ވެލެންސިއާއަށް ކުޅުނު ބޯހަސް މިރޭ ސްޕެއިންގެ އެސްޕަނިޔޯލްއާ ދެކޮޅަށް

ބޯޖަސް ދިވެހި ޕްރިމިއާ ލީގު މެޗެއްގެ ތެރެއިން --- ފޮޓޯ/ ދިވެހި ޕްރިމިއާ ލީގު

ވޭތުވެދިޔަ ދެ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ ކުލަބު ވެލެންސިއާއަށް ކުޅުނު ބޯހާސް މާޓިން, ސްޕެއިންގެ އެސްޕަނިޔޯލާ ދެކޮޅަށް ނިކުންނަންް ތައްޔާރުވެއްޖެއެވެ.

ބޯހަސް އަކީ ވެލެންސިއާއަށް ކުޅުނު މޮޅު ފޯވާޑެކެވެ. އޭނާ މިހާރު ކުޅެމުންދަނީ ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަންގެ ކުލަބެއްކަމަށްވާ އެތުލެޓިކޯ ޕާސޯ އަށެވެ.

އޭނާ މިރޭ އެސްޕަނިޔޯލާ ދެކޮޅަށް ނިކުންނާނީ ސްޕެއިން ކަޕްގެ މެޗެއްގައެވެ. ޕާސޯއަށް އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގެ ހަތަރު ވަނަ ޑިވިޝަންގައި އެ ޓީމު ވާދަކުރި ބައިގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ.

އޭނާ ވެލެންސިއާގައި ކާމިޔާބު ދެ ސީޒަން ހޭދަކުރުމަށްފަހު ޕާސޯއަށް ބަދަލުވީ މިދިޔަ އޮގްސްޓު މަހުގެ ތެރޭގައެވެ. ބޯހަސް ވެލެންސިއާ ޖާޒީގައި ވަނީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މަގާމު ހޯދައިފައެވެ. އަދި އޭނާ ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ތަށި ވެސް ވެލެންސިއާއާއެކު އުފުލާލައިފައެވެ.

ޕާސޯއަށް ބަދަލުވެ, އެ ޓީމުގައި ވެސް ބޯހަސް އަންނަނީ ތަފާތު ދައްކަމުންނެވެ. އެގޮތުން އެ ޓީމަށް ކުޅެދިން 11 މެޗުގައި އޭނާ ވަނީ ތިން ގޯލު ޖަހައިދީފައެވެ.

އެސްޕަނިޔޯލަކީ ސްޕެއިންގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޓީމެކެވެ. މި ސީޒަންގައި އެ ޓީމު ކުޅުނު 14 މެޗުން 12 ޕޮއިންޓު ހޯދައިގެން އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގައެވެ. އެ ޓީމަކީ ލަލީގާ ކާމިޔާބުނުކުރެވި އެންމެ ގިނަ ފަހަރަށް ލަލީގާގައި ގުޅޭ ޓީމެވެ.

comment ކޮމެންޓް