އުމުރުން 14 އަހަރުގައި އިލާންއާއި އީތަން ރާއްޖޭގެ މަތީ ފަންތީގެ ފުޓުބޯޅައަށް

އިލާންއާއި އީތަން --- ފޮޓޯ/ ސިޑިބަރި

އުމުރުން 14 އަހަރުގައި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ ކުޅުމުގެ ޝަރަފް މުހައްމަދު އިލާން އިމްރާން އާއި އީތަން އިބްރާހިމް ޒަކީ ހޯދައިފިއެވެ.

ރޭ ޕްރެޒިޑެންޓަސް ކަޕްގައި ވެލެންސިއާއި ސަސް ބައްދަލުކުރި މެޗުގައި ވެލެންސިއާގެ ޖާޒީގައި އިލާން އާއި އީތަން ވަނީ ކުޅެފައެވެ.

އެގޮތުން އުމުރުން 14 އަހަރާއި ދެމަހާއި 28 ވަނަ ދުވަހުގައި އިލާން ވަނީ ރޭގެ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި މަތީ ފަންތީގެ ފުޓުބޯޅަ މެޗެއް ކުޅުނު އެންމެ ހަގު ކުޅުންތެރިއާގެ ޝަރަފް ހޯދައިފައެވެ.

ރޭ ވެލެންސިއާއިން ނެރުނު ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނިކުތް އީތަން ރޭގެ މެޗަށް ނިކުތްއިރު އުމުރަކީ 14 އަހަރާއި ފަސް މަހާއި އަށް ދުވަހެވެ. އެހެންކަމުން އީތަން އަކީ ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި މަތީ ފަންތީގެ ފުޓުބޯޅަ މެޗެއް ކުޅުނު ދެވަނައަށް އެންމެ ހަގު ކުޅުންތެރިއާއެވެ.

ރޭގެ މެޗުން 5-0 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިވި ނަމަވެސް އީތަންއާއި އިލާންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ރޭ ވެލެންސިއާ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި އެ ދެ ކުޅުންތެރިން ހިމެނޭނެއެވެ.

އެ ދެ ކުޅުންތެރިންނަށް ބޯޅަ ލިބުމުން ސަސްގެ ޑިފެންޑަރުން މުޅިން ހާސްކޮށްލައެވެ. އެ ދެ ކުޅުންތެރިންގެ ހުނަރާއި ސްޕީޑް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޑިފެންޑަރުން ނައްޓާލައެވެ. އެގޮތުން ދެވަނަ ހާފުގައި އިލާން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

އިލާން އަށް ވަނީ ޔޫއޭއީގެ ކުލަބަކުން ޓްރަޔަލްއެއް ފުރިހަމަ ކުރުމުގެ ފުރުސަތު ވެސް ލިބިފައެވެ. އޭނާއަށް ލިބިފައިވަނީ ޔޫއޭއީގެ ވަރުގަދަ ކްލަބެއް ކަމަށްވާ އަލް އައިންގެ ޔޫތު ޓީމުގައި ޓްރަޔަލެއް ފުރިހަމަ ކުރުމުގެ ފުރުސަތެވެ.

އިލާންގެ ކުޅުން އިތުރަށް ބެލުމަށް ފަހު އޭނާގެ ކުޅުމާ މެދު އެ ކުލަބުން ހިތްހަމަ ޖެހޭ ކަމުގައި ވަނީ ނަމަ އިލާންއަށް އެ ޓީމުގެ ޔޫތު ޓީމުން ރަސްމީ ހުށަހެޅުމެއް ހުށަހަޅަން ވެސް ވަނީ ހަމަޖެހިފައެވެ.

އިލާން އެންމެ ފުރަތަމަ ފުޓުބޯޅަ ކުޅެން ފަށައިފައިވަނީ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ)އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ޔޫތު ޓީމަށް ވެސް ކުޅެފައެވެ.

އެންމެ ފަހުން ބޭއްވި 14 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި އިލާން ވަނީ ކުލަބު ވެލެންސިއާއަށް ކުޅެފައެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ވެސް ވެލެންސިއާއެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ނިމުނު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި އޭނާ ވަނީ އިސްކަންދަރު ޓީމަށް ކުޅެ އޭނާގެ ޖާދޫ ދައްކާލައިފައެވެ.

އިލާން ބޮޑަށް ފާހަގަކުރެވުނީ އޭނާގެ ގޯލު ޖެހުމުގެ ހުނަރުންނެވެ. އޭނާ ވަނީ ނިމިދިޔަ ޔޫތު ޗެމްޕިއަންޝިޕްގައި ކުލަބު ވެލެންސިއާއަށް ކުޅުނު އަށް މެޗުން 35 ގޯލު ޖަހައިފައެވެ. އަދި 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި އިސްކަންދަރު ސްކޫލު ޓީމަށް ކުޅެދިން ހަ މެޗުން 38 ގޯލު އިލާން ވަނީ ޖަހައިފައެވެ.

comment ކޮމެންޓް