަށެވެ.

"ކްލަބް ވެލެންސިޔާގެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނެރީ ކޮމިޓީން މިހާރު ވަރަށް ބާރަށް އެބަ ކުރިއަށް ގެންދޭ. މި ހަފްތާތެރޭ އެ މައްސަލައިގައި ވަކި ގޮތެއް ނިމޭނެ. ޑިސިޕްލިނެރީ ކޮމިޓީ އަކީ ވަރަށް މިނިވަންކަމާއެކު މަސައްކަތްކުރާ ކޮމިޓީއެއް، އެ މައްސަލަ އެ ކޮމިޓީން ދަނީ ވަރަށް ރަނގަޅަށް ދިރާސާ ކުރަމުން. ގޮތެއް ނިންމަން ތަންކޮޅެއް ދުވަސް ވެގެން މި ދިޔައީ އެ ސަބަބަށްޓަކައި،" ޖަވާޒް ވިދާޅުވިއެވެ.

މި ހަފްތާގެ ބުދަ ދުވަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިޔާ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، ޖަވާޒް ވިދާޅުވީ އެ މައްސަލައިގައި ކްލަބް ވެލެންސިޔާ ސަސްޕެންޑު ކުރަން ޑިސިޕްލިނެރީ ކޮމިޓީން ނިންމައިފިނަމަ ދެން ކަންތައް ކުރާނެ ވަކި ގޮތެއް ނިންމާނީވެސް ޑިސިޕްލިނެރީ ކޮމިޓީން ކަމަށެވެ.

"ލީގުގައި ވެލެންސިޔާ ކުޅޭ މެޗުގެ ކުރިން އެ ޓީމަށް ސަސްޕެންޝަނެއް އައިއްސި ނަމަ، ދެން ކަންތައް ކުރާނެ ގޮތެއް ވެސް ނިންމާނީ ޑިސިޕްލިނެރީ ކޮމިޓީން. ފިޔަވަޅު އަޅާނީ ވަކި ފަރާތަކާ މެދުތޯ، ނޫނީ ކްލަބާ މެދުތޯ ނިންމާނީ ކޮމިޓީން، އެހެންކަމުން އެގޮތަށް އެކަން ނިމިއްޖެ ނަމަ ގެންނަން ޖެހޭ ބަދަލުތަކެއް ނިންމާނީ އަދި ފަހުން،" ޖަވާޒް ވިދާޅުވިއެވެ.

ވެލެންސިޔާގެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނެރީ ކޮމިޓީއަށް ފޮނުވާފައި ވަނީ، އެފްއޭއެމްގެ އެކްސްޓްރާއޯޑިނެރީ ކޮންގްރެސްގައި އެ އެސޯސިއޭޝަނަށް މިފަހަރު ފީފާ އިން ބޮޑު ބަޖެޓެއް ހަމަޖެހުނީ ފީފާގެ ނައިބު ރައީސް ޕްރިންސް އަލީގެ އެހީތެރިކަމާއެކު ކަމަށް ޝަވީދު ވިދާޅުވި ކަމަށް ބުނެ މިދިޔަ މަހުގެ 28 ވަނަ ދުވަހު، އެ ކްލަބުން ފީފާއަށް ސިޓީ ފޮނުވުމުން ނެވެ.

އެކަމާ ގުޅޭގޮތުން އެފްއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަވީދު ވަނީ ހާމަކަން ބޮޑުގޮތެއްގައި އެފްއޭއެމުން ބޭއްވި ކޮންގްރެސްއެއްގައި ދެއްކި ވާހަކަތަކާ މެދު ވެލެންސިޔާ އިން ދޮގުހަދައިގެން ވާހަކަ ފެތުރުމުން، އެކަން ކުށްވެރިކޮށް، ފީފާއިން ވެސް އެ ކްލަބާ މެދު ފިޔަވަޅު އަޅަން ބާރު އަޅާފައިވާކަން ހާމަކޮށްފަ އެވެ.

comment ކޮމެންޓް